އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ނުސީދާ ގޮތުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް، އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތަކާ ގުޅިގެން މެދުކަނޑާލައިފި ކަމަށް އީރާންގެ ތަސްނީން ނިއުސް އެޖެންސީން މިއަދު ބުނެފި އެވެ. 

"ޒަޔަނިސްޓު ދައުލަތުން (އިޒްރޭލުން) ލުބުނާނުގައި ހިންގަމުންދާ ޖަރީމާތައް ކުރިއަށްދާތީ އާއި، ސުލްހައިގެ އެއްބަސްވުމުގެ މައިގަނޑު އެއް ޝަރުތަކީ ލުބުނާނުގެ މަސްރަހު ކަމަށްވާއިރު، މިހާރު ލުބުނާނު ހިމެނޭހެން ހުރިހާ ދިމާލެއްގައި ވެސް، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާތީ، މެދުވެރިންގެ އެހީގައި ކުރިއަށްގެންދާ މަޝްވަރާތަކާއި ލިޔެކިޔުންތައް ބަދަލުކުރުން އީރާނުގެ މަޝްވަރާ ވަފުދުން ވަނީ މެދުކަނޑާލާފައި،" ތަސްނީމް ނިއުސް އެޖެންސީން ބުންޏެވެ. 

އިޒްރޭލުން މިހާރު ލުބްނާނަށް ދެމުން ގެންދާ ހަމަލާތަކަކީ ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި ލުބުނާނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ވަރުގަދަ ހަމަލާތައް އަމާޒުވެފައިނުވާ ހިޒްބުاللهގެ މައި މަރުކަޒެއް ކަމަށްވާ ބެއިރޫތުގެ ދެކުނުގެ ރަށްބޭރުގެ ސަރަހައްދުތަކަށް އަލުން ހަމަލާދޭނެ ކަމަށް ހޯމަ ދުވަހު އިޒްރޭލުން ވަނީ އިންޒާރު ދީފަ އެވެ.

އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން ލުބްނާންގެ އާންމުން ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން ލުބްނާންގެ އާންމުން ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ފުޅާކުރަމުންދާތީ، އދ. ގެ ސަލާމަތީ މަޖިލީހުން ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނީ، އާންމުކޮށް މީހުން ގިނައިން އުޅޭ ބެއިރޫތުގެ ދެކުނުގެ ރަށްބޭރުގެ ސަރަޙހައްދުތަކަށް ހަމަލާދިނުމަށް ވެސް މިހާރު އަމުރުކޮށްފައިވާ ކަމަށެވެ.

އީރާނާއި އެމެރިކާއިން ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ފަހު މަރުހަލާގައިވާ ކަމުގެ އުންމީދާ އެކު ތެލުގެ އަގު ދަށްވެލާފައި ހުރުމަށް ފަހު ހާލަތު ގޯސްވުމުން މިއަދު ވަނީ ސާފު ނުކުރާ ތެލުގެ އަގު އަނެއްކާވެސް ފަސް ޕަސެންޓް އުފުލިފަ އެވެ. 

ޖީއެމްޓީން މެންދުރު ފަހު 1:30 ގައި ބްރެންޓް ނޯތު ސީ ކުރޫޑްގެ އަގު 4.9 ޕަސެންޓް މަތިވެ، ފީފާއެއްގެ އަގު 95.60 ޑޮލަރަށް ވަނީ އަރައިފަ އެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް  5.9 ޕަސެންޓް މަތިވެ، ފީފާއެއް 92.55 ޑޮލަރަށް ބޮޑުވި އެވެ.