މިދިޔަ އޮގަސްޓް މަހު ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާއަށް ފަހު، އެ ގައުމު އަލުން އާރާސްތުކުރުމަށް 1.6 ބިލިއަން ޑޮލަރު (240 ބިލިއަން ނޭޕާލީ ރުޕީސް) ގެ ތަރައްގީގެ އެހީގެ ޕެކޭޖެއް ދޭން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ނިންމަވައިފި އެވެ.

ނިއު ދިއްލީއަށް ވަޑައިގެން އުޅުއްވާ ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް އަރިހުގައި ހުންނަވައި މޯދީ ވިދާޅުވީ، އޮގަސްޓް މަހު ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ފުން ހިތާމައާ އެކު ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި ނޭޕާލް އަލުން ބިނާކުރުމަށާއި ދިގު މުއްދަތުގެ ތަރައްގީއަށް އާ ދިރުމެއް ގެނައުމަށް 1.6 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާން ކުރައްވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި ޕެކޭޖުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް އިންޑިއާއިން އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ މާޗް މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަވަށްޓެރި ގައުމަކަށް ޝާހް ކުރެއްވި ފުރަތަމަ ދަތުރުގައި، ނިއު ދިއްލީގެ ރިޔާސީ ގަނޑުވަރުން އޭނާއަށް ވަނީ އަސްކަރީ ގާޑް އޮފް އޮނަރެއް އަރުވައިފަ އެވެ. ޒުވާނުން އިސްވެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރި ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކަށް ފަހު ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ޝާހް، 36، އަށް، މޯދީ، 76، މަރުހަބާ ވިދާޅުވީ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގަ އެވެ.

ކުރީގެ ބޮޑުވަޒީރުންނާ ހިލާފަށް، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހް ވަނީ ބޭރު ގައުމުތަކަށް ދަތުރުކުރެއްވުމުން ދުރުހެލިވެވަޑައިގެންފަ އެވެ. އޭނާ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރަކީ މިދިޔަ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނިއު ޔޯކަށް ކުރެއްވި ދަތުރެވެ.

ހިމާލަޔާ ފަރުބަދަމަތީގެ ގަނޑުފެންގަނޑެއް ވެއްޓި، ސުނާމީއެއް ފަދައިން އައި އެ ފެންބޮޑުވުމުގެ ހާދިސާގައި ނޭޕާލުން 1،400 އަށް ވުރެ ގިނަ މީހުން މަރުވެ، 5،000 މީހުން ވަނީ ގެއްލިފަ އެވެ.

މޫސުމީ ބަދަލުތަކަށް ޒިންމާވާ ވިހަ ގޭސް ބޭރުކުރުމުގައި ނޭޕާލްގެ ހިއްސާ ކުޑަ ނަމަވެސް، މޫސުމީ ބަދަލާ ގުޅުން ހުރި މި ގެއްލުމާ ގުޅިގެން އެ ގައުމު އަލުން އާރާސްތުކުރުމަށް 4.78 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

ޝާހް ވިދާޅުވީ، މިއީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ އެންމެން ގުޅިގެން ކުރިމަތިލާން ޖެހޭކަން ހާމަވާ ކަމެއް ކަމަށެވެ. މީގެ ކުރިން އޮކްޓޯބަރު މަހު އދ. ގެ "ކްލައިމެޓް ލޮސް އެންޑް ޑެމޭޖް ފަންޑު" އިން ވެސް ވަނީ ނޭޕާލަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފަ އެވެ.

މޯދީ ވިދާޅުވީ އިންޑިއާގެ އަމާޒަކީ ހާލުގައި ޖެހުނު އާއިލާތަކުގެ ދިރިއުޅުން އަލުން އާރާސްތުކޮށްދީ، އާ ފުރުސަތުތައް ހޯދައިދިނުމާ އެކު، ކުރިމަގުގައި ދިމާވެދާނެ ކާރިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން ނޭޕާލުގައި އިތުރުކޮށްދިނުން ކަމަށެވެ.

ދެ ގައުމުގެ ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ލީޑަރުން މިއަދު ވަނީ އެއްބާރުލުން ދިނުމުގެ ޖޮއިންޓް ވިޝަން ޑޮކިއުމެންޓެއް ވެސް އިފްތިތާހު ކުރައްވައިފަ އެވެ. މީގެ އިތުރުން، ދެ ގައުމު ގުޅުވައިދޭ ރޭލްވޭއަކާއި، 669 މެގަވޮޓްގެ ހައިޑްރޯޕަވާ ޕްލާންޓެއްގެ އިތުރުން ތެޔޮ ހޮޅިއެއް އެޅުމާއި ތެޔޮ ރައްކާކުރާ އާ ޓާމިނަލެއްގެ މަޝްރޫއު ވެސް ވަނީ ފައްޓަވައިފަ އެވެ.

ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޭޕާލްގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔަކީ އިންޑިއާ އެވެ. ނޭޕާލަށް އެތެރެކުރާ މުދަލުގެ 60 ޕަސެންޓަށް ވުރެ ބޮޑު ބައެއް (8.6 ބިލިއަން ޑޮލަރު) އިންޑިއާއިން ހިއްސާކުރާއިރު، ޗައިނާގެ ހިއްސާއަކީ 13 ޕަސެންޓް (1.8 ބިލިއަން ޑޮލަރު) އެވެ.

ޝާހް ވިދާޅުވީ ނޭޕާލާއި އިންޑިއާގެ ރަހުމަތްތެރިކަމަކީ ހިމާލަޔާ ފަރުބަދަ ފަދައިން އިތުބާރު ހުރި އުސް، އަދި ކޯރެއް ފަދައިން މެދުކެނޑުމެއް ނެތި އެއްބާރުލުން ދެމިގެންދާނެ ގުޅުމަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. -- އޭއެފްޕީ