އޮސްޓްރޭލިއާގެ ސިޑްނީގެ ބޭރުމަތީ ހިސާބެއްގައި، ޕްލާސްޓިކް ޓަބްތަކަށް އަޅައި ބިމުގެ އަޑީގައި ވަޅުލާފައި ހުރި 2.7 ޓަނުގެ ކޮކެއިން ފުލުހުން އަތުލައިގެންފި އެވެ.
މިއީ އޮސްޓްރޭލިއާގެ ތާރީހުގައި ވެސް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ ކޮކެއިން ކަމަށް، އިންތިޒާމުވެގެން ހިންގާ ކުށްތައް ތަހުގީގުކުރާ ގުޅިފައިވާ އިދާރާއަކުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި، ސިޑްނީއަށް ނިސްބަތްވާ ކުށްވެރިންގެ ގްރޫޕަކުން ވަނީ ބޭރުގެ އުޅަނދެއް ބޭނުންކޮށްގެން ކޮއެކިންތައް އޮސްޓްރޭލިއާގެ އުތުރު ކުއީންސްލޭންޑަށް ބޭލުމަށް ފަހު، އެ ތަކެތި ބެހުމުގެ މަސައްކަތް ކުރުމަށްޓ ސިޑްނީއަށް ބަދަލުކޮށްފަ އެވެ.
"މި މަސްތުވާތަކެތި އައިސްފައިވާ ގޮތް ހޯދުމުގެ ތަހުގީގުތައް އަދިވެސް ކުރިއަށް އެބަ ދޭ. އަދި މި ކުށްވެރިންގެ ނެޓްވޯކްތައް ދެނެގަތުމަށްޓަކައި ބައިނަލްއަގުވާމީ އަދި މަދަނީ ގާނޫނު ތަންފީޒީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނަން،" އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ކޮމާންޑަރު ސްޓީވަން ޖޭ ވިދާޅުވި އެވެ.
ފުލުހުންނަށް މި ކޮކެއިންތައް ފެނުނީ ހުކުރު ދުވަހު، ބިމުގެ އަޑީގައި ހަދާފައިވާ ބަންކަރުތަކެއްގެ ތެރޭގައި ހުރި ޕްލާސްޓިކް ފޮށިތަކަކުންނެވެ. މި ބަންކަރުތައް ހުރީ ތަޅުން އަޅައި ފޮރުވައިފަ އެވެ.
މި ތަކެތި ފޮރުވާފައި ހުރީ ސިޑްނީގެ ހުޅަނގު އުތުރު ބޭރުގައި އޮންނަ، ދަނޑުވެރިކަން ކުރާ ސަރަހައްދެއް ކަމަށްވާ ލަންޑަންޑެރީގެ ގޯއްޗެއްގެ ފުރަގަހުގަ އެވެ. މިތަނުން ފުލުހުން ވަނީ ފިލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
މި ދެ މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ގާނޫނާ ހިލާފަށް އެތެރެކޮށްފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް ގިނަ އަދަދަކަށް ންގުޅުމުގެ ދައުވާ އެވެ. މިއީ އުމުރަށް ޖަލަށްލުމުގެ އެންމެ ބޮޑު އަދަބު ލިބޭނެ ކުށެކެވެ.
މި ކަމުގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ހަ މީހަކު މީގެ ކުރިން ހައްޔަރުކޮށް، މަސްތުވާތަކެތި ގެންގުޅުމާ ގުޅުންހުރި ކުށްތަކުގެ ދައުވާ އުފުލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮސްޓްރޭލިއާގެ މުއްސަނދިންނަކީ ކޮކެއިން އަދި މެތައެމްފެޓަމިން ފަދަ މަސްތުވާތަކެތި އެންމެ ބޮޑު އަގުގައި ގަންނަ މީހުން ކަމަށްވެ އެވެ. އެހެންވެ ދެކުނު އިރުމަތީ އޭޝިއާއިން ފެށިގެން ދެކުނު އެމެރިކާގެ ވެސް ނުރައްކާތެރި ކުށްވެރިންގެ ނެޓްވޯކްތަކުގެ ސަމާލުކަން މި ކަޅު ބާޒާރަށް ވަނީ އިތުރަށް ހުއްޓިފަ އެވެ.
މަސްތުވާތަކެތީގެ ބޭނުންކުރުމާ ބެހޭ ގޮތުން ދިރާސާކުރާ ޕެނިންޓަން އިންސްޓިޓިއުޓުން މި މަހު ނެރުނު އޯވަޑޯޒްއާ ބެހޭ އަހަރީ ރިޕޯޓެއް ބުނާ ގޮތުގައި، 2024 ވަނަ އަހަރު އޮސްޓްރޭލިއާގައި ކޮކެއިންގެ ސަބަބުން މަރުވި މީހުންގެ އަދަދު 28 ޕަސެންޓް އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 141 އަށް އަރާފައިވެ އެވެ. -- އޭއެފްޕީ