އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުން ދުރުކުރުމުގެ މަގުސަދުގައި، އެ ގައުމުގެ ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ އިދިކޮޅު ލީޑަރު ޔައީރު ލަޕިޑާއި ނަފްތާލީ ބެނޭޓް ކުރިއަށް އޮތް އިންތިހާބުގައި ގުޅިވަޑައިގެން މަސައްކަތްކުރަން ނިންމައިފި އެވެ.
ލަޕިޑް ބުނީ، އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގައި ވާދަކުރާނީ ދެ މީހުން ހިއްސާވާ "އެއް ލިސްޓެއްގައި" ކަމަށެވެ. މިކަން އާދިއްތަ ދުވަހު ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވެސް ބުންޏެވެ.
ސޯޝަލް މީޑިއާ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ލަޕިޑް ބުނީ، ދެ މީހުން އިއުލާނުކުރާނީ "އިޒްރޭލުގެ ދައުލަތް މަރާމާތު ކުރުމުގެ ފުރަތަމަ ފިޔަވަޅު" ކަމަށެވެ. އެއީ 'ޔޭޝް އަތިދު' ޕާޓީ އާއި 'ބެނެޓް 2026' އެއްކޮށްލައި، ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އިސްކޮށް ހުންނަ އެއް ޕާޓީއަކަށް ބަދަލުވުމެވެ.
"މި ނިންމުމާ އެކު 'ރިޕެއާ ބްލޮކް' އެއްގަލަކަށް އަރައި، އިޒްރޭލަށް ބޭނުންވެފައިވާ މަރާމާތަށް ހުރިހާ މަސައްކަތެއް އަމާޒުކުރެވޭނެ،" ލަޕިޑް ލިޔެފައިވެ އެވެ.
މި ދެ މީހުންނަކީ ވެސް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނަތަންޔާހޫ ހަނގުރާމަ ކުރިއަށްގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހުންނެވެ. އެގޮތުން ދާދި ފަހުން އީރާނާ އެކު، ހަމަލާތައް ދެ ހަފުތާއަށް މެދުކަނޑާލަން އެއްބަސްވުމަކީ "ސިޔާސީ ކާރިސާއެއް" ކަމަށް ލަޕިޑް ވަނީ ސިފަކޮށްފަ އެވެ.
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމަށް ތާއީދުކުރާ ކަނާތު ފިޔާގެ ބެނެޓް އާއި މެދުމިނުގެ ވިސްނުން ގެންގުޅޭ ލަޕިޑް ވަނީ މީގެ ކުރިން 2021 ވަނަ އަހަރުގެ ޖޫން މަހު ކޯލިޝަން ސަރުކާރެއް އުފައްދައިފަ އެވެ.
އެ ސަރުކާރު ދެމިއޮތީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ. އެއީ ކޯލިޝަން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބެނެޓް ބުނުމާ ގުޅިގެންނެވެ. ނަތަންޔާހޫ ވެރިކަމަށް އައީ އޭގެ ފަހުން އުފެދުނު މިހާރުގެ ސަރުކާރާ އެކުގަ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު މަހުގެ އިންތިހާބުގައި ނަތަންޔާހޫ ބަލިކުރުމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ބެނެޓެވެ.
އުމުރުން 54 އަހަރުގެ ބެނެޓަކީ އެމެރިކާއިން ހިޖުރަކުރި ބައެއްގެ ދަރިއެކެވެ. އޭނާއަކީ ޓެކްނޮލޮޖީ ދާއިރާގެ ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ 2005 ވަނަ އަހަރު އޭނާގެ ސްޓާޓް-އަޕް ކުންފުނި 145 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.
ކުރީގެ ކޮމާންޑޯ އޮފިސަރެއްގެ ހައިސިއްޔަތުން، ބެނެޓަކީ އިޒްރޭލުގެ ޒުވާން ޖީލުގެ މެދުގައި މަގުބޫލު މީހެކެވެ.
އެއް އިރެއްގައި ނަތަންޔާހޫގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް، ބެނެޓް މިހާރު ވެފައިވަނީ އޭނާގެ ކުރީގެ ވެރިޔާގެ ސިޔާސަތުތަކާ ދެކޮޅު އެންމެ ވަރުގަދަ އެއް ޝަޚްސިއްޔަތަށެވެ.
އުމުރުން 62 އަހަރުގެ ލަޕިޑަކީ ކުރީގެ ނޫސްވެރިޔާ އަދި މިނިސްޓަރު ޓޮމީ ލަޕިޑްގެ ދަރިއެކެވެ. މަޝްހޫރު ޓީވީ ނޫސްވެރިއެއްގެ ގޮތުގައި އުޅުމަށް ފަހު ލަޕިޑް ސިޔާސީ ދާއިރާއަށް ވަނީ 2012 ވަނަ އަހަރު 'ޔޭޝް އަތިދު' ޕާޓީ އުފައްދައިގެންނެވެ. އެ ޕާޓީއަކީ މިހާރު އިޒްރޭލުގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ބާރެވެ.
ނަތަންޔާހޫ ރާވާފައިވަނީ އޮކްޓޯބަރުގެ އިންތިހާބުގައި ޕާޓީގެ ލިސްޓުގައި އޭނާ އިސްވެ ހުރެ ކުރިމަތިލާށެވެ. އުމުރުން 76 އަހަރުގެ ނަތަންޔާހޫ އަކީ އިޒްރޭލުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރި މީހާ އެވެ. އޭނާ ވަނީ އެކި ދައުރުތަކުގައި ޖުމްލަ 18 އަހަރަށްވުރެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކޮށްފަ އެވެ. -- އޭއެފްޕީ