ބަރުދަން ލުއިކުރާ ބޭހުގެ އަގުހެޔޮ ޖެނެރިކް ބޭސްތައް ބާޒާރަށް ނުކުތުމާ އެކު، އޭގެ ބޭސްތައް އުސޫލުން ބޭރުން ބޭނުންކުރުމުގެ ނުރައްކަލާ މެދު އިންޑިއާގެ ހެލްތު މިނިސްޓްރީން އިންޒާރުދީ، ބޭސް އުފައްދާ އަދި ސަޕްލައިކުރުމުގެ ނިޒާމު އިންސްޕެކްޓުކުރުން ވަރުގަދަކޮށްފި އެވެ.
މި އިންޒާރު އައިސްފައިވަނީ، ދުނިޔޭގައި އެންމެ ގިނައިން ޖެނެރިކް ބޭސް ސަޕްލައިކުރާ ގައުމު ކަމަށްވާ އިންޑިއާގައި، އޮޒެމްޕިކް އަދި ވީގޯވީ ފަދަ ބޭސްތަކުގައި ހިމެނޭ މާއްދާ "ސެމަގްލޫޓައިޑް" ގެ ޕޭޓަންޓް މި މަހުގެ 20 ވަނަ ދުވަހު ހަމަވުމާ އެކުގަ އެވެ. ލޭގައި ހަކުރު ހުންނަ މިންވަރާއި ކާހިތްވުން ކޮންޓްރޯލްކޮށްދޭ ހޯމޯންއަކަށް ނިސްބަތްވާ GLP-1 ބޭސްތަކުގެ ޖެނެރިކް ބާވަތްތަކުގެ ސަބަބުން، ބޭހުގެ އަގުތައް ވަރަށް ބޮޑަށް ހެޔޮވެ، ފަލަވުމުގެ ބަލިމަޑުކަމާ ދެކޮޅަށް ދުނިޔޭގައި ކުރާ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ އެވެ.
ނަމަވެސް، ހެލްތު މިނިސްޓްރީން ބުނީ މި ބޭސްތައް ބޭނުންކުރެވޭނީ ހަމައެކަނި ޑޮކްޓަރެއްގެ ބޭސްސިޓީއަށް ކަމަށެވެ.
"GLP-1 ގެ ގިނަ އަދަދެއްގެ ޖެނެރިކް ބާވަތްތައް ދާދި ފަހުން ތައާރަފުވުމާ އެކު، އާންމު ފާމަސީތަކާއި، އޮންލައިން ޕްލެޓްފޯމްތަކާއި، ހޯލްސޭލްކުރާ ތަންތަނާއި، ވެލްނަސް ކްލިނިކްތަކުން، ބޭނުން އިރަކު މި ބޭސްތައް ލިބެން ހުންނާނެތީ ކަންބޮޑުވުން ވަނީ އުފެދިފައި،" ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"ޑޮކްޓެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް މި ބޭސްތައް ބޭނުންކުރުމަކީ، ސިއްހީ ގޮތުން ސީރިއަސް ނުރައްކާތަކަކާއި ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ ކަމެއް."
މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާގެ ޑްރަގްސް ކޮންޓްރޯލަރުން މިހާރު ވަނީ މިކަމަށް އިތުރު ސަމާލުކަމެއް ދީފަ އެވެ. އޭގެ ތެރޭގައި ކަސްޓަމަރުންނަށް އޮޅޭ ފަދަ ގޮތްގޮތަށް ބޭސް އިޝްތިހާރު ކުރުމާއި، ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ކަންކަމަށް ބޭސް ބޭނުންކުރަން ހިތްވަރު ދިނުން ބޭސް އުފައްދާ ފަރާތްތަކަށް މަނާކުރުން ހިމެނެ އެވެ.
ވޯލްޑް އޮބީސިޓީ ފެޑެރޭޝަންގެ ރައީސް ސައިމަން ބަރްކޭރާ އޭއެފްޕީއަށް ވިދާޅުވީ، ފަލަވުން އިތުރުވާ މިންވަރު ހަމައެކަނި ބޭހުން ދަށްނުކުރެވޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފަލަވުމަކީ އޮޅުންބޮޅުން ބޮޑު ބައްޔެއް ކަމަށާއި، ބަލިން ރައްކާތެރިވުމުގެ މަސައްކަތާއި ސިއްހަތަށް ފައިދާހުރި އާދަކާދަތައް މުހިންމެވެ.
އިންޑިއާގައި ބަރުދަން ލުއިކުރާ ބޭސް ވިއްކާ މިންވަރު މި އަހަރާ ހަމައަށް، 153 މިލިއަން ޑޮލަރަށް އަރާފައިވާއިރު، 2030 ވަނަ އަހަރާ ހަމައަށް މި އަދަދު ބައި ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. ކުރިން މިފަދަ ބޭސް ބޭނުންކުރާ ނަމަ މީގެ ކުރިން މަހަކު 15،000 އާއި 22،000 ރުޕީސްއާ ދެމެދު އަދަދެއް ހަރަދުކުރަން ޖެހުނު ނަމަވެސް ޕޭޓަންޓް ހަމަވުމާ އެކު މިހާރު 1،300 އާއި 4،200 ރުޕީސްއާ ދެމެދަށް ވަނީ ޖެނެރިކް އިންޖެކްޝަންތަކުގެ އަގު ދަށްވެފަ އެވެ. -- އޭއެފްޕީ