އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރުމަށް ފުރުސަތު ހޯދައިދޭން އެމެރިކާއިން ފަށާފައިވާ "ޕްރޮޖެކްޓް ފްރީޑަމް" ގެ ދަށުން އެމެރިކާގެ މަނަވަރުތަކެއް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކޮށްފައިވާ ކަމަށާއި އެމެރިކާގެ ދެ އާގުބޯޓެއް ކާމިޔާބުކަމާ އެކު އެ ކަނޑުޅި ހުރަސްކޮށް ދަތުރުކުރަމުން ގެންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެމެރިކާގެ ގައިޑެޑް-މިސައިލް ޑެސްޓްރޮޔާތަކެއް ވަނީ ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުތައް އެސްކޯޓުކޮށް ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދަށް ވަދެފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ބުނެފައިވާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު އިއުލާންކުރެއްވި "ޕްރޮޖެކްޓް ފްރީޑަމް" އަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރުމަށް ފަހު މި މަނަވަރުތައް މިހާރު ހަރަކާތްތެރިވަމުންދަނީ އަރަބި ކަނޑުގެ ސަރަހައްދުގަ އެވެ.

ސެންޓްކޮމް އިން ބުނީ "ވިޔަފާރި އުޅަނދުތަކަށް އަލުން ދަތުރުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެމެރިކާގެ އަސްކަރީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުން" ކަމަށާއި، "އެމެރިކާގެ ދިދާގައި ދަތުރުކުރާ ދެ ވިޔަފާރި އުޅަނދެއް ވަނީ ކާމިޔާބުކަމާ އެކު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް، ރައްކާތެރިކަމާ އެކު އެ މީހުންގެ ދަތުރު ކުރިއަށް ގެންގޮސްފައި" ކަމަށެވެ.

ތެލާއި ގޭސް އުފުލުމުގައި މުޅި ދުނިޔެ ބަރޯސާވާ މި ކަނޑުއޮޅި އީރާންގެ އަސްކަރިއްޔާއިން  ބަންދުކޮށްފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ-އިޒްރޭލުން އީރާނަށް ހަމަލާ ދިނުމުން އެކަމުގެ ރައްދުގަ އެވެ.  ހަމައެއާ އެކު، އެމެރިކާއިން ވެސް ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް އުޅަނދުތަކަށް ހުރަސްއަޅަމުންނެވެ.

ކަނޑުއޮޅީގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު އެމެރިކާ އާއި އީރާނުން ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފަހުން އަދި އުޅެނީ ދާއިމީ ސުލްހައަކަށް ދެވޭ ގޮތަކަށް މަޝްވަރާގައި ކުރިއެރުމެއް ނުލިބިގެންނެވެ. އެކަމަކު ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން މުއްދަތެއް ނެގި ދަންމާލާފައި ވާއިރު އެމެރިކާ އާއި އީރާނުން ވެސް ބުނަނީ ކޮންމެ ވަގުތެއްގައި ވެސް އަލުން ހަމަލާތައް ފެށިދާނެ ކަމަށެވެ.