ކެއްސާތީ ދޭ ދިޔާ ބޭހެއް ތަޣައްޔަރުވެފައި ހުރުމުގެ ސަބަބުން ކުޑަކުދިންތަކެއް މަރުވި ހާދިސާތަކަކާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭގެ ބޭސް ވެސް ހިމެނޭ ގޮތަށް، ދިޔާ ބޭސްތައް (މެޑިސިނަލް ސިރަޕް) ޑޮކްޓަރުގެ ބޭސްސިޓީއާ ނުލައި (އޯވަރ-ދަ-ކައުންޓަ) ކޮށް ވިއްކުން އިންޑިއާ ސަރުކާރުން މަނާކޮށްފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ އިން އިއްޔެ ނެރުނު ރަސްމީ ނޮޓިފިކޭޝަނެއްގައިވާ ގޮތުން، 1945 ގެ "ޑްރަގްސް ރޫލްސް" އަށް މިހާރު ވަނީ އިސްލާހު ގެނެސްފަ އެވެ. މި ބަދަލާ އެކު، މީގެ ކުރިން ބޭސް ސިޓީއާ ނުލައި އާންމު ފިހާރަތަކުންނާއި ކުދި އަވަށްތަކުން ފަސޭހައިން ލިބެން ހުންނަ ދިޔާ ބޭސްތައް ދެން ލިބޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފާމަސީތަކުން، ޑޮކްޓަރަކު ސޮއިކޮށްފައިވާ ބޭސްސިޓީއެއް ދެއްކުމުން އެކަންޏެވެ.

މީގެ ކުރިން އިންޑިއާގެ ގަވާއިދުތައް އޮތްގޮތުން "ކެއްސާތީ ބޭނުންކުރާ ސިރަޕް، ލޮޒެންޖަސް އަދި ގުޅަބޭސް ވެސް އޮންނަނީ ހާއްސަ އިސްތިސްނާ ލިސްޓެއްގަ އެވެ. ނަމަވެސް އާ އިސްލާހާ އެކު، އެ ލިސްޓުން "ސިރަޕް"  ނުވަތަ ދިޔާ ބޭހުގެ ބާވަތްތައް ވަނީ އުނިކޮށްފަ އެވެ. އެހެންވެ ކެއްސުން ރަނގަޅުކުރުމަށް ދޭ ބޭސްގުޅަތައް އަދިވެސް ބޭސްސިޓީއާ ނުލައި ގަންނަން ލިބޭނެ އެވެ.

ސަރުކާރުން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިކަމާ ގުޅޭގޮތުން ޑްރާފްޓް ގަވާއިދެއް ނެރެ، އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު އެވެ.

މި ފިޔަވަޅު ސަރުކާރުން އެޅީ، ސިނާއީ މަސައްކަތްތަކުގައި ބޭނުންކުރާ ވިހަ ކެމިކަލެއް ކަމަށްވާ ޑައިއެތިލީން ގްލައިކޯލް އެކުލެވޭ، ތަޣައްޔަރުވެފައިވާ ކޯފް ސިރަޕް ބޮއެގެން ގިނަ އަދަދެއްގެ ކުދިން މަރުވުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި އެކަނިވެސް 24 ކުޑަކުދިން ވަނީ މީގެ ސަބަބުން މަރުވެފަ އެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓްކުރި ކޯފް ސިރަޕްގެ ސަބަބުން އެފްރިކާ އާއި ސެންޓްރަލް އޭޝިއާގެ ގައުމުތަކުން 140 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާތީ، ދުނިޔޭގެ ފެންވަރުގައި އިންޑިއާގެ އެފަދަ ބޭސްތަކުގެ ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ދުނިޔޭގެ ބޭސް ބާޒާރުގައި "ދުނިޔޭގެ ފާމަސީ" ގެ ނަމުން މަޝްހޫރުވެފައިވާ އިންޑިއާގެ ފާމަސޫޓިކަލް ސިނާއަތަކީ 2030 ވަނަ އަހަރާ ހަމައަށް 130 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ސިނާއަތަކަށް ހެދުމަށް އަމާޒު ހިފާފައިވާ ދާއިރާއެކެވެ. އެހެންވެ ބޭހުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ މި އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ކޯފް ސިރަޕް ފެކްޓްރީތަކުގެ 90 ޕަސެންޜް ބަލައި ފާސްކޮށް، މިންގަނޑުތަކަށް ނުފެތޭ ތަންތަނަށް ފިޔަވަޅު އަޅައިފަ އެވެ.

މި އާ ގަވާއިދަށް މަރުހަބާ ކިޔަމުން ޑޮކްޓަރުން ބުނެފައިވަނީ، އަމިއްލައަށް ބޭސް ގަނެގެން ބޭނުންކުރުން ހުއްޓުވުމަށާއި، ކުޑަކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިއީ ކޮންމެހެންވެސް އަޅަންޖެހިފައި އޮތް މުހިންމު ފިޔަވަޅެއް ކަމަށެވެ.