މިދިޔަ އޮކްޓޯބަރު މަހު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް، އިޒްރޭލުން ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި މަދުވެގެން 13 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ފަސް މީހުން ހިމެނެ އެވެ. ޣައްޒާގައި ހަމަލާތައް ބަދަލުކުރުން ރަސްމީކޮށް ހުއްޓާލާފައި އޮތް ނަމަވެސް، އިޒްރޭލާއި ހަމާސްއިން ދަނީ އެއްބަސްވުމާ ހިލާފުވާ ކަމަށް އެއްބަޔަކު އަނެއްބަޔަކު ތުހުމަތު ކުރަމުންނެވެ.
އިޒްރޭލުން އިއްޔެ، ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި އޮތް ފުލުހުންގެ ވެހިކަލަކަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ކުޑަކުއްޖަކާ އެކު ޖުމްލަ 8 މީހުން ޝަހީދުވި އެވެ. ޣައްޒާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރެއިން ދެ މީހުންނަކީ ފުލުހުންނެވެ.
ބައިތު ލާހިޔާގައި، ކަމާލް އަދުވާން ހޮސްޕިޓަލް ކައިރީގައި ހުރި އާންމުންގެ ގެތަކަށް އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި އަންހެނަކާއި އޭނާގެ ދެ ދަރިން ވަނީ ޝަހީދުވެފަ އެވެ. މީގެ އިތުރުން ޣައްޒާ ސިޓީގައި ފުލުހުންގެ ޕެޓްރޯލް ޓީމަކަށް ދިން ހަމަލާއެއްގައި ދެ ފުލުހުން ޝަހީދުވެ، އިތުރު ދެ މީހަކު ޒަހަމްވި އެވެ.
ޝަހީދުވި މީހުންގެ ތެރޭގައި 12 އަހަރުގެ ކުއްޖަކު ހިމެނޭއިރު، ޝިފާ އަދި ނާސިރު ހޮސްޕިޓަލުން ވަނީ 12 މީހެއްގެ މައުލޫމާތު ވެސް ހާމަކޮށްފަ އެވެ.
ޝިފާ ހޮސްޕިޓަލުގައި ހުރި މުހައްމަދު އަލް-ގައްސާސް ނަމަކަށް ކިޔާ މީހަކު އޭއެފްޕީއަށް ކިޔައިދިން ގޮތުގައި "ހަނގުރާމަ ދުވަހަކުވެސް ނުހުއްޓެ" އެވެ.
އިޒްރޭލު ސިފައިން ނެރުނު ކުރު ބަޔާނެއްގައި ބުނީ، ޣައްޒާގެ އުތުރުގައި ހަރަކާތްތެރިވި ހަމާސްގެ ހަތިޔާރު އެޅި "ޓެރަރިސްޓުން" ނައްތާލުމަށް ވައިގެ ހަމަލާއެއް ދީފައިވާނެ ކަމަށެވެ. ނަމަވެސް ހަމާސްއިން ވަނީ މިއީ އިޒްރޭލުން މުޅި ޣައްޒާގައި ހިންގަމުންދާ ރަހުމުކުޑަ އަމަލުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލި ފަހުން ވެސް، އިޒްރޭލުގެ ހަމަލާތަކުގައި ގައްޒާއިން މަދުވެގެން 792 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. ހަމަ އެ މުއްދަތުގައި އިޒްރޭލުގެ ފަސް ސިފައިން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. -- އޭއެފްޕީ