އިރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ވާތީ އެ މަގުގައި ތާށިވެފައިވާ އުޅަނދުތައް ނެރެދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރެއްވުމަށް ފަހު އެ ކަނޑުއޮޅިއަށް ވަންނަން އައި އެމެރިކާގެ މަަވަރަކަށް ދެ މިސައިލުން ހަމަލާދީ ފަހަތަށް ޖައްސާފައިވާ ކަމަށް އީރާނުން ބުނެފި އެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މި ވާހަކަ ދޮގުކުރެ އެވެ. 

އިރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ އުޅަނދަކުން "އީރާންގެ ކަނޑުގެ ސިފައިންގެ އިންޒާރަށް ބެލުމެއްނެތި ދަތުރުކުރުމުން އެ އުޅަނދަށް މިސައިލް ހަމަލާއެއް ދީފައިވެ"  އެވެ. ނަމަވެސް ސެންޓްކޮމް އިން ބުނީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އެކަމަކު ހަމަލާއެއް ދިން ކަމެއް ނުވަތަ ދިން ހަމަލާއެއް އަމާޒު ނުވި ކަމަށް ބުނުން ފަދަ، ސީދާ ޖަވާބެއް މިކަމުގައި ދީފައެއް ނުވެ އެވެ. 

ސެންޓްކޮމް އިން ބުނިހާ ވެސް އެއްޗަކީ "އެމެރިކާގެ ކަނޑުގެ ސިފައިންގެ އެއްވެސް އުޅަނދަކަށް ހަމަލާއެއް އަރާފައި ނެތް" ކަމަށެވެ. އިތުރަށް ބުނީ އެމެރިކާގެ ސިފައިން ގެންދަނީ ހޮރްމޫޒް ކަނޑުއޮޅީގައި ބަންދުވެފައިވާ އުޅަނދުތަކަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށް ފެށި "ޕްރޮޖެކްޓް ފްރީޑަމް" އަށް އެއްބާރުލުން ދެމުން ކަމަށާއި އެއާ އެކު އިރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ދަމަހައްޓަމުން ކަމަށެވެ. 

އިރާނުގެ ފާސް ނިއުސް އެޖެންސީން އެކި މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ހަމަލާތަކަށްފަހު އެމެރިކާގެ އުޅަނދަށް ދަތުރު ކުރިއަށް ނުގެންދެވި، އެ ސަރަހައްދުން ފަހަތަށް ޖެހި ފިލަން މަޖުބޫރުވި އެވެ.

މި ހަމަނުޖެހުމުގެ ސަބަބުން މިހާރުވެސް ނާޒުކު ހާލަތެއްގައި އޮތް ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަށް ވަނީ އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ. 

އިރާނުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އެމެރިކާގެ ސިފައިން ހޮރްމޫޒް ކަނޑުއޮޅިއަށް ވަދެއްޖެ ނަމަ، އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށާއި އެގޮތަށް ވަންނަ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށެވެ.  

"ހަތިޔާރު އެޅި ބޭރުގެ އެއްވެސް ލަޝްކަރަކުން، ހާއްސަކޮށް އަނިޔާވެރި އެމެރިކާގެ އަސްކަރިއްޔާއިން ހޮރްމޫޒް ކަނޑުއޮޅިއާ ގާތްވާން ނުވަތަ އެ ސަރަހައްދަށް ވަންނަން އުޅެފި ނަމަ، އެ ފަރާތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެން،" އިރާނުގެ ސްޓޭޓް ބްރޯޑްކާސްޓަރު މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އިރާނުގެ އަސްކަރިއްޔާގެ ވެރިޔާ އަލީ އަބްދުﷲ އަލީއާބާދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަނީ އިސްލާމިކް ރިޕަބްލިކް އޮފް އިރާންގެ އަސްކަރިއްޔާއިން" ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް އެ ސަރަހައްދުން ދަތުރުކުރަންވާނީ އީރާނާ މަޝްވަރާކޮށްގެން ކަމަށެވެ.

އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރުން މިކަމާ ގުޅިގެން ބުނީ، އާންމުކޮށް ދަތުރުކުރާ މަގުތަކުގެ ދެކުނުން "ސެކިއުރިޓީ އިތުރަށް ހަރުދަނާކޮށްފައިވާ ސަރަހައްދެއް" ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި ދަތުރުކުރާ އުޅަނދުތައް ވީހާވެސް ގާތުން އޮމާންގެ ކަމާބެހޭ ފަރާތްތަކަށް އެނގިގެން މަސައްކަތް ކުރުމަށް އެދިފައިވެ އެވެ.