ސްރީ ލަންކާގައި މިއަދު ތެލުގެ އަގު ގާތްގަނޑަކަށް ހަތަރު ޕަސެންޓަށް ބޮޑުކޮށްފި އެވެ.
މިއާ އެކު މިދިޔަ މަހު ދެގުނައަށްވުރެ އިތުރުވި އިންފްލޭޝަން ނުވަތަ މުދަލުގެ އަގުތައް އުފުލުމުގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މާޗު މަހުން ފެށިގެން މިހާ ހިސާބަށް ސްރީ ލަންކާއިން ވަނީ ތެލުގެ އަގު 35 ޕަސެންޓަށްވުރެ ބޮޑުކޮށްފަ އެވެ. އަދި ހަމަ މި މިންވަރަކަށް ގޭހާއި ކަރަންޓުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.
ތެލުގެ ސަޕްލައިގައި ހުރި ދަތިތަކާ ހެދި އެ ގައުމުން ވަނީ ތެޔޮ ލިބޭ ވިއްކުން ވެސް ކޮންޓްރޯލްކޮށްފަ އެވެ.
ދައުލަތުގެ ކުންފުޏެއް ކަމަށްވާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން މިއަދު ވަނީ ދަނޑުވެރިކަމުގެ އާލަތްތަކުގައި ބޭނުންކުރާ ކަރާސީނު ލީޓަރެއްގެ އަގުން 10 ރުޕީސް ބޮޑުކޮށްފަ އެވެ. އެއީ ލީޓަރެއް، 265 ރުޕީސްއަށް (ގާތްގަނޑަކަށް 13ރ.) އެވެ.
ޕެޓްރޯލް ލީޓަރެއްގެ އަގުން 12 ރުޕީސް ބޮޑުކޮށް 410 ރުޕީސްއަށް (20ރ.) ބޮޑުކޮށްފައި ވާއިރު، ޑީސަލް ލީޓަރެއްގެ އަގުން ވަނީ 10 ރުޕީސް ބޮޑުކޮށް 392 ރުޕީސް (19ރ.) އަށް ބ.
ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ހަކަތައިގެ އަގުތައް މަތިވުމުގެ ސަބަބުން އޭޕްރީލް މަހު އިންފްލޭޝަން ވަނީ ދެގުނައަށްވުރެ އިތުރުވެ 5.4 ޕަސެންޓަށް އަރައިފަ އެވެ.
ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސްއިން ބުނި ގޮތުގައި، ތެލާއި ކަރަންޓުގެ އަގުބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ހަރަދުތަކުގެ އިތުރުން ކާބޯތަކެތީގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.
ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރާނެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ކާރިސާއިން އެ ގައުމު މަޑުމަޑުން އަރައިގަންނަމުން ދާއިރު ތެލުގެ އަގާ ހެދި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެރި ތޫފާނުގެ ސަބަބުން ވެސް އެ ގައުމަށް ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. މި ތޫފާނުގައި މަދުވެގެން 643 މީހުން މަރުވެ، އެގައުމުގެ 22 މިލިއަން އާބާދީގެ 10 ޕަސެންޓަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން ގެއްލުންވި އެވެ.
ވޯލްޑް ބޭންކުން ބުނާގޮތުގައި، މި ތޫފާނުގެ ސަބަބުން އިމާރާތްތަކަށާއި ދަނޑުވެރިކަމަށް ސީދާ ގޮތުން 4.1 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ލަފާކުރެވެ އެވެ.
ލަންކާއިން އަންނަނީ 2023 ވަނަ އަހަރުގެ ކުރީކޮޅު އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީ ހޯދައި އިގްތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންނެވެ. -- އޭއެފްޕީ