އިންޑިއާއިން ނޭޕާލަށް އަނބު އެތެރެކުރުން މަނާކޮށްފައިވާ ކަމަށް މީޑިއާގައި ކޮށްފައިވާ ރިޕޯޓްތަކަކީ ހަގީގަތެއް ނޫން ކަމަށް ނޭޕާލް ސަރުކާރުން ބުނެފި އެވެ.
ނޭޕާލްގެ "ޕްލާންޓް ކަރަންޓީން އެންޑް ޕެސްޓިސައިޑް މެނޭޖްމަންޓް ސެންޓަރު" އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ފާމާސް ވެލްފެއާ އިން ނެރުނު ބަޔާންތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ އަނބު ނޭޕާލަށް އެތެރެކުރުން މަނާކޮށް ނުވަތަ ސަސްޕެންޑްކޮށްފައެއް ވެސް ނުވެ އެވެ.
ނޭޕާލް ސަރުކާރުން ސާފުކޮށްދީފައިވާ ގޮތުގައި، އިންޑިއާގެ އަނބު އެތެރެކުރުން މަނާކުރީއެއް ނޫނެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އަނބު އެތެރެކުރުމުގެ ޝަރުތުތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ބުންޏެވެ. މި ބަދަލުގެ ދަށުން، ނޭޕާލަށް އެތެރެކުރާ އަނބަކީ "ހޮޓް ވޯޓާ ޓްރީޓްމަންޓް" ދީފައިވާ އަނބަށް ވާންޖެހޭނެ ކަމަށް ނޭޕާލުން ވަނީ ކަނޑައަޅައިފަ އެވެ.
ހޮޓް ވޯޓާ ޓްރީޓްމަންޓަކީ އަނބު ބިނުމަށްފަހު އޭގައި ހުންނަ ފަނިފަކުސައާއި ފަންގަސް ފަދަ ތަކެތި ނައްތާލުމަށްޓަކައި، 55-46 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ހޫނުފެނެއްގައި 10 - 60 މިނެޓާ ދެމެދުގެ ވަގުތަކަށް އަނބު ބަހައްޓަންޖެހޭ ރައްކާތެރިކަމުގެ މަރުހަލާއެކެވެ. ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި، ހޫނު ފެން ބޭނުންކޮށްގެން ދޭ މި ޓްރީޓްމަންޓަކީ ދަނޑުވެރިކަމުގެ ބާވަތްތައް ގައުމުތަކަށް އިމްޕޯޓްކުރުމުގައި ކޮލިޓީ އާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުތަކުން ލާޒިމުކުރާ މިންގަނޑެކެވެ.
އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ، ނޭޕާލުން އަލަށް ކަނޑައެޅި މި ގަވާއިދުތަކާ އެއްގޮތަށް، ޝަރުތުތައް ފުރިހަމަކޮށްގެން އިންޑިއާއިން ނޭޕާލަށް އަނބު އެކްސްޕޯޓްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
މީޑިއާތަކުގައި މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ އަނބުން ނުރައްކާތެރި މިންވަރަކަށް ކެމިކަލް ފެނިގެން ނޭޕާލުން ވަނީ އަނބު އެތެރެކުރުން ކުއްލި ގޮތަކަށް މަނާކޮށްފަ އެވެ. ނަމަވެސް ދެ ގައުމުގެ ރަސްމީ އިދާރާތަކުން މިހާރު ވަނީ އެއީ ކަންހިނގާފައިވާ ގޮތް ނޫންކަން ކަށަވަރުކޮށްދީ، ވިޔަފާރީގެ މުއާމަލާތްތައް އާންމު އުސޫލުން ހިނގަމުންދާ ކަމަށް ބުނެފަ އެވެ.