އީރާނާ އެކު އެކުލަވާލަމުންދާ ސުލްހައިގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި، މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުގެ މުސްލިމް އަޣްލަބިއްޔަތު އޮންނަ ގައުމުތަކުން އިޒްރޭލު ބަލައިގަނެ ގުޅުން ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ގޮވާލައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އީރާނާ އެކު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ހޮނިހިރު ދުވަހު ފޯނުން ވާހަކަދެއްކެވި ގައުމުތަކުގެ ވެރިންގެ ނަންތައް ހާމަކުރައްވައިފަ އެވެ.
"އޮޅުންބޮޅުން ބޮޑު މި މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ކުރި ހުރިހާ މަސައްކަތަކަށް ފަހު، މި ހުރިހާ ގައުމުތަކުން އެއްވަގުތެއްގައި، މަދުވެގެން އަބްރަހަމް އެކޯޑްސްގައި ސޮއިކުރުން މަޖުބޫރުވާންޖެހޭނެ،" އިޒްރޭލުގެ ދައުލަތް ބަލައިގަނެ އާންމު ހާލަތަކަށް ގުޅުން ގެނައުމަށް ހަދާފައިވާ މުއާހަދާއަށް އިޝާރާތްކުރައްވަމުން ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
"މަޝްވަރާ ކުރެވުނު ގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މިހާރުވެސް މެންބަރެއް!)، ގަތަރު، ޕާކިސްތާން، ތުރުކީ، މިސްރު، އުރުދުން، އަދި ބަހްރޭން (މިހާރުވެސް މެންބަރެއް!)."
އަބްރަހަމް އެކޯޑްސްއަކީ 2020 ވަނަ އަހަރު ޓްރަމްޕްގެ ވެރިކަމުގައި އެކުލަވާލި، އަދި ޚާރިޖީ ސިޔާސަތުގައި ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބަލާ އެއްބަސްވުންތަކެކެވެ. މި އެއްބަސްވުންތަކުގެ ދަށުން އިޒްރޭލާއި، ތާރީހީ ގޮތުން އިޒްރޭލާ ދެކޮޅުވެރި ގައުމުތަކާ ދެމެދު ސިޔާސީ ގުޅުންތައް ގާއިމުކުރެ އެވެ.
ޚާރިޖީ ދާއިރާތަކުން މި އެއްބަސްވުންތަކަށް މަރުހަބާ ކިޔާފައިވަނީ މެދުއިރުމަތީގެ ސުލްހައަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ނަމަވެސް، މި ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ރައްޔިތުންގެ މެދުގައި މި އެއްބަސްވުންތަކަކީ މަގްބޫލު އެއްބަސްވުންތަކެއް ނޫނެވެ. އޭގެ މައިގަނޑު ސަބަބަކީ މި އެއްބަސްވުންތަކުގައި ފަލަސްތީނު-އިޒްރޭލު މައްސަލައަށް އެއްވެސް ހައްލެއް ހޯދައިދީފައި ނުވުމެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ނޮވެމްބަރު 2025 ގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވޭ ގޮތަށް (ދެ ދައުލަތުގެ ހައްލު) ކަށަވަރުވާ ނަމަ ސައުދީން އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަށް ތައްޔާރު ކަމަށް ޓްރަމްޕަށް ދަންނަވައިފަ އެވެ.
"އެއްގައުމު ނުވަތަ ދެގައުމަކުން އެކަން ނުކުރުމަށް ސަބަބެއް އޮވެދާނެ، އަދި އެކަން ގަބޫލުވެސް ކުރެވޭނެ. ނަމަވެސް ގިނަ ގައުމުތަކުން ތިބެންޖެހޭނީ އީރާނާ އެކު މިކުރެވޭ ސުލްހައިގެ އެއްބަސްވުން މިއަށްވުރެ މާ ތާރީހީ ކަމަކަށް ހަދަން ތައްޔާރަށް...،" ޓްރަމްޕް އޭނާގެ 'ޓްރޫތް ސޯޝަލް' ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
"މިކަން ފެށެންޖެހެނީ ސައުދީ އަރަބިއްޔާ އާއި ގަތަރުން ވަގުތުން ސޮއިކުރުމާ އެކު، އަދި އެހެން ހުރިހާ ގައުމުތަކަކުން އެއަށް ތަބާވާންޖެހޭނެ. އެހެން ނޫން ނަމަ، އެ ގައުމުތަކުގެ ނިޔަތް ގޯސްކަން ހާމަވާތީ، މި އެއްބަސްވުމުގެ ބައެއްގެ ގޮތުގައި އެ ގައުމުތައް ނުހިމެނޭނެ،" އޭނާގެ ޕޯސްޓުގައިވެ އެވެ.
އިޒްރޭލުގެ އެންމެ ބޮޑު ދުޝްމަނު ކަމަށްވާ އީރާނުން ވެސް މި އެއްބަސްވުމުގައި ސޮއިކުރަންޖެހޭނެ ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވައިފަ އެވެ.
"އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އަހަންނާ އެކު އީރާނުން އެއްބަސްވުމުގައި ސޮއިކޮށްފި ނަމަ، މި ފުރިހަމަ ބައިނަލްއަގުވާމީ އިއްތިހާދުގެ ބައެއްގެ ގޮތުގައި އެ ގައުމު ހިމެނުމަކީ ލިބޭނެ ޝަރަފެއް،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ތިން ދުވަހުގެ ހަފްތާ ބަންދު ތެރޭގައި ޓްރަމްޕާއި އޭނާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވައިފަ އެވެ. ބައެއް ފަހަރު، އެއްބަސްވުމަކާ ވަރަށް ކައިރިވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ސުލްހައިގެ މަޝްވަރާތަކަށް މުޅިން އާ ކަމެއް ގެނެސް ޓްރަމްޕްގެ އެންމެ ފަހުގެ ޕޯސްޓުގައި ވިދާޅުވީ "އީރާނާ އެކު ކުރެވޭ މަޝްވަރާތައް ދަނީ ވަރަށް ރަނގަޅަށް!" ކަމަށެވެ.
ނަމަވެސް އީރާނުން ހޯމަ ދުވަހު އިންޒާރު ދެމުން ބުނެފައިވަނީ، ބައެއް ކުރިއެރުންތައް ލިބިފައިވީ ނަމަވެސް އަދި އެއްބަސްވުމަކާ ހިސާބަށް ނުދެވޭ ކަމަށެވެ.
އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލިބާފް، އެމެރިކާއާ އެކު ހިނގަމުންދާ ހަނގުރާމަ ނިންމުމުގެ "ޚާރިޖީ މަރުހަލާ" ގެ ބައެއްގެ ގޮތުން ހޯމަ ދުވަހު ގަތަރަށް ވަޑައިގެންފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ. -- އޭއެފްޕީ