ހޮރްމޫޒް ކަނޑުއޮޅީގައި ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށާއި އެކަމަކު އީރާނުން ހަމަލާ ދީފި ނަމަ ރައްދު ވަރަށް ވަރުގަދަވާނެ ކަމުގެ އިންޒާރު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދެއްވައިފި އެވެ.

ޕެންޓަގަންގެ ވެރިޔާ ވިދާޅުވީ، އެމެރިކާއިން މި ކަނޑުއޮޅީގައި "ހަނގުރާމައެއް ބޭނުމެއް ނޫން" ކަމަށެވެ. ނަމަވެސް އީރާނުގެ ހަމަލާތަކާ ދެކޮޅަށް އެމެރިކާގެ ވަރުގަދަ އަދި ނުރައްކާތެރި ބާރު ބޭނުންކުރަން އޮތީ ތައްޔާރަށް ކަމަށެވެ.  އޭނާ މި އިންޒާރު ދެއްވީ ސުލްހައިގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްގެ ވާހަކައަކާ ގުޅިގެންނެވެ. އޭނާ ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި "އީރާނުން އަދި ރައްދު ހަމަލާއެއް ނުވެސް ފަށާ" ކަމަށާއި އެކަން ފެށިއްޖެ ނަމަ ނުރައްކާ ބޮޑުވާނެ ކަމަށް ވިދާޅުވުވެފަ އެވެ. އަދި މިހާރު އޮތް ހާލަތަކީ "އެމެރިކާއަށް ދެމެހެއްޓެން ނެތް" ހާލަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ގާލިބާފް ވިދާޅުވީ، އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންގެ އަމަލުތަކުގެ ސަބަބުން ދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ "ނުބައި އަމަލުތައް މަދުވާނެ" ކަމަށާއި، އީރާނުން ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ޕެންޓަގަން އިން ބުނީ އެމެރިކާގެ ސިފައިންނަށް އަމުރުކޮށްފި ނަމަ، އީރާނާ ދެކޮޅަށް ހަނގުރާމައިގެ އޮޕަރޭޝަންތައް އަލުން ފަށަން މިހާރުވެސް އޮތީ ތައްޔާރަށް ކަމަށެވެ.  އަދި ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ދޭ ހަމަލާތަކަށް "ބޮޑު ގެއްލުމެއް ލިބޭފަދަ" ރައްދެއް ދޭނެކަމުގެ އިންޒާރު ދިނެވެ.

އީރާނުން ވަނީ އެމެރިކާގެ ސިފައިންނަށާއި ޔޫއޭއީގެ ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައި ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އީރާނުން ވަނީ ހަމަލާ ދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އަނެއްކޮޅުން އީރާންގެ ހަ އުޅަނދެއް ފައްތާލި ކަމަށް އެމެރިކާއިން ބުނާއިރު އީރާނުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. މި ކަންކަމާ ހެދި، އެމެރިކާ އާއި އީރާނާ ދެމެދު އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑާއި ޖޮއިންޓް ފޯސްގެ އެހެން ފައުޖުތައް ވެސް ތިބީ އަމުރުކޮށްފި ނަމަ އީރާނާ ދެކޮޅަށް ހަނގުރާމައިގެ އޮޕަރޭޝަންތައް އަލުން ފަށަން ތައްޔާރަށް ކަމަށް ޖެނެރަލް ޑޭން ކޭން ނޫސްވެރިންނަށް ވިދާޅުވި އެވެ.

"މިހާރު ދައްކަމުންދާ ކެތްތެރިކަމަކީ، ގާބިލުކަން ނެތުން ކަމަށް އެއްވެސް ވާދަވެރިއަކު ހީކުރާ ނަމަ އެއީ ކުށް ހީއެއް."

އެމެރިކާ އާއި އީރާނުން ކަނޑުގެ މަގުތައް ބަންދުކޮށްގެން ކޮންޓްރޯލް ހޯދަން މަސައްކަތްކުރަމުންދިޔަ މި ސަރަހައްދުގައި ހަމަލާތައް ފެށުނީ، އުޅަނދުތައް ގަލްފު ސަރަހައްދުން ނެރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަން ރައީސް ޑޮނަލްޑް ޓްރަމްޕު އަމުރުކުރެއްވި ފަހުންނެވެ.  

މީގެ ދެ މަސް ކުރިން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމަ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ފެތުރި، ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައި، އެތައް ސަތޭކަ މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.