ކަރަންޓު އުފެއްދުމަށް ހިނގާ ހަރަދު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބޮޑުވެފައި ވާތީ އެކަން ފޫބެއްދުމަށް މާދަމާއިން ފެށިގެން ކަރަންޓުގެ އަގު 18 ޕަސެންޓާ ހަމައަށް ބޮޑުކުރާނެ ކަމަށް ސްރީ ލަންކާގެ ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން ބުނެފި އެވެ.
ކަރަންޓުގެ އަގަށް މި ގެނައި ބަދަލަކީ މިދިޔަ މަހު ޓެރިފަށް ގެނައި 40 ޕަސެންޓުގެ އިތުރުކުރުމަށް ފަހު އޭގެ މައްޗަށް ގެނައި ބަދަލެކެވެ.
މަހަކު 180 ޔުނިޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ތަންތަނުން ހޯމަ ދުވަހުން ފެށިގެން އިތުރު 18 ޕަސެންޓް ދައްކަން ޖެހުނު ނަމަވެސް، އެއަށްވުރެ މަދުން ބޭނުންކުރާ ތަންތަނުގެ ބިލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލު އަންނާނީ މަހަކު 180 ޔުނިޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ސިނާއީ މަސައްކަތްކުރާ ތަންތަނާއި، ހޮޓާތަކާއި، ވިޔަފާރިތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ދީނީ މަރުކަޒުތަކަށް ކަމަށެވެ.
މިއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ގައުމުން އަޅަމުންދާ ސިލްސިލާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުން އެޅި ފިޔަވަޅެވެ.
ކަރަންޓުގެ އަގާ ގުޅުވައި ގެނައި ބަދަލުތަކުގެ ތެރޭގައި، ސްރީ ލަންކާއިން ވަނީ ތެލުގެ އަގު 35 ޕަސެންޓަށް ވުރެ ބޮޑުކޮށް، ތެޔޮ ވިއްކުން ކޮންޓްރޯލްކޮށްފަ އެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން ވަނީ ދެގުނައަށްވުރެ އިތުރުވެ، އޭޕްރީލް މަހު 5.4 ޕަސެންޓަށް އަރައިފަ އެވެ.
ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ހުސްވެ، 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ އަނދަވަޅުން ސްރީ ލަންކާ މަޑުމަޑުން އަރައިގަންނަމުން ދަނިކޮށް ކުރިމަތިވި ތެލުގެ ދަތިކަމާ ހެދި އެ ގައުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.
މިދިޔަ އަހަރު އެ ގައުމަށް އެރި ތޫފާނެއްގައި މަދުވެގެން 643 މީހުން މަރުވެ، 22 މިލިއަންގެ އާބާދީގެ 10 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް އޭގެ ނޭދެވޭ އަސަރު ކޮށްފައި ވާއިރު ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އެ ތޫފާނުގެ ސަބަބުން އިމާރާތްތަކަށާއި ދަނޑުވެރިކަމަށް ސީދާ ގޮތުން 4.1 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެ އެވެ.
އައި.އެމް.އެފުން 2023 ވަނަ އަހަރުގެ ކުރީކޮޅު އެއްބަސްވި 2.9 ބިލިއަން ޑޮލަރުގެ އެހީއާ އެކު އެ ގައުމުގެ ނާޒުކު އިގްތިސާދު ހަމައަކަށް އަޅުވަމުންދިޔަ ނަމަވެސް، ހަކަތައިގެ އަގު ބޮޑުވުމަކީ އިގްތިސާދު އިއާދަކުރުމަށް ކުރާ މަސައްކަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. -- އޭއެފްޕީ