ކަސްރަތު ކުރެއްވުމަށް ދުވާލަކު އެންމެ ގިނަވެގެން ހޭދަވަނީ އެއް މިނިޓް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
"އަހަރެން ކަސްރަތު ކުރަނީ ވަރަށް މަދުން، ގާތްގަނޑަކަށް ދުވާލަކު އެއް މިނިޓް، އެންމެ ގިނަވެގެން. އެ ވެސް ނަސީބު ލައްވާލިއްޔާ،" ކުޑަކުދިންނަށް އަމާޒުކޮށްގެން ރިޔާސީ ފިޓްނަސް އެވޯޑެއް އަލުން ތައާރަފުކުރުމުގެ ގަރާރެއްގައި ސޮއިކުރެއްވުމަށް އޯވަލް އޮފީހުގައި ބޭއްވި ހަފްލާގައި ބައިވެރިވި ކުދިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ އެވެ.
ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ވަނީ އެކި ވާހަކަތައް ދެކެވޭއިރު، އެއީ މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެންމެ އުމުރުން ދުވަސްވީ ރައީސެވެ. އަދި އަންނަ މަހު އުމުރުން 80 އަހަރު ފުރޭނެ އެވެ.
ޓްރަމްޕް ވަނީ ކަސްރަތު ނުކުރެވޭ ސަބަބާ ގުޅޭ ގޮތުން ހެލްތު ސެކްރެޓަރީ ރޮބާޓް އެފް. ކެނެޑީ ޖޫނިއާއާ އެކު މަޖާ ވާހަކަތަކެއް ވެސް ދައްކަވައިފަ އެވެ. ޓްރަމްޕު ވަނީ ހެލްތު ސެކްރެޓަރީގެ ބައްޕަ ރޮބާޓް އެފް. ކެނެޑީ 50 މޭލަށް ހިނގާ ވާހަކަ ހަނދާން އާކުރައްވައި މަޖާ ކަންކަމުގެ ވާހަކަ ދައްކަވައިފަ އެވެ.
އާރްއެފްކޭ ޖޫނިއާ ވިދާޅުވީ، ގޮލްފް ކުޅުއްވުމަށް ލޯބިކުރައްވާ ޓްރަމްޕަށް އެފަދަ ކަމެއް ކުރުމަކީ "ފަސޭހަ" ކަމެއް ކަމަށާއި، "މި މީހާ ކޮންމެ ހަފުތާ ބަންދެއްގައި ގޮލްފް ދަނޑުގައި 9 މޭލު ހިނގާ" ކަމަށެވެ.
ގޮލްފް ކޯހުގައި އާންމުކޮށް ކާޓުގައި އިންދާ ފެންނަ ޓްރަމްޕު ވިދާޅުވީ އެވަހަށް ހިނގަނީ އޭނާ "ގޮލްފް ކާޓުގައި ނީންނަ އިރު" ކަމަށެވެ.