އީރާނާއި އެމެރިކާއިން އެއް ސަފުހާގެ މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އަކަށް އެއްބަސްވެ ހަނގުރާމަ ނިންމާލުމަށް ނިންމުމާ ވަރަށް ގާތް ވެފައިވާ ކަމަށް ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. 

"އަޅުގަނޑުމެން މިކަން ވަރަށް އަވަހަށް ނިންމާލާނަން. މިހާރު ވަނީ އެކަމާ ވަރަށް ގާތަށް ދެވިފައި،" އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާ ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ. 

ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ މިހެން ބުނެފައި ވާއިރު އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް އިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މިއަދު ވަނީ ހަމަ މިގޮތަށް ރިޕޯޓްކޮށްފަ އެވެ. އެ ނޫހުން އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ މައިގަނޑު 14 ނުކުރާ ހިމެނޭ އެމްއޯޔީއާ މެދު އީރާނުން ދެކޭ ގޮތް 48 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. 

މިކަމާ ބެހޭ ގޮތުން ވައިޓް ހައުސް އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. 

އެމްއޯޔޫގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އީރާނުން ނިއުކްލިއާ ޕްރޮގްރާމް ވަކި މުއްދަތަކަށް މަޑުޖައްސާލުމާއި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ އެތައް ބިލިއަން ޑޮލަރެއް އީރާނަށް ދޫކުރުން ހިމެނޭ ކަމަށް އެކްސިއޯސް އިން ބުންޏެވެ. 

މި ކަންކަމާ އެކު އީރާނާއި އެމެރިކާއިން ވެސް ހޮރްމޫޒް ކަނޑުއޮޅީގައި އެއްބަޔަކު އަނެއް ބަޔަކަށް ކުރިމަތިކުރާ ހުރަސްތައް ނައްތާލުން ހިމެނެ އެވެ.  

އެކްސިއޯސް އިން ބުނި ގޮތުގައި، މިހާރު އޮތް ގޮތުން މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދުގެ ހަނގުރާމަ ނިމުމަކަށް އަންނާނެ އެވެ. އަދި ކަނޑުއޮޅި ހުޅުވުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ލިމިޓްކުރުމާއި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން ތަފްސީލީ އެއްބަސްވުމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލާނެ އެވެ.

މި 30 ދުވަހުގެ ތެރޭގައި އީރާނުން ކަނޑުއޮޅި ހުޅުވަމުން ދާއިރު  އެމެރިކާއިން އީރާނަށް ކަނޑުމަގުން އަޅާފައިވާ ފިޔަވަޅުތައް މަޑުމަޑުން ނައްތާލާނެ ކަމަށް އެކްސިއޯސް އިން ބުނެފައިވެ އެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ބުނީ، މި މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އެމެރިކާގެ އަސްކަރިއްޔާއަށް އަލުން ބްލޮކޭޑް ގާއިމުކުރުމުގެ ނުވަތަ އަސްކަރީ ހަރަކާތްތައް އަލުން ފެށުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުތައް ގެންދިއުމަށް އާދިއްތަ ދުވަހު އިއުލާންކުރި "ޕްރޮޖެކްޓް ފްރީޑަމް" މަޑުޖައްސާލާފައިވާކަން އިއުލާނުކުރައްވައިފަ އެވެ. މި މިޝަންގެ ސަބަބުން ކަނޑުއޮޅީގެ ދަތުރުފަތުރު އެކަށީގެންވާ ގޮތަކަށް އަލުން ފެށިފައިނުވާއިރު، އޭގެ ބަދަލުގައި އީރާނުން ވަނީ ކަނޑުއޮޅީގައި ދަތުރުކުރާ އުޅަނދުތަކަށާއި އަވަށްޓެރި ގައުމުތަކުގައިވާ އަމާޒުތަކަށް އާ ހަމަލާތަކެއް ދީފަ އެވެ.