އިންޑިއާގެ އަނބާއި މޭވާގެ އެހެން ބައެއް ބާވަތްތަކުން، ނުރައްކާތެރި މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑް ފެނިފައި ވާތީ އެ ބާވަތްތައް އެތެރެކުރިން ނޭޕާލުން ވެސް ކުއްލި ގޮތަކަށް މަނާކޮށްފި އެވެ.

ނޭޕާލުގެ ކުރިން ޖަޕާނުން ވެސް ވަނީ އިންޑިއާގެ އަނބު އެ ގައުމުގައި މަނާކޮށްފަ އެވެ. 

ނޭޕާލްގެ ނޫހެއް ކަމަށްވާ "ދަ ރައިޒިންގް ނޭޕާލް" އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ބާލެން ޝާހްގެ ސަރުކާރުން މި ފިޔަވަޅު އެޅީ  އިންޑިއާއިން އެތެރެކުރި މޭވާތަކެއް ތަހުލީލުކުރިއިރު، މަތީ މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑް ހުރިކަން، ބޯޑަރު ބަލަހައްޓާ ކަރަންޓީނު އިންސްޕެކްޓަރުންނަށް އެނގުމުންނެވެ.

ނޭޕާލްގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ލައިވްސްޓޮކް ޑިވެލޮޕްމަންޓުން މި އަހަރުގެ އެޕްރީލް-މެއި ހިސާބުން ފެށިގެން އިންޑިއާގެ މޭވާގެ ބާވަތްތަކަށް ސަމާލުވެ އެކި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށްވެ އެވެ.

އިންޑިއާގެ މަޝްހޫރު އަދި އަގުބޮޑު އަނބުގެ ބާވަތްތައް ކަމަށްވާ އަލްފޮންސޯ، ދަޝޭރީ، ޗައުސާ، ކޭސަރް، ލަންގްރާ އަދި ބަންގަނަޕައްލީ ފަދަ ބާވަތްތައް އެކްސްޕޯޓްކުރުމަށް ބޮޑެތި ހުރަސްތަކެއް މި ފިޔަވަޅާ އެކު ކުރިމަތިވާނެ ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ހާއްސަކޮށް، މިއީ އަނބު މޫސުން ކަމަށްވުމުން އިންޑިއާގެ ދަނޑުވެރިންނަށް މިކަމުން މާލީ ބޮޑު ގެއްލުމެއް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ނޭޕާލްގެ ބާޒާރުތަކަށް ނުތަނަވަސްކަން

މި ކުއްލި ފިޔަވަޅާ އެކު ނޭޕާލްގެ ވިޔަފާރިވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖަނަކްޕޫރްދާމްގެ ފްރުޓް އެންޑް ވެޖިޓަބަލް ޓްރޭޑާސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ބޫވަނޭޝްވަރު ޕުރުބޭ ވިދާޅުވެފައިވާ ގޮތުގައި، ދުރާލައި ތައްޔާރުވުމެއް ނެތި ސަރުކާރުން އެޅި މި ފިޔަވަޅުގެ ސަބަބުން ބާޒާރުގައި އަނބު ލިބުން ދަތިވެދާނެ އެވެ. ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމުމުގެ ބަދަލުގައި، ބޯޑަރުގެ ކަރަންޓީނު ނިޒާމު ވަރުގަދަކޮށް، ރަނގަޅަށް ކޮލިޓީ ޓެސްޓު ކުރުމަށްފަހުގައި ނޫނީ މޭވާ އެތެރެކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ.

ނަމަވެސް ނޭޕާލްގެ ސަރުކާރުން މި ނިންމުން ދިފާއުކުރެ އެވެ. މަދޭޝް ޕްރޮވިންސްގެ އެގްރިކަލްޗާ މިނިސްޓްރީގެ ތަރުޖަމާނު މަނީޝް ކުމާރު ޕާލް ވިދާޅުވީ، މިއީ ގައުމުގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ރައްޔިތުންނަށް ސިއްހަތަށް ފައިދާހުރި ރައްކާތެރި މޭވާ ފޯރުކޮށްދިނުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ނޭޕާލްގެ އަމިއްލަ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަޕާނުން ވެސް ވަނީ މަނާކޮށްފައި

ނޭޕާލްގެ ކުރިން، މިދިޔަ މަހު ޖަޕާނުން ވެސް ވަނީ އިންޑިއާއިން އަނބު އެތެރެކުރުން ހުއްޓާލައިފަ އެވެ. ޖަޕާނުގެ ކަރަންޓީނު އޮފިޝަލުން މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ޓްރީޓްމަންޓް ފެސިލިޓީތައް ބަލައި ފާސްކުރިއިރު، ސިއްހީ ރައްކާތެރިކަމާއި ފަނިފަކުސަ ކޮންޓްރޯލްކުރުމުގެ މިންގަނޑުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ޖަޕާނުން އިންޑިއާގެ އަނބަށް މިފަދަ ހުރަހެއް އެޅި ފުރަތަމަ ފަހަރެވެ.

އިންޑިއާއަކީ އަހަރަކު ގާތްގަނޑަކަށް 28 މިލިއަން މެޓްރިކް ޓަނުގެ އަނބު އުފައްދާ، ދުނިޔޭގައި އެންމެ ގިނައިން އަނބު ހައްދާ ގައުމެވެ. އުފައްދާ އަނބުގެ ބޮޑުބައެއް ގައުމުގެ އެތެރޭގައި ބޭނުންކުރި ނަމަވެސް، ޖަޕާނާއި ނޭޕާލް ފަދަ ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކޮށްގެން ދަނޑުވެރިންނަށް ބޮޑު ފައިދާއެއް ލިބެ އެވެ.

އިންޑިއާގެ އެކްސްޕޯޓްކުރާ ފަރާތްތަކުން އަންނަނީ، މި ފިޔަވަޅުތަކާ އެކު  އިންޑިއާގެ ދަނޑުވެރިކަމުގެ ކޮލިޓީ ކޮންޓްރޯލް ނިޒާމާ މެދު ދުނިޔޭގެ އެހެން ގައުމުތަކުގެ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.