އެމެރިކާގެ ބައެއް ޕާސްޕޯޓުތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމަނަން ފަށާނެ ކަމަށް އަންގާރަ ދުވަހު އޮފިޝަލުން ވިދާޅުވެއްޖެ އެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކުގައި ރައީސްގެ ނަމާއި ފޮޓޯ ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް އަމަލުކުރަމުން އައި އުސޫލުތަކާ ހިލާފް ނިންމުމެކެވެ.
ދުނިޔޭގެ އެއްވެސް ގައުމެއްގައި، ހާއްސަކޮށް ޑިމޮކްރަސީއެއްގައި، ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ފޮޓޯ ޕާސްޕޯޓުގައި ޖެހުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އަދި ޓްރަމްޕް ވެވަޑައިގަންނަވާނީ އެމެރިކާގެ ޓްރެވަލް ޑޮކިއުމެންޓްތަކުގައި ފޮޓޯ ޖަހާ، ވެރިކަމުގައި ހުންނެވި ފުރަތަމަ ރައީސަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، "ލިމިޓެޑް އެޑިޝަން" އެއްގެ ގޮތުގައި މި ޕާސްޕޯޓު ނެރެނީ އެމެރިކާގެ މިނިވަންކަމުގެ ބަޔާނަށް މިއަހަރު 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
އާންމުކޮށް، ސިޔާސީ ކަންކަމާ ދުރުގައި އޮންނަ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާގައި މި ޕާސްޕޯޓުގެ ނަމޫނާއެއް ދައްކާލައިފަ އެވެ. އޭގައި ފެންނަނީ ޖުލައި 4، 1776 ގެ މިނިވަންކަމުގެ ބަޔާނުގެ މަތީގައި، ހަރުކަށި ސިފައެއްގައި ފެންނަ ޓްރަމްޕްގެ ފޮޓޯއެކެވެ. އޭގެ ތިރީގައި ޓްރަމްޕްގެ ސޮއި ރަންކުލައިން ޖަހާފައިވެ އެވެ.
ދެވަނަ ލިމިޓެޑް އެޑިޝަން ޕާސްޕޯޓެއްގައި ފެންނަނީ އެމެރިކާގެ ބާނީންގެ ތާރީހީ ކުރެހުމެކެވެ.
"ޖުލައި މަހު އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރާއިރު، ސްޓޭޓް ޑިޕާޓްމަންޓުން ދަނީ މި ތާރީހީ މުނާސަބަތާ ގުޅިގެން ހާއްސަ ފަރުމާއެއްގެ ޕާސްޕޯޓުތަކެއް ދޫކުރުމަށް ތައްޔާރުވަމުން،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވި އެވެ.
ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކެވި އެހެން އޮފިޝަލަކު ވިދާޅުވީ، ޓްރަމްޕްގެ ފޮޓޯ ހިމެނޭ ޕާސްޕޯޓު ލިބޭނީ ހަމައެކަނި ވޮޝިންޓަންގައި ހުންނަ އޮފީހަށް އަމިއްލައަށް ހާޒިރުވެގެން ޕާސްޕޯޓް ހަދާ މީހުންނަށް ކަމަށެވެ. އަދި މީގެ ސަބަބުން އިތުރު ހަރަދެއް ނުހިނގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕާސްޕޯޓަށް އެދޭ މީހުންނަށް ޓްރަމްޕްގެ ފޮޓޯ ޖެހުމާއި ނުޖެހުމުގެ އިހްތިޔާރު އޮތްކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ގިނަ މީހުން ޕާސްޕޯޓަށް އެދެނީ ސަރަހައްދީ ޕޯސްޓް އޮފީސްތައް މެދުވެރިކޮށް ކަމަށްވާތީ، އެ ތަންތަނުން މި ހާއްސަ އެޑިޝަނެއް ނުލިބޭނެ އެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ މި މަސައްކަތާ ގުޅިގެން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ސެކްރެޓަރީ ރޫބިއޯ، ޓްރަމްޕްގެ އަމިއްލަ ފަހުރުވެރިކަން އިތުރުކުރުމަށް އެމެރިކާގެ ޓެކްސް ފައިސާ އިސްރާފުކުރުމުގެ ބަދަލުގައި، އޭނާގެ ބޮސް (ޓްރަމްޕް) އީރާނާ އެކު ކުރަން ބޭނުންވާ ހަނގުރާމަ ހުއްޓުވުމަށް ވަގުތު ހޭދަކުރެއްވުން މާ ރަނގަޅުވާނެ،" ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ ޑިމޮކްރެޓުން އެކްސްގައި ލިޔުއްވާފައި އެވެ.
ޕާސްޕޯޓުގައި ކުރެހުންތައް ހިމަނާ ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ގައުމެއްގައިވެސް ހިމަނަނީ ތާރީހީ ތަންތަން ނުވަތަ ގުދުރަތީ ރީތި މަންޒަރުތަކެވެ. އެންމެ ކުޑަމިނުން، ލީޑަރު ކިމް ޖޮންގް އުންގެ ފޮޓޯ މުޅި ގައުމު ފުރާލާފައިވާ އުތުރު ކޮރެއާގެ ޕާސްޕޯޓުގައި ވެސް އޭނާގެ ފޮޓޯއެއް ނީނދެ އެވެ. އޭގެ ބަދަލުގައި އިންނަނީ އެ ގައުމުގެ ހާއްސަ ފަރުބަދައެއް ކަމަށްވާ މައުންޓް ޕައެކްޓޫ އެވެ.
އެމެރިކާގެ މިހާރުގެ ޕާސްޕޯޓުތަކުގައި ހުންނަނީ ހަނދަށް އިންސާނުން ދިޔަ މަންޒަރާއި، ސްޓެޗޫ އޮފް ލިބަޓީ ފަދަ ތާރީހީ ތަންތަނެވެ.
މިދިޔަ އަހަރު އަލުން ވެރިކަމަށް ވަޑައިގަތް ފަހުން، ޓްރަމްޕް ވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ މިންވަރަށް ސަރުކާރުގެ މުއައްސަސާތަކުގައި އޭނާގެ ނަމާއި ފޮޓޯ ބޭނުންކޮށްފަ އެވެ.
މިދިޔަ މަހު ޓްރެޒަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެމެރިކާގެ ޑޮލަރު ނޫޓުގައި ވެސް ވަރަށް އަވަހަށް ޓްރަމްޕްގެ ސޮއި ފެންނަން ފަށާނެ އެވެ. މިއީ ވެސް އަލަށް ފެންނާނެ ކަމެކެވެ.
އިނގިރޭސިވިލާތާއި ކޮމަންވެލްތު ގައުމުތަކުގެ ފައިސާގައި ކިންގް ޗާލްސްގެ ފޮޓޯ ހުރި ނަމަވެސް، އެއީ ސިޔާސީ ކަންކަމުގައި ސީދާ ބައިވެރިވެވަޑައިނުގަންނަވާ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ.
ސާވޭތަކުން ދައްކާ ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ސައްހަ ޕާސްޕޯޓެއް އޮންނަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ އަތުގަ އެވެ. އަދި ޓްރަމްޕަށް ވޯޓު ދިން ސްޓޭޓްތަކުގެ މީހުން ގައުމަށް ބޭރަށް ދަތުރުތައް ކުރުން ނިސްބަތުން މަދެވެ. -- އޭއެފްޕީ