ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ދެ ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށާއި، ދެން އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރާ އެކު ކަނޑުއޮޅި އެއްކޮށް ބަންދުވީ ކަމަށް އީރާނުގެ އަސްކަރީ ކޮމާންޑުން މިއަދު ބުނެފި އެވެ.
މި އިންޒާރު އައީ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތައް ނާކާމިޔާބުވަމުންދާ ކަމަށް ބެލެވިފައި ވަނިކޮށެވެ.
މަޝްވަރާގައި އީރާނުން ބައިވެރިވާ ޓީމުން "ޖެއްސުންކުރަނީ" ކަމަށް ތުހުމަތުކުރައްވައި، އީރާނަށް "ބާރުގަދަ ހަމަލާއެއް ދޭނެ" ކަމުގެ އިންޒާރު ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. އަދި އޭގެ ފަހުން އެމެރިކާއިން ވަނީ ބުދަ ދުވަހު އީރާނަށް އަމާޒުކޮށް އާ ހަމަލާތަކެއް ދޭން ފަށައިފަ އެވެ.
"ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާ ދޭނަން. މިހާރު މި ކަނޑުއޮޅި ވަނީ ހުރިހާ ބާވަތެއްގެ އުޅަނދުފަހަރަކަށް މުޅިން ބަންދުކޮށްފައި،" އީރާނުގެ 'ތަސްނީމް' ނިއުސް އެޖެންސީން އެ ގައުމުގެ 'ހާތަމުލް އަންބިޔާ' ކޮމާންޑާ ހަވާލާދީ މިއަދު ބުންޏެވެ.
"ގާނޫނާ ހިލާފަށް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ދެ ބޯޓަކަށް ވަނީ ހަމަލާ ދީފައި" ކަމަށް ވެސް އީރާނުގެ ދައުލަތުގެ ޓީވީ 'އައި.އާރު.އައި.ބީ' އަދި 'މެހެރް' އެޖެންސީން ކަނޑުގެ ސިފައިންގެ ބަޔާނެއްގައި ބުންޏެވެ.
"ދުޝްމަން އެމެރިކާއިން ތަކުރާރުކޮށް ހަމަލާތައް ދީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުންދާތީ، ވަކި ގޮތެއް އަންގަންދެން ހޮރްމޫޒް ކަނޑުއޮޅި ބަންދުވާނެ،" އެ ބަޔާނުގައިވެ އެވެ.
"ޕާޝިއަން ގަލްފް [ފާރިސީ ކަނޑުއޮޅި] އަދި އުމާން ކަނޑުގައި ބޯޓުފަހަރު އަޅާފައިވާ ތަންތަނުން އެއްވެސް އުޅަނދެއް ނުނިކުތުމަށް އިންޒާރު ދެން. ހޮރްމޫޒް ކަނޑުއޮޅިއާ ކައިރިވުން ބެލެވޭނީ ދުޝްމަނުންނަށް އެއްބާރުލުން ދިނުން ކަމުގައި."
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ ސިފައިން އަންގާރަ ދުވަހު އީރާންފެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ރާޑަރުތަކަށް އަދި އެހެނިހެން ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާ ދީފައި ވާއިރު ހަމަ އެ ތަންތަން ހިމެނޭ ސަރަހައްދުތަކުން އަނެއްކާވެސް ވަނީ ގޮވުންތަކެއްގެ އަޑު އިވިފަ އެވެ.
ނަމަވެސް އެމެރިކާއިން ބުނީ ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައިވާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށާއި އެ ސަރަހައްދުގެ ކޮންޓްރޯލް އެއްކޮށް އީރާންގެ އަސްކަރިއްޔާއަށް ނެތް ކަމަށެވެ.