މުމްބާއީ، އިންޑިއާ (އޭއެފްޕީ): ފަލަބަލި ނުވަތަ އޮބީސިޓީއާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތަށް ބޮޑު ބަދަލެއް ދެން އަތުވެދާނެ އެވެ. އެއީ މަޝްހޫރު "އޮޒެމްޕިކް" ފަދަ، ބަރުދަން ލުއިކުރާ އިންޖެކްޝަންތަކުގެ މުހިންމު ޕޭޓަންޓެއްގެ މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވުމާއެކު، އިންޑިއާއިން އޭގެ އަގުހެޔޮ "ޖެނެރިކް" ބާވަތްތައް ބާޒާރަށް ނެރެން ތައްޔާރުވާން ފަށާފައި ވާތީ އެވެ.
މިއީ މީގެ ކުރިން ލަގްޒަރީ އެއްޗެއްގެ ގޮތުގައި، ހަމައެކަނި މުއްސަނދިންނަށް އަތްފޯރާ ފަށުގައި ހުރި މި ފަރުވާތައް އާންމުންނަށް ވެސް ލިބޭނެ މަގު ފަހިވުމެވެ.
މުމްބާއީގެ ކްލިނިކްތަކުގެ ޑޮކްޓަރުން ބުނާ ގޮތުގައި، އިންޖެކްޝަންގެ އަގު ހެޔޮވުމާ އެކު މި ފަރުވާ އަލަށް ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ އެވެ.
އެންޑޯކްރިނޮލޮޖިސްޓް ނަދީމް ރައިސް ވިދާޅުވި ގޮތުގައި، މިހާރުވެސް ހަފްތާއަކު 50 އަށްވުރެ ގިނަ މީހުން މި އިންޖެކްޝަން ހޯދަން އޭނާގެ ގާތަށް އާދެ އެވެ.
"މިހާރުވެސް ދާއިމީކޮށް މި ފަރުވާ ހޯދާ 70 އާއި 80 އާ ދެމެދުގެ މީހުން އެބަތިބި،" އޭނާ އޭއެފްޕީ އަށް ބުންޏެވެ. "ޖެނެރިކް ބޭސްތައް ނުކުމެ، އަގުތައް ދަށްވުމުން އެ އަދަދު ފަސޭހަކަމާ އެކު 200 އަށް އަރާނެ."
އޭނާގެ އެކުވެރި ޑޮކްޓަރެއް ކަމަށްވާ ސުނޭރާ ގާއީ ވެސް މިކަމަށް އެއްބަސްވެ އެވެ. އޭނާ ބުނި ގޮތުގައި މި ބޭހަށް އޮތް ޑިމާންޑް "ވަރަށް މަތި" ނަމަވެސް، ގިނަ ބަޔަކު މިހާރު މި ބޭސް ބޭނުން ނުކުރަނީ އެއީ "ލަގްޒަރީ" އެއްޗަކަށް ވާތީއެވެ.
މި ފަރުވާއަށް ބޮޑު ބަދަލެއް މި އަންނަނީ، އޯޒެމްޕިކް އަދި ވީގޯވީ ފަދަ ބޭސްތަކުގައި ހިމެނޭ މައިގަނޑު މާއްދާ ކަމަށްވާ 'ސެމަގްލޫޓައިޑް' ގެ ޕޭޓަންޓް، ދުނިޔޭގެ އެންމެ ބޮޑު ޖެނެރިކް ބޭސް އުފައްދާ ގައުމު ކަމަށްވާ އިންޑިއާގައި މިދިޔަ ހުކުރު ދުވަހު ހަމަވުމާ ގުޅިގެންނެވެ.
މުޅި ދުނިޔޭގެ ފަލަބަލީގެ 48 ޕަސެންޓް ހިއްސާވާ 10 ގައުމެއްގައި ސެމަގްލޫޓައިޑްގެ މައިގަނޑު ޕޭޓަންޓްތަކުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެ ކަމަށް މި މަހު ކުރީކޮޅު ޝާއިއުކުރި ދިރާސާއެއްގައިވެ އެވެ. މީގެ ތެރޭގައި ބްރެޒިލް، ޗައިނާ، ދެކުނު އެފްރިކާ، ތުރުކީ އަދި ކެނެޑާ ހިމެނެ އެވެ.
އިންޑިއާގެ ބޭސް ކުންފުނިތައް ތައްޔާރު
އިންޑިއާގެ ބޮޑެތި ބޭސް ކުންފުނިތަކަށް މިއީ އާ ވާދަވެރިކަމެއްގެ ފެށުމެވެ.
އޭއެފްޕީ އަށް ފެނިފައިވާ ރެގިއުލޭޓަރީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މަދުވެގެން، ބޮޑު ހަތަރު ކުންފުންޏަކުން މިހާރު ވެސް ވަނީ ސެމަގްލޫޓައިޑްގެ ޖެނެރިކް އިންޖެކްޝަންތައް ތައްޔާރުކޮށްފަ އެވެ.
"ޒައިޑަސް ލައިފްސައިންސަސް" ހިމެނޭހެން ބައެއް ކުންފުނިތަކުން ވަނީ ޕޭޓަންޓް ހަމަވާ ފުރަތަމަ ދުވަހު ބޭސް ނެރޭނެކަން އިއުލާނުކޮށްފަ އެވެ. މިއީ މި ހަފުތާ ނިމޭއިރު އިންޑިއާގައި މި ބޭސްތައް ލިބެން ފަށާނެ ކަމުގެ ނިޝާނެކެވެ.
ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ 'ފާމާރެކް' އިން ލަފާކުރާ ގޮތުގައި އިންޑިއާގެ ބާޒާރަށް މި ބޭހުގެ ގިނަ ވައްތަރުތަކެއް ވަރަށް އަވަހަށް ނެރޭނެ އެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، 50 އަށްވުރެ ގިނަ ބްރޭންޑް ބާޒާރަށް ނެރޭނެ، އަދި 40 އަށްވުރެ ގިނަ ކުންފުނިން މި ބޭސްތައް އުފައްދާނެ،" ފާމާރެކްގެ ވައިސް ޕްރެޒިޑެންޓް ޝީތަލް ސަޕާލޭ ވިދާޅުވި އެވެ.
މިކަން މި ދިމާވީ އިންޑިއާގެ ސިއްހީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި މުޅި ދުނިޔޭގައި އަންޑަނިއުޓްރިޝަން ނުވަތަ އެކަށީގެންވާ ކާނާ ނުލިބޭ މީހުންގެ މީހުންގެ ތިންބައިކުޅަ އެއްބައި އިންޑިއާގައި ތިބި ނަމަވެސް، އާމްދަނީ އިތުރުވުމާއި ސިޓީތަކުގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ފަލަބަލީގެ ރޭޓް ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ.
މިދިޔަ އަހަރުގެ މާޗް މަހު އާންމުކުރި ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާގެ އަންހެނުންގެ 24 ޕަސެންޓް އަދި ފިރިހެނުންގެ 23 ޕަސެންޓަކީ ބަރުދަން އިތުރު ނުވަތަ ފަލަބަލީގެ މީހުންނެވެ.
"މީހަކަށް އާމްދަނީ ލިބެން ފެށުމުން، މިތަނުގައި އޭނާގެ ހަރަކާތްތެރިކަން ކުޑަވޭ،" ބޭރިއޭޓްރިކް ސާޖަން ސަންޖޭ ބޮރޫޑޭ ވިދާޅުވި އެވެ. "ތަރައްގީވެފައިވާ ގައުމުތަކުގައި ފައިސާ ލިބޭ ވަރަކަށް މީހުން ހަރަކާތްތެރިވެ، ސިއްހަތަށް ވަގުތު ހުސްކުރޭ. ނަމަވެސް އިންޑިއާގައި މިކަން އޮތީ މީގެ އިދިކޮޅަށް."
މިކަމުގެ ފައިދާ، އެލީ ލިލީ އަދި ނޯވޯ ނޯޑިސްކް ފަދަ ބޮޑެތި ބޭސް ކުންފުނިތަކުން ދަނީ ނަގަމުންނެވެ.
އިންޑިއާގައި، ބަރުދަން ލުއިކުރާ ބޭސްތަކުގެ ވިޔަފާރި ފާއިތުވި ފަސް އަހަރު ތެރޭގައި 10 ގުނަ އިތުރުވެ، 2026 އާ ހަމައަށް 153 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ. އަދި 2030 އާ ހަމައަށް މި އަދަދު ބައި ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ނަމަވެސް މިފަދަ ބޭސްތައް ބޭނުންކުރުމުން މޭނުބައިކުރުމާއި ހަޖަމުކުރުމުގެ މައްސަލަތައް ފަދަ ސައިޑް އިފެކްޓްތައް ކުރިމަތިވެދާނެ އެވެ.
އަގުގެ ހުރަސް ނައްތާލުން
އެލީ ލިލީގެ "މައުންޖާރޯ" ބޭހަކީ މިދިޔަ އަހަރު އިންޑިއާގައި އެންމެ ގިނައިން ވިކުނު ބޭހެވެ. އެއީ އާންމުކޮށް ބޭނުންކުރާ އެންޓިބަޔޮޓިކްތަކަށް ވުރެ ވެސް ގިނައިންނެވެ.
ނަމަވެސް، މަހަކު 15,000 އާއި 22,000 ރުޕީސް (161–236 ޑޮލަރު) ހޭދަވާތީ ގިނަ ބަޔަކަށް މި ބޭސް ނުލިބޭ ކަމަށް، މުމްބާއީގައި ކްލިނިކެއް ހިންގާ ސްވާތީ ޕްރަދާން ބުންޏެވެ.
އޭނާ ލަފާކުރާ ގޮތުގައި، ޖެނެރިކް ބޭސްތަކާ އެކު މަހަކު ކުރަންޖެހޭ ހަރަދު 5,000 ރުޕީސް (60 ޑޮލަރު) އާ ގާތަށް ތިރިވުމުން، ފަރުވާ ހޯދާ އަދަދު ވަރަށް ބޮޑަށް އިތުރުވާނެއެވެ.
އިންޑިއާގެ އިތުރުން މުޅި ދުނިޔެއަށް ވެސް މި ބަދަލުގެ އަސަރު ފެންނާނެ އެވެ.
އެފްރިކާއަށް ބޭނުންވާ ޖެނެރިކް ބޭސްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބޭސް ސަޕްލައިކުރަނީ އިންޑިއާއިންނެވެ. އެހެންވެ އަގުހެޔޮ ސެމަގްލޫޓައިޑަކީ، ފަލަބަލީގެ މައްސަލަ އިތުރުވަމުންދާ ބޭސް ގަތުމުގެ ގާބިލްކަން ނެތް ގައުމުތަކަށް ލިބޭނެ ވަރަށް ބޮޑު އުއްމީދެކެވެ.
"އަގުހެޔޮ ސެމަގްލޫޓައިޑްގެ ސަބަބުން، ހާއްސަކޮށް، އަގުގެ ސަބަބުން ބޭސް ނުގަނެވިފައި ތިބި މެދު ފަންތީގެ ގައުމުތަކަށް ބޮޑު ލުޔެއް ލިބޭނެ،" ވޯލްޑް އޮބީސިޓީ ފެޑަރޭޝަންގެ ރައީސް ސައިމަން ބާކޭރާ އޭއެފްޕީ އަށް ވިދާޅުވި އެވެ. "ނަމަވެސް ހަމައެކަނި ބޭހަކުން ދުނިޔޭގެ ފަލަބަލީގެ މައްސަލަ ހައްލެއް ނުވާނެ. ފަލަބައްޔަކީ އޮޅުންބޮޅުން ބޮޑު، ދާއިމީ ބައްޔެއް،" ބަލިން ރައްކާތެރިވުމަށާއި ސިއްހަތަށް ފައިދާހުރި މާހައުލެއް ބޭނުންވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ކުންފުނިތަކަކީ މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ މީހުންނެވެ. އެގޮތުން ޑރ. ރެޑީސް ލެބޯޓްރީސް އިން އަންނަނީ މި އަހަރުގެ މެއި މަހު ކެނެޑާގައި އެ ކުންފުނީގެ ސެމަގްލޫޓައިޑް ނެރުމަށް މަސައްކަތް ކުރަމުންނެވެ.
އަށް މަސް ދުވަހުގެ ތެރޭގައި 30 ޕައުންޑް (13 ކިލޯ) ލުއިކުރި އުމުރުން 46 އަހަރުގެ ސުކާންތު މަންގަލް ފަދަ ބަލިމީހުންނަށް، މި ބޭސް ފަސޭހައިން ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭނާ ދަންނަ ގިނަ ބަޔަކު، މަހަކު 20,000 ރުޕީސް (214 ޑޮލަރު) ހަތް މަސް ނުވަތަ އަށް މަސް ދުވަހަށް ހޭދަކުރަން ޖެހޭނެކަން އެނގުމުން، ފަރުވާ މެދުކަނޑާލާފައިވެ އެވެ.
"މީގެ އަގު ހެޔޮ ނަމަ، މި ފަރުވާ ކުރިއަށް ގެންދިއުމަށް މާ ފަސޭހަވީސް."