އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވަން ހަމަޖެހިފައިވާ ކޮންސަޓްތަކުގައި ބައިވެރިވާން ނިންމި ބައެއް މިއުޒިކީ ފަންނާނުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން، އެ ކޮންސަޓްތައް ކެންސަލް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮނިހިރު ދުވަހު ގޮވާލައްވައިފި އެވެ.

އޭނާ ވަނީ މި ކޮންސަޓްތަކުގެ ބަދަލުގައި އޭނާ އިސްވެ ހުންނަވައި ސިޔާސީ ރެލީއެއް ބޭއްވުމަށް ހުށަހަޅުއްވައިފަ އެވެ.

"އަހަރެމެން ޖެހޭނީ 250 އަހަރުގެ މުނާސަބަތާ ދިމާކޮށް 'މޭކް އެމެރިކާ ގްރޭޓް އެގެއިން ރެލީ' ބޮޑުކޮށް ބާއްވަން. އެއީ އެއްވެސް މީހަކު އަޑުއަހަން ބޭނުންނުވާ، ފޫހި މިއުޒިކް ކުޅޭ، އަދި ހަމައެކަނި ޝަކުވާކުރުން ފިޔަވައި އިތުރު ކަމެއް ނުކުރާ އަގުބޮޑު ލަވަކިޔުންތެރިން ގެނައުމުގެ ބަދަލުގައި،" ޓްރަމްޕް އޭނާގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

"އެ ކޮންސަޓް ކެންސަލް ކުރޭ."

ޖުލައި 4 ގެ މިނިވަންދުވަހުގެ ބަންދާ ދިމާކޮށް ވޮޝިންގްޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންސަޓް ސީރީޒްގެ ފަންނާނުން އިއުލާންކުރިތާ މާގިނަ ދުވަހެއް ނުވެ، ބައެއް އާޓިސްޓުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. ސަބަބެއް ކަމަށް ބައެއް ފަންނާނުން ބުނެފައިވަނީ މި ހަރަކާތް ސިޔާސީވެގެން ދިއުމެވެ.

މި ކޮންސަޓްތައް ފެށުމަށް ކުރިން އޮތީ ޖޫން 25 ގައި ނޭޝަނަލް މޯލްގަ އެވެ. މިއީ ޓްރަމްޕްގެ ތާއީދާ އެކު ހިންގާ ދައުލަތާއި އަމިއްލަ ހިއްސާވާ ކުންފުންޏެއް ކަމަށްވާ 'ފްރީޑަމް 250' އިން އިންތިޒާމުކުރާ ބޮޑު ހަރަކާތެކެވެ.

"އަހަންނަށް އެނގޭ އާޓިސްޓުން ޕާފޯމްކުރަން 'ޖެހިލުންވަމުން' ދާކަން،" ކުރިން އިއުލާންކުރި ޖުމްލަ ނުވަ އާޓިސްޓުންގެ ތެރެއިން ހަތަރުވަނަ އަދި ފަސްވަނަ ފަންނާނު ވަކިވިކަން ހާމަކުރުމާ ގުޅިގެން ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

"އެހެންވީމާ އަހަރެން މި ވިސްނަނީ ދުނިޔޭގެ އެންމެ މަގުބޫލު ޝަހުސިއްޔަތު، އެލްވިސް އޭނާގެ އެންމެ ވިދާލި ދުވަސްވަރަށްވުރެ ވެސް ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބޭ މީހާ... އަދި ބައެއް މީހުން ބުނާ ގޮތުގައި ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ރައީސް (ގޯޓް)، ޑޮނަލްޑް ޖޭ. ޓްރަމްޕް، މި ބޮޑު މުސާރަ ދޭ، ތިންވަނަ ދަރަޖައިގެ 'އާޓިސްޓުންގެ' ބަދަލުގައި ގެންނަން."

ޓްރަމްޕް ވިދާޅުވީ ނޭޝަނަލް މޯލްގައި "އެމެރިކާ އިޒް ބެކް ރެލީ" އެއް ބޭއްވުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް އޭނާގެ އެހީތެރިންނަށް އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި އެ ރެލީގައި "އަހަރެން ރައީސްކަމާ ހަވާލުވީއްސުރެ ކުރަމުން އަންނަ ފަދައިން ގައުމު ކުރިއަށް ގެންދިއުމާ ގުޅޭ" ތަގުރީރެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުކުރު ދުވަހު، ކަންޓްރީ ލަވަކިޔުންތެރިޔާ މާޓީނާ މެކްބްރައިޑް އަދި 1980 ގެ ބޭންޑެއް ކަމަށްވާ 'ޕޮއިޒަން' ގެ ބްރެޓް މައިކަލްސް ހިމެނޭ ގޮތަށް ބައެއް އާޓިސްޓުން ވަނީ މި ކޮންސަޓް ސީރީޒްއިން ވަކިވެފައިވާ ކަމަށް ބުނެފަ އެވެ.

"ހިތާމައަކީ، އަހަރެމެންނަށް ގައުމީ އުފާފާޅުކުރުމެއްގެ ގޮތުގައި ހުށަހެޅުނު ކަންތައް، އަހަރެން ބައިވެރިވާން އެއްބަސްވި ކަމަށްވުރެ މާ ބޮޑަށް ބައިބައިވުން އުފެދޭ ކަމަކަށް ބަދަލުވެގެން ހިނގައްޖެ،" މައިކަލްސް ފޭސްބުކްގައި ލިޔެފައިވެ އެވެ.

ޓްރަމްޕް އަންނަނީ މި ފާހަގަކުރުންތަކުގައި އޭނާގެ އަމިއްލަ ސިއްކަ ޖެހުމަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، ޖޫން 14 ގައި ފާހަގަކުރާ އޭނާގެ 80 ވަނަ އުފަންދުވަހާ ދިމާކޮށް، ވައިޓް ހައުސްގެ ގޯތިތެރޭގައި ހާއްސަކޮށް ހަދާފައިވާ އެރީނާއެއްގައި މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ފައިޓެއް ބޭއްވުން ހިމެނެ އެވެ.

މިހާރު ކޮންސަޓްގައި ބާކީ ތިބި މިއުޒީޝަނުންނަކީ މީގެ އެތައް އަހަރެއް ކުރިން އެމީހުންގެ މަގުބޫލުކަން ގެއްލިފައިވާ މީހުންނެވެ. އޭގެ ތެރޭގައި 'ވެނީލާ އައިސް' އަދި 'ސީ+ސީ މިއުޒިކް ފެކްޓްރީ' ހިމެނޭއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔައި މަލާމާތް ކުރަމުންނެވެ. -- އޭއެފްޕީ