ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ކައިރީގައި ބޭއްވި ބުޑިސްޓުންގެ ފެސްޓިވަލެއްގައި ހިލޭ ބަހާ ކާބޯތަކެތި ހޯދަން ކިއޫއެއްގައި ތިބި ބައެއްގެ ތެރެއަށް މަސްތުގެ ހާލަތުގައި ހުރި މީހަކު ލޮރީއެއްގައި ގޮސް ވަދެގަތުމުގެ ސަބަބުން ހަ މީހަކު މަރުވެ، ހަތް މީހަކު ޒަހަމްވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކޮލަމްބޯގެ ބޭރުގައި އޮންނަ މީގޮޑާ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓަށް ފަހު، އުމުރުން 42 އަހަރުގެ ޑްރައިވަރު ވަނީ އެ ސަރަހައްދުން ފިލައިފަ އެވެ. ނަމަވެސް، ފަހުން އޭނާ ހައްޔަރުކޮށް ހެދި ޓެސްޓުތަކުން އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި އަދި މަރުވި މީހުންނަކީ ބުޑިސްޓުންގެ ފެސްޓިވަލެއް ކަމަށްވާ "ވެސަކް" ފާހަގަކުރުމުގެ ގޮތުން ބަހަމުންދިޔަ ކާބޯތަކެތި ހޯދުމަށް ގޮސް ތިބި ބައެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސްރީ ލަންކާގައި ކޮންމެ އަހަރަކު ވެސް މަގުމަތީގެ އެކްސިޑެންޓްތަކުގައި ގާތްގަނޑަކަށް 3،000 މީހުން މަރުވެ އެވެ. -- އޭއެފްޕީ