އިޒްރޭލު ސިފައިންނާއި، ޖަލު އޮފިސަރުންގެ އިތުރުން ޔަހޫދީ ހަރުކަށި ވަޒަންވެރިން ފަލަސްތީނުގެ ގައިދީންނަށް ޖިންސީ އަނިޔާކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްގެ ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު އާންމުކުރި މި ރިޕޯޓަކީ، އިޒްރޭލުގެ ސަލާމަތީ ބާރުތަކާއި ވަޒަންވެރިންގެ ފަރާތުން ލާއިންސާނީ ޖިންސީ ގޯނާތައް ތަހައްމަލުކުރަން ޖެހުނު ކަމަށް ބުނާ، ހިފާފައިވާ ހުޅަނގު އައްސޭރީގެ 14 މީހެއްގެ ބަޔާންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މީގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން ހިމެނެ އެވެ.

ނިއު ޔޯކް ޓައިމްސްގެ މި ރިޕޯޓް ދޮގުކޮށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ މިއީ އިޒްރޭލާ ދެކޮޅަށް ރޭވުންތެރިކަމާ އެކު ހިންގާ ހަގީގަތާ ހިލާފު ކެމްޕޭނެއްގެ ބައެއް ކަމަށް ބުނެފަ އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާއަށްފަހު އިޒްރޭލުން ފެށި އުދުވާނާ އެކު، ހުޅަނގު އައްސޭރިން އެކަނިވެސް ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ އިޒްރޭލުގެ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ނިއު ޔޯކް ޓައިމްސްގެ ކޮލަމިސްޓް ނިކޮލަސް ކްރިސްޓޮފް ތައްޔާރުކުރި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޒްރޭލު ސިފައިންނާއި، ޝިން ބެއިތުގެ ތަހުގީގީ އޮފިސަރުންގެ އިތުރުން ޖަލު ބަލަހައްޓާ މީހުން، ފަލަސްތީނުގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިންނަށް ވެސް ޖިންސީ އަނިޔާކުރުމަކީ އާންމުކޮށް ހިންގާ އަމަލެކެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިފަދަ ލާއިންސާނީ އަމަލުތައް ހިންގުމަށް އިޒްރޭލުގެ އިސް ވެރިން ސީދާ އަމުރުކުރާ ކަމުގެ ހެއްކެއް ލިބިފައެއް ނުވެ އެވެ.

ނަމަވެސް، މިދިޔަ އަހަރުގެ މާޗް މަހު އދ. އިން ނެރުނު ރިޕޯޓަކާ ހަވާލާދީ ބަޔާންކޮށްފައިވަނީ، ޖިންސީ އަނިޔާއަކީ އިޒްރޭލގެ ބަންދުގައި ތިބޭ ފަލަސްތީނު މީހުންނާ ދެކޮޅަށް ނިޒާމީ ގޮތެއްގައި ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.

އަނިޔާގެ ޝިކާރައަކަށްވި ފިރިހެނަކު ކިޔައިދިން ގޮތުގައި، ރަބަރު މުގުރެއް ބޭނުންކޮށްގެން އޭނާއަށް ޖިންސީ އަނިޔާކުރި އެވެ. އަދި އެހެން މީހަކު ކިޔައިދިން ގޮތުގައި، އަންހެން ގާޑަކު އޭނާގެ ޖިންސީ ގުނަވަނުގައި ހިފައި ފިތާލުމުގެ ސަބަބުން ތަދުވެގެން ހަޅޭއްލަވަން ޖެހުނެވެ.

އަދި ބަންދުން ދޫކޮށްލާއިރު، އެ މީހުންނާ މެދު އަމަލުކުރި ގޮތާ ބެހޭގޮތުން ހަނު ތިބުމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އަމުރުކުރާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

"މުޖުތަމައުގައި ހުންނަ ބައެއް ވިސްނުންތަކުގެ ސަބަބުން މި ވާހަކަތައް ދައްކަން ޖެހިލުންވޭ،" ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ. މީހުން ބުނެފައިވަނީ ރޭޕް ކުރިކަމަށް ބުނެފި ނަމަ، އެ މީހުންގެ އަންހެން ކޮއްކޮމެންނާއި ދަރިންނާ ކައިވެނިކުރާނެ މީހަކު ވެސް ނުވާނެ ކަމަށެވެ. 

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ މިއީ "ޒަމާނީ ނޫސްވެރިކަމުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް ދޮގު އިލްޒާމް" ކަމަށް ބުނެފަ އެވެ.

އަންގާރަ ދުވަހު އިޒްރޭލުގެ މިނިވަން ތަހުގީގީ ކޮމިޝަނަކުން ނެރުނު ރިޕޯޓެއްގައި، އޮކްޓޯބަރު 7 ގެ ހަމަލާގެ ތެރޭގަ އާއި ޣައްޒާއަށް ގެންދިޔަ ރަހީނުންނާ މެދު، ހަމާސް އާއި އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން "ނިޒާމީ ގޮތެއްގައި އަދި ފުޅާ ދާއިރާއެއްގައި" ޖިންސީ އަނިޔާގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ހަމާސްއިން އަންނަނީ 2023 ވަނަ އަހަރުން ފެށިގެން މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރަމުންނެވެ.

ފެބްރުއަރީ މަހު، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ، އޮކްޓޯބަރު 2023 އާއި ޖެނުއަރީ 2026 އާ ދެމެދު އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ނޫސްވެރިންނަށް ޖިންސީ އަނިޔާ ހިމެނޭހެން "ނިޒާމީ ގޮތެއްގައި އަނިޔާކުރަމުންދާ" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.