ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޣައިރު ގާނޫނީ ގޮތުން ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ބަޔަކު އެ ސަރަހައްދުގެ އަވަށެއްގައި ހުންނަ މިސްކިތެއްގައި  ހުޅުޖަހައިފި ކަމަށް އެ އަވަށުގެ މޭޔަރު ވިދާޅުވެއްޖެ އެވެ.

އެ ސަރަހައްދަށް ދިޔަ އޭއެފްޕީގެ ނޫސްވެރިންނަށް ވަނީ މިސްކިތަށް ބޮޑެތި ގެއްލުންތައް ވެފައިވާތަން ފެނިފަ އެވެ.

ޣައްޒާގައި 2023 ވަނަ އަހަރު، ނަސްލު ނައްތާލުމުގެ ޖަރީމާ ފެށުނު ފަހުން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް އަމާޒުކޮށް، ހައްދުފަހަނައެޅި ވަޒަންވެރިންދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ރާމަﷲ ގެ އުތުރުން އޮންނަ ޖިލްޖިލިޔާ އަވަށުގެ ކައުންސިލް ރައީސް އުސާމާ އަބްދުﷲ އޭއެފްޕީއަށް ވިދާޅުވީ، ވަޒަންވެރިން ބުދަ ދުވަހުގެ ރޭ ހުޅުޖެހީ މިސްކިތުގެ ވުޟޫކުރާ ބައިގައި ކަމަށާއި އެ ހާދިސާގައި މިސްކިތަށް ވެސް ބޮޑެތި ގެއްލުންތަކެއް  ވެފައިވާ ކަމަށެވެ. އަދި މިސްކިތުގެ ބޭރު ފާރުތަކުގައި ނަފުރަތުގެ ފަދަ ލިޔުންތައް ލިޔެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ މިސްކިތެއްގައި ޔަހޫދީންގެ ބަޔަކު ރޭ ހުޅުޖަހައި ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ މިސްކިތެއްގައި ޔަހޫދީންގެ ބަޔަކު ރޭ ހުޅުޖަހައި ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ

މިކަމާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބުދަ ދުވަހު އެ މިސްކިތަށް ދިޔަ ނޫސްވެރިން ބުނި ގޮތުގައި، މިސްކިތުގެ ސީލިންގާއި، ފާރުތަކުގެ އިތުރުން ތަޅުންގަނޑު ވަނީ އަލިފާނާއި ދުމުގެ ސަބަބުން ކަޅުވެފަ އެވެ. އަދި ފާރުތަކުގައި ހިބްރޫ ބަހުން "ބަދަލުހިފުން" އަދި ހަރުކަށި ޔަހޫދީ ގުރޫޕެއް ކަމަށްވާ "ހިލްޓޮޕް ޔޫތު" ގެ ނަން ލިޔެފައި ހުއްޓެވެ. މި ގުރޫޕަކީ ފަލަސްތީނު މީހުން އެމީހުންގެ ބިންތަކުން ބޭރުކޮށް، އެ ބިންތައް އަތުލުމަށްޓަކައި އަނިޔާވެރި އަމަލުތައް ހިންގާ ބައެކެވެ.

މޭޔަރު އަބްދުﷲ ވިދާޅުވީ، ވަޒަންވެރިން އެ މިސްކިތް އެއްކޮށް އަންދާލަން ދިޔައީ މެންދަމުން އަލިވެ 2-3  ޖެހި އިރު ކަމަށެވެ. ނަމަވެސް މިސްކިތުގެ ދޮރު ތަޅުލާފައި ހުރުމުން، އެ މީހުން ހުޅުޖެހީ ތިރީ ބައިގައި ހުރި ވުޟޫކުރާ ކޮޓަރީގަ އެވެ. އެ އަލިފާންގަނޑު ނިއްވާލީ ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުތަކާއި އެ އަވަށުގެ ޒުވާނުން ގުޅިގެންނެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ މިސްކިތެއްގައި ޔަހޫދީންގެ ބަޔަކު ރޭ ހުޅުޖަހައި ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ މިސްކިތެއްގައި ޔަހޫދީންގެ ބަޔަކު ރޭ ހުޅުޖަހައި ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން އިހުޅަނގު އައްސޭރި ހިފާފައި އޮންނައިރު، އިރުމަތީ ގުދުސް ނުހިމަނައި، ތިން މިލިއަނެއްހާ ފަލަސްތީނު މީހުންނާ އެކު އިޒްރޭލުގެ 500،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ޣައިރުގާނޫނީ މި ފަދަ އާބާދީތައް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ސަރުކާރު އައި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އދ. އިން ދާދިފަހުން އިންޒާރު ދީފައިވާ ގޮތުގައި ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރިކަން ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފަ އެވެ. ދުވާލަކު އެވްރެޖްކޮށް ހަ ހަމަލާދީ، ފަލަސްތީނު މީހުންނަށް ގެއްލުންތައް ދޭ ކަމަށް އދ. އިން ބުންޏެވެ. އަދި މިފަދަ ޔަހޫދީން ގާނޫނުން ބޭރުން އަމަލުކުރާއިރު ވެސް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ތުހުމަތުކުރެ އެވެ. -- އޭއެފްޕީ