އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރާނެ ކަމަސް ބެލެވޭ އެމްއޯއޫގެ ދަށުން، ހަނގުރާމައިގެ ކުރިން ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރި ހާލަތަށް ބަދަލުވާނެ ކަމަށް އީރާންގެ ތަސްނީމް ނިއުސް އެޖެންސީން މިއަދު ބުނެފި އެވެ.
ސަރުކާރާ ގުޅުން އޮންނަ ނިއުސް އެޖެންސީން ބުނީ އުންމީދު ބޮޑުވެފައިވާ އެމްއޯޔޫގެ ދަށުން، ކަނޑުމަގުގެ ހުރަސްތައް 30 ދުވަސް ތެރޭގައި ނައްތާލަންޖެހޭ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި، ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާންގެ ފައިސާއިން ބައެއް ދޫކޮށްލުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.
އިޒްރޭލާއި އެމެރިކާއިން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ހަމަލާ ދިނުމާ އެކު ފެށުނު ހަނގުރާމަ ހުއްޓާލަން އެމެރިކާ އާއި އީރާނުން މިހާރު ވަނީ ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވިފައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަނގުރާމަ ފެށިތާ 12 ހަފްތާ ފަހުން އެމެރިކާ އާއި އީރާނުން މައިގަނޑު 14 ނުކުތާއެއް ހިމެނޭ އެމްއޯޔޫއަކަށް އަމަލުކުރަން އެއްބަސްވާނެ އެވެ. މި އެމްއޯޔޫގެ ދަށުން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން 60 ދުވަހަށް އިތުރުކޮށް އެ މުއްދަތުގެ ތެރޭގައި ތަފްސީލް އެއްބަސްވުމެއް ހަދާނެ އެވެ.
މި އެމްއޯޔޫގެ މައިގަނޑު މާއްދާތަކުގެ ތެރޭގައި ހިމެނޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ ކަންކަމަކީ:
- ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން 60 ދުވަހުގެ މުއްދަތަށް އިތުރުކުރުން.
- އެއްވެސް ފީއެއް ނުނަގާ ގޮތަށް، ހޮމުޒް ކަނޑުއޮޅި އަލުން ހުޅުވާލުން.
- އީރާނުން އަޅާފައިވާ ކަނޑުގެ މައިނުތައް އެ ގައުމުން ނަގައި ސާފުކުރުން.
- އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ބްލޮކޭޑް އުވާލުމާއި، އީރާނުގެ ތެޔޮ ވިއްކުމަށް ހުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުން.
- ނިއުކްލިއާ އެއްބަސްވުމެއްގެ ފަހުގެ ނިންމުންތައް ކަށަވަރުވަންދެން، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ އެގޮތުގައި ބެހެއްޓުން.
- ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ދުވަހަކުވެސް މަސައްކަތް ނުކުރުމަށާއި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށާއި، މިހާރު ހުރި ޔުރޭނިއަމް ރިޒާވް ނައްތާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އީރާނުން އެއްބަސްވުން.
- އެމްއޯޔޫގެ 60 ދުވަހުގެ މުއްދަތުގައި އެމެރިކާގެ ސިފައިން އެ ސަރަހައްދުގައި ދެމިތިބުން.
- އިޒްރޭލާއި ހިޒްބުالله އާ ދެމެދު ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނައުން.
އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމުން މުޅި ދުނިޔޭގައި ވަނީ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި އަދި ލިބުން ވެސް ދަތިވެފަ އެވެ. ހަނގުރާމައިގެ ކުރިން، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ބައިނަލްއަގުވާމީ ބެންޗުމާކުތަކުގައި 60-73 ޑޮލަރާ ދެމެދު ހުރުމަށް ފަހު ހަނގުރާމައާ އެކު އަގު ބޮޑުވަމުން ގޮސް އޭޕްރީލް މަހު 126 ޑޮލަރުން މައްޗަށް ވެސް އެރި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިހާރު ގެންދަވަނީ މި ކަންކަމާ ގުޅޭ އެންމެ ފަހުން ކަންކަން ނިންމަވަމުން ކަމަށާއި މިއަދު ވެސް އެކަން ރަސްމީކޮށް އިއުލާނުކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.