މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިވާ މީހުންގެ އުމުރު ކަށަވަރުކުރުމާއި، 16 އަހަރުން ދަށުގެ ކުދިން އެ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން މަނާކުރާ ގާނޫނާއި ގަވައިދުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ. 

މި ގާނޫނާއި ގަވައިދު ހިނގާނީ މެލޭޝިއާގައި 8 މިލިއަން ޔޫޒަރުން ތިބި ކަމަށް ބެލެވޭ ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ބޮޑެތި ޕްލެޓްފޯމްތަކަށެވެ. މެލޭޝިއާގެ ކޮމިއުނިކޭޝަންސް ރެގިއުލޭޓަރު ބުނި ގޮތުގައި، މި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި ކުންފުނިތަކަށް  ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ދުވަސްކޮޅެއް ދޭނެ އެވެ. ނަމަވެސް މިއީ ކިހާ ދުވަހެއް ކަމެއް ނުބުނެ އެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން އިތުރުވަމުންދާއިރު، މެލޭޝިއާ ހިމެނެނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ ދެކޮަޅަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލި މަދު ގައުމުތަކުގެ ތެރޭގަ އެވެ.

މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްސީއެމްސީ) އިން ނެރުނު މައުލޫމާތު ކަރުދާހުގައިވާ ގޮތުން، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ފަދަ ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް މެދުވެރިކޮށް ޔޫޒަރުންގެ އުމުރު ކަށަވަރުކުރަން ޖެހޭނެ އެވެ.

އާ އޮންލައިން ސޭފްޓީ އެކްޓްގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ހުންނަ ކޮންޓެންޓްތައް ބެލެހެއްޓުން ވަރުގަދަވެގެންދާނެ އެވެ. ގެއްލުންހުރި ކޮންޓެންޓްތައް މަދުކުރުމަށްޓަކައި ރިޕޯޓްކުރުމުގެ ނިޒާމުތަކާއި، އިޝްތިހާރުކުރާ ފަރާތްތައް ކަށަވަރުކުރުމުގެ ފިޔަވަޅުތައް ޕްލެޓްފޯމްތަކުން އަޅަންޖެހެ އެވެ. މި ގަވާއިދުތަކާ ހިލާފުވާ ކުންފުނިތައް 10 މިލިއަން މެލޭޝިއަން ރިންގިޓް (ގާތްގަނޑަކަށް 2.5 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެމްސީއެމްސީ އިން ބުންޏެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ފިޔަވަޅުތައް

  • އޮސްޓްރޭލިއާ: މިދިޔަ ޑިސެމްބަރު މަހު، 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް އުވާލުމަށް ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ސައިޓްތަކަށް މަޖުބޫރުކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވިއެވެ. ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށިތާ ތިން މަސް ފަހުން ވެސް، ގިނަ އަދަދެއްގެ ކުދިން އަދިވެސް ސިއްރުން މި ޕްލެޓްފޯމްތައް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
  • އިންޑޮނީޝިއާ: އޮންލައިން ބުލީކުރުމާއި، ބަދުއަހުލާގީ ކޮންޓެންޓް އަދި އިންޓަނެޓަށް ދެވިހިފުމުން ކުދިން ރައްކާތެރިކުރުމަށްޓަކައި، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގަވާއިދަކަށް މިއަހަރުގެ މާޗު މަހު ވަނީ އަމަލުކުރަން ފަށައިފަ އެވެ. މި ބޭން ފުރަތަމަ އަމާޒުކުރީ ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް، އެކްސް، އަދި ރޮބްލޮކްސް ފަދަ 8 ޕްލެޓްފޯމަކަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި، އޮންލައިން ވިޔަފާރިކުރާ ސައިޓްތަކާ އެކު ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަކަށް މި ބޭން ފުޅާކުރަން އެ ގައުމުން އަންނަނީ ވިސްނަމުންނެވެ.
  • ތުރުކީ އަދި ޔޫރަޕް: ތުރުކީގެ ޕާލަމެންޓުން މިދިޔަ އެޕްރީލް މަހު ވަނީ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމުގެ ގާނޫނެއް ފާސްކޮށްފަ އެވެ. މީގެއިތުރުން ނޯވޭ، ގްރީސް، ފްރާންސް، ސްޕެއިން އަދި ޑެންމާކް ފަދަ ޔޫރަޕްގެ ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މެލޭޝިއާ ސަރުކާރުން ބުނާގޮތުގައި މި ފިޔަވަޅުތަކުގެ ބޭނުމަކީ ކުދިން އިންޓަނެޓާ ދުރުކުރުމެއް ނޫނެވެ. ނަމަވެސް، އުމުރާ ގުޅޭގޮތަށް ރައްކާތެރިކަމާ އެކު ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މިގޮތަށް "އެއްކޮށް މަނާކުރުމުގެ" ނިންމުން އަނބުރާ ގެންދިއުމަށް މެލޭޝިއާއަށް ގޮވާލައިފަ އެވެ. ޔޫކޭގެ ޖަމާއަތެއް ކަމަށްވާ "އާޓިކަލް 19" އާއި އެހެނިހެން ޖަމާއަތްތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިން ޑިޖިޓަލް ދުނިޔެއިން މަހުރޫމްކޮށްގެން ނުވާނެ ކަމަށާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ރައްކާތެރި މާހައުލެއް ބިނާކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މިގޮތަށް އެއްކޮށް ބޭން ކުރުމަކީ ސޯޝަލް މީޑިއާ ކުންފުނިތަކުގެ ވިޔަފާރީގެ އޮނިގަނޑުގައި ހުރި އަސްލު މައްސަލަތަކަށް އޮތް ހައްލެއް ނޫންކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެ އެވެ. -- އޭއެފްޕީ