އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އިންޑިއާއަކީ މުޑުދާރު ތަނެއް ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި  ޕޯސްޓުކުރުމުން އިންޑިއާ ސަރުކާރުން އެކަން ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފި އެވެ.

މިކަން ހިނގާފައި މި ވަނީ އިންޑިއާ އާއި އެމެރިކާގެ ގާތް ގުޅުން މި ފަހުން ގޯސްވެފައި ވަނިކޮށް އެކަން ބަދަލުކުރުމުގެ މަގްސަދުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންނަ މަހު އިންޑިއާއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައި ވަނިކޮށެވެ.

ބުދަ ދުވަހުގެ ރޭ ޓްރަމްޕް ޕޯސްޓްކުރެއްވި ލިޔުމެއްގައި ވަނީ އެމެރިކާގެ ފަސްގަނޑަށް އުފަންވާ ކޮންމެ ކުއްޖަކަށް އޮޓޮމެޓިކުން ރައްޔިތުކަން ލިބޭ ގާނޫނަށް ފާޑުކިޔައިފަ އެވެ. އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާގެ ހިޖުރަވެރިން، އެމެރިކާގެ ދޮން މީހުންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި އިސްކަންދެނީ އެ މީހުންގެ މީހުންނަށެވެ. އަދި އިންޑިއާ މީހުންނަށް އިނގިރޭސި ބަސް ރަނގަޅަށް ނޭނގޭ ކަމަށް ވެސް އެ ލިޔުމުގައި ބުނެ އެވެ. 

"މިތަނަށް އުފަންވާ ކުއްޖާ ވަގުތުން ރައްޔިތަކަށް ވޭ. އެއަށްފަހު އޭނާގެ މުޅި އާއިލާ ޗައިނާ ނުވަތަ އިންޑިއާ ފަދަ ދުނިޔޭގެ އެހެން ނަޖިސް ތަނަކުން މިތަނަށް ގެނޭ،" ޓްރަމްޕް ހިއްސާކުރެއްވި، އެހެން މީހަކު ލިޔެފައިވާ ކަމަށް ބެލެވޭ ލިޔުމުގައިވެ އެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް، ބަލައިނުގަނެވޭނެ ހަޑިމުޑުދާރު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮންނަ އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ހިޖުރަވެރި އާއިލާއަކަށް އުފަން އެމެރިކާގެ ކޮންގްރެސް މެންބަރު އަމީ ބޭރާ ވިދާޅުވީ، ޓްރަމްޕްގެ މި އަމަލަކީ އޭނާ ހުންނެވި މަގާމުގެ ގަދަރާ ނުބައްދަލު، ނަފުރަތުން ފުރިގެންވާ އަމަލެއް ކަމަށެވެ. "ހިންދޫ އެމެރިކަން ފައުންޑޭޝަން" އިން ބުނި ގޮތުގައި، ރައީސްގެ މިފަދަ ވާހަކަތަކުގެ ސަބަބުން ނަސްލީ ތަފާތުކުރުންތަކާއި ނަފުރަތު އިތުރުވެ، އެމެރިކާގައި އުޅޭ އިންޑިއާ މީހުންގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދެ އެވެ.

ޓްރަމްޕް ވަނީ މީގެ ކުރިން ވެސް އިންޑިއާގެ ޓެކް މަސައްކަތްތެރިންގެ ވިސާތަކަށް ހުރަސްއަޅައި، އިންޑިއާއިން އެމެރިކާގެ މުދަލުން ނަގާ ޓެކްސްއާ ގުޅިގެން އިންޑިއާއަށް ޓެރިފްތައް ބޮޑުކޮށްފަ އެވެ. މިއީ ޗައިނާގެ ބަދަލުގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ބަލައިގެން، ކުރީގެ ރައީސުން ގެންގުޅުއްވި ސިޔާސަތާ މުޅިން ތަފާތު އަމަލުތަކެކެވެ.