އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލަން ގާއިމުކުރާ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ނުފެށި ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާއިން ބަންދުކޮށްފައި އޮތް ސަރަހައްދުން އީރާނުގެ ތެޔޮ ޓޭންކަރުތައް ތެޔޮ ބަރުކޮށްގެން ދަތުރަށް ފުރައިފި އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ހަދަން ނިންމައި އެކަމުގެ މަޝްވަރާތައް ފެށުމުގެ އެމްއޯޔޫގައި ރަސްމީކޮށް ސޮއިކުރާނީ ސްވިޓްޒަލެންޑްގައި ހުކުރު ދުވަހު އެވެ. މި އެމްއޯޔޫގެ ތަފްސީލްތައް އަދިވެސް މީޑިއާއަށް ހާމައެއް ނުވެ އެވެ.
ތެޔޮ ބަރުކޮށްގެން ދަތުރުކުރާ އުޅަނދުތައް މޮނިޓަކުރާ 'ޓޭންކާޓްރެކާސް' ވެބްސައިޓުން ބުނި ގޮތުގައި، މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި، ސާފުނުކުރާ ތެޔޮ އީރާނުން ބޭރުކުރި ފުރަތަމަ ފަހަރެވެ. ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވެފައިވާ ގޮތުގައި އީރާނުގެ ނޭޝަނަލް އިރާނިއަން ޓޭންކަ ކޮމްޕެނީ (އެންއައިޓީސީ) ގެ ދެ ސުޕަޓޭންކަރު ކަމަށްވާ 'ޑިއޯނާ' އަދި 'ހީރޯ2' ވަނީ އެމެރިކާގެ ކަނޑުގެ ސިފައިން ބަންދުކޮށްފައި އޮތް ސަރަހައްދުން ނުކުމެފަ އެވެ. މި ދެ ބޯޓުގައި ޖުމްލަ 3.8 މިލިއަން ފީފާގެ ތެޔޮ ހުއްޓެވެ.
މީގެ ކުރިން އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މަޖީދު ތަޚްތު-ރަވަންޗީ ވަނީ އެމެރިކާގެ ހިސާރު ނިމުމަކަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ.
"ބްލޮކޭޑް (ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން) އުވާލުމަކީ ހަނގުރާމައިގެ ކުރީކޮޅުން ފެށިގެން ވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ބާރުއަޅަމުން އައި ކަންތައް. މިހާރު އެކަން ވަނީ ފެށިފައި. އަދި ހުކުރު ދުވަހު ރަސްމީކޮށް ސޮއިކުރުމުގެ ކުރިން ބްލޮކޭޑް މި ވަނީ އުވާލެވިފައި،" ސަރުކާރުގެ ރަސްމީ ވެބްސައިޓުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރާ ހަވާލާދީ ބުނެފައިވެ އެވެ.
އެންމެ ފަހުގެ އެއްބަސްވުމަކަށް އައުމަށް ކުރާ މަޝްވަރާތައް ހުކުރު ދުވަހު ސްވިޒަލޭންޑްގެ ބާގެންސްޓޮކް ރިސޯޓުގައި ފެށުމަށް ހަމަޖެހިފައިވާއިރު، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވޭނެ ކަމުގެ ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދު ބޮޑުވި ނަމަވެސް، އިޒްރޭލުން ދެކުނު ލުބްނާނަށް ދެމުންދާ އާ ހަމަލާތަކުގެ ސަބަބުން އަދިވެސް ކަންބޮޑުވުން އެބަ އޮތެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، ސްވިޓްޒަލޭންޑްގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ފަހުގެ އެއްބަސްވުމުގެ މަޝްވަރާތައް ވަގުތުން ފަށާނެ އެވެ. އަދި 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މުސްތަގުބަލާ މެދުގަ އާއި ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާނެ އެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ މި އެއްބަސްވުމުގެ ދަށުން އީރާނަށް ވަގުތުން ތެލާއި ހަކަތާއިގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އެމެރިކާއިން ދޭނެ އެވެ. ސޮއިކުރުމާ އެކު ބޭންކިން، ދަތުރުފަތުރު އަދި އިންޝުއަރެންސް ފަދަ ހިދުމަތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ލިބޭނެ އެވެ.
ނަމަވެސް އެމެރިކާގެ ބައެއް ކޮންޒަވޭޓިވް ސިޔާސީ ބޭފުޅުން ވަނީ މި އެއްބަސްވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސެނެޓުގެ ރިޕަބްލިކަން މެންބަރުން ވަނީ ޓްރަމްޕްގެ ސަރުކާރުން މި އެއްބަސްވުމުގެ ލިޔުންތައް ހުށަހެޅުމަށާއި އެކަމާ ބެހޭ މައުލޫމާތު ދިނުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން މި އެއްބަސްވުން ބަލައި، އޭގައި އަސްލު އޮތީ ކޯއްޗެއްތޯ ސާފުކުރަން ބޭނުން،" ސެނެޓުގެ މެޖޯރިޓީ ލީޑަރު ޖޯން ތޫން ވިދާޅުވި އެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ފްރޭމްވޯކް އެއްބަސްވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް، ނައިބު ރައީސް ޖޭޑީ ވެންސް، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރާއި މަޝްވަރާގެ އިސް ވެރިޔާ ވަނީ އިލެކްޓްރޯނިކްކޮށް ސޮއިކުރައްވައިފަ އެވެ.
ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން ކުރި މަޝްވަރާތަކުން ވަގުތީ އެއްބަސްވުމަކަށް މަގުފަހިވި ނަމަވެސް، އީރާނުގެ ނިއުކްލިއާ މައްސަލައިގައި އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. އެމެރިކާ އާއި އިޒްރޭލުން ބޭނުންވަނީ އީރާނުގެ ޔުރޭނިއަމް ރިޒާވް އެއްކޮށް ނައްތާލުމަށެވެ. ނަމަވެސް އީރާނުން ބުނަނީ ޔުރޭނިއަމް މުއްސަނދިކުރުމަކީ އެ ގައުމަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް ވެންސް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ޓެކްސް ފައިސާއިން އެއްވެސް އެއްޗެއް އީރާނަށް ނުދޭނެ ކަމަށާއި، ނިއުކްލިއާ އިންސްޕެކްޓަރުންނަށް އީރާނަށް ވަނުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. ނަމަވެސް އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފްރީޒްކޮށްފައި ހުރި 12 ބިލިއަން ޑޮލަރުގެ އެސެޓްސް މި އެއްބަސްވުމުގެ ދަށުން ދޫކޮށްލާނެ އެވެ.