މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިންޑިއާގެ ފައިސާ، ރުޕީގެ އަގު ދަށްވަމުންދާތީ އާއި ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށްޓަކައި، ރަނާއި ރިހީގެ އިމްޕޯޓް ޑިއުޓީ އިންޑިއާ ސަރުކާރުން ބޮޑުކޮށްފި އެވެ.

ރަން އެތެރެކުރުމަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށްވާތީ، ރަން ގަންނަ ފަރާތްތަކުން ޖެހެނީ ބޭރު ފައިސާގެ ރިޒާވުން ހަރަދުކުރަން ނުވަތަ ރުޕީ ޑޮލަރަށް ބަދަލުކުރާށެވެ. އީރާން ހަނގުރާމައިގެ ސަބަބުން، ރުޕީގެ އަގު މިއިން ދުވަހަކު ދަށްނުވާ ވަރަށް ދަށްވަމުން ދާތީ، ކުރިއަށް އޮތް އެއް އަހަރު ދުވަހު ރަން ނުގަތުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އާދީއްތަ ދުވަހު އިލްތިމާސްކުރައްވައިފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ނެރުނު ރަސްމީ ދެ އަމުރެއްގައިވާ ގޮތުން، ރަނާއި ރިހިން ނަގާ އިމްޕޯޓް ޓެކްސް ވަނީ ކުރިން އޮތް 6 ޕަސެންޓުން 15 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. 

ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި މެދުއިރުމަތީގެ ހަނގުރާމައާ އެކު ބަންދުވުމުން ކުރިމަތިވި ހަކަތައިގެ ދަތިކަމުގެ އަސަރު އިންޑިއާއަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމަށް ވާއިރު، ތެލުގެ އަގު އުފުލުމުގެ ސަބަބުން އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ.

ސާފުނުކުރާ ތެލުގެ އަގު މަތިވުމުގެ ސަބަބުން އިންޑިއާގެ އިމްޕޯޓް ބިލް ބޮޑުވެ، ގައުމުގެ ބެލެންސް އޮފް ޕޭމަންޓްސްއަށާއި ފޮރިން އެކްސްޗޭންޖް ރިޒާވަށް ވަނީ އިތުރު ފިއްތުންތަކެއް ކުރިމަތިވެފަ އެވެ.

މި ހާލަތާ ގުޅިގެން، ތެލުގެ ސަޕްލައިއަށް ބުރޫއަރާފައިވާތީ، ޕެޓްރޯލާއި ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ވެސް މޯދީ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފަ އެވެ.

އިންޑިއާގެ ސަގާފަތުގައި މުއްސަނދިކަމާއި ފާގަތިކަމުގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ، އަދި ކައިވެނިތަކާއި ފެސްޓިވަލްތަކުގައި ގިނަ އަދަދަކަށް ބޭނުންކުރާ ރަނަކީ، ސާފުނުކުރާ ތެލަށް ފަހު އިންޑިއާއަށް އެންމެ ގިނައިން އެތެރެކުރާ ބާވަތެވެ.