އެމެރިކާ އާއި އީރާނާ ދެމެދު މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމަކީ އެ ސަރަހައްދުގެ ސުލްހައިގެ ފެށުމަށް ވެދާނެ ކަމަށް ބުނެ މިސްރުން މަރުހަބާ ކިޔައިފި އެވެ.

އެމެރިކާ އާއި އީރާނުން ބުނި ގޮތުގައި، ލުބްނާން ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، ތެލުގެ ވިޔަފާރީގައި މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ދެ ފަރާތުން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ހުރި ހިޔާލުތަފާތުވުން ބޮޑު މައްސަލައަށް މި އެއްބަސްވުމުގައި މާ ބޮޑު އިޝާރާތެއް ކޮށްފައެއް ނުވެ އެވެ.

"އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމަށް މިސްރުން މަރުހަބާ ކިޔަން. މިއީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަލާމަތާއި ހަމަޖެހުން އަލުން ގާއިމުކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް މިސްރުން ދެކޭ،" މިސްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މި އެއްބަސްވުމަކީ ދެފަރާތުގެ މެދުގައި އިތުބާރު ބަދަހިކުރުމަށާއި، އެއްބާރުލުން ދިނުމަށް އާ އަސާސްތަކެއް އެކުލަވާލުމަށާއި، ސުލްހައަށް މަގުފަހިވާނެ ފަދަ މާހައުލެއް އުފެއްދުމަށާއި، އަދި ސަރަހައްދުގައި ބާކީ ހުރި އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއެރުވުމަށް ލިބޭ ބޮޑު އަލިމަގަކަށް ވާނެ ކަމަށް" މިސްރުން އުންމީދުކުރާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. 

އެމެރިކާ އާއި އީރާނުން 60 ދުވަހަށް ހަމަލާތައް ހުއްޓާލައި ދާއިމީ އެއްބަސްވުމަކަށް މަސައްކަތް ފެށުމަށް ނިންމުމާ އެކު ގައުމުތަކުން ގެންދަނީ މިކަމަށް މަރުހަބާ ކިޔަމުންނެވެ. އަދި މި އެއްބަސްވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށްވާން ފަށައިފަ އެވެ.