މެދުއިރުމަތީގެ ހަނގުރާމަ ފެބުރުއަރީ މަހުގެ ފަހުކޮޅު ފެށުނު ފަހުން، މިއަދަކީ އެންމެ ގިނަ އަދަދަކަށް އުޅަނދުތައް އެ މަގުން ދަތުރުކުރި ދުވަސް ކަމަށް، ކަނޑުދަތުރުފަތުރު މޮނިޓަކުރާ ކްޕްލާ އިން ބުނެފި އެވެ.

ކްޕްލާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުދާ އުފުލާ، އެންމެ މަދުވެގެން ވެސް، 35 ބޯޓު އެ މަގުން މިއަދު ދަތުރުކުރި އެވެ. 

މި 35 ދަތުރަކީ އާންމު ހާލަތްތަކުގައި އެ ކަނޑުއޮޅިން ދުވާލަކު ކުރާ ދަތުރުތަކުގެ (ގާތްގަނޑަކަށް ދުވާލަކު 120 ދަތުރު) ގެ  ތިންބައިކުޅަ އެއްބަ އެވެ. ދުނިޔޭގެ ތެލާއި ގޭހުގެ އެކްސްޕޯޓުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.

މިއަދުގެ މިހާތަނަށް 35 އުޅަނދު ކަނޑުއޮޅި ހުރަސްކޮށްފައި ވާއިރު، މި އަދަދު އަދި އިތުރުވުން އެކަށީގެންވެ އެވެ.  

މި ކުރިއެރުން އައިސްފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ފަހު ފެށި މަޝްވަރާތަކާ އެކު، އީރާނުން ތެޔޮ އެކްސްޕޯޓްކުރުމުގެ ހުއްދަ އެމެރިކާއިން ދީފައި ވަނިކޮށެވެ. 

ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު އީރާނުން ދޭން ފަށާއިވަނީ އިޒްރޭލުން ލުބްނާނަށް ހަމަލާދޭތީ އަލުން ކަނޑުއޮޅި ބަންދުކުރި ކަމަށް ވެސް އިއުލާނުކުރުމަށް ފަހުގަ އެވެ. ނަމަވެސް ގިނަ އުޅަނދުފަހަރުން ވަނީ އޮމާންގެ ކަނޑުގެ ސަރަހައްދުން ރައްކާތެރިކަމާ އެކު ދަތުރުތައް ކުރިއަށް ގެންގޮސްފަ އެވެ. 

އޭގެ ފަހުން އީރާނުންނާއި ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުން ވަނީ ލުބްނާންގައި ހަމަލާތައް ހުއްޓާލުމާއި އެމެރިކާ އާއި އީރާންގެ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމުގައި ބޮޑެތި ކުރިއެރުންތަކެއް މަޝްވަރާތަކުގައި ލިބިފައިވާ ކަމަށް ބުނެފަ އެވެ. 

މި ބަދަލުތަކާ އެކު ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިއަދު 76.81 ޑޮލަރަށް ދަށަށް ގޮސްފައިވެ އެވެ. އެއީ އިއްޔެއާ އަޅާބަލާއިރު 1.4 ޕަސެންޓް ދަށެވެ. އަދި  އެމެރިކާގެ މާކެޓް ބެންޗްމާކްގެ އަގު ކަމަށްވާ ޑަބްލިއު.ޓީ.އައިގައި ފީފާއެއް 72.99 ޑޮލަރަށް ދަށަށް ދިޔަ އެވެ. މިއީ 1.2 ޕަސެންޓުގެ ވެއްޓުމެކެވެ.