ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި އިޒްރޭލުން ގަސްތުގައި ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް އދ. ގެ ތަހުގީގު ޓީމަކުން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
އިޒްރޭލުގެ ނުރުހުމާއި ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ، އދ. ގެ މިނިވަން ކޮމިޝަނެއް ކަމަށްވާ، އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީން ބުނި ގޮތުގައި، "އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ގަސްތުގައި ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް، އެކުދިން މަރަމުންދާ ކަމުގެ" ހެކި ވަނީ ލިބިފަ އެވެ.
މިކަމަކީ، ޣައްޒާގައި އުޅޭ ފަލަސްތީނުގެ ބޮޑު އާބާދީ ނައްތާލުމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ގެންގުޅޭ "ނަސްލު ނައްތާލުމުގެ ނިޔަތް" ސާބިތުކޮށްދޭ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓްގައިވެ އެވެ.
ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މި ތަހުގީގީ ޓީމުގެ ބުނުންތަކަކީ އދ. ގެ ރަސްމީ ބަހެއް ނޫނެވެ. މި ޓީމުން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ވެސް، އިޒްރޭލުން ޣައްޒާ ހަނގުރާމައިގައި "ނަސްލު ނައްތާލުމުގެ" އަމަލުތައް ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އިޒްރޭލުން މި ވާހަކަ ދޮގުކުރެ އެވެ.
އަންގާރަ ދުވަހު ނެރުނު ފޮލޯ-އަޕް ރިޕޯޓުގައި ބުނެފައިވަނީ، އިޒްރޭލުގެ އަސްކަރީ ހަރަކާތްތަކުގެ ވަރުގަދަކަމާއި ނިޒާމީ ގޮތެއްގައި އެކަން ކުރިއަށް ގެންދިއުން ފަދަ ކަންކަމުން ފަލަސްތީނުގެ ކުޑަކުދިން މަރުވުމާއި، އަނިޔާވުމާއި އަދި ނަފްސާނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހުން ކުރިން ދުވަހަކުވެސް ނުދެކޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.
މި ކޮމިޝަނަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ އިޒްރޭލުން ވަނީ މި ރިޕޯޓަކީ "އިޒްރޭލުގެ ނަން ހުތުރު ކުރުމަށް" ކޮށްފައިވާ ދޮގު ތުހުމަތުތަކެއް ހިމެނޭ ރިޕޯޓެއް ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ތުހުމަތުކުރި ގޮތުގައި، ތަހުގީގުކުރި ފަރާތްތަކުން "އިޒްރޭލުގެ ކުޑަކުދިންނަށް ރަހުމެއްނެތި ހަމަލާދީ، ފަލަސްތީނުގެ ކުޑަކުދިން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ ހަމާސްގެ އަނިޔާވެރި އުކުޅުތަކަށް" ބަލައިފައެއް ނުވެ އެވެ.
ޣައްޒާގައި ކުދިންގެ ފުރާވަރު ގެއްލިއްޖެ
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން 2021 ވަނަ އަހަރު އުފެއްދި މި ކޮމިޝަނުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ބަލާފައިވަނީ ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ހިންގާފައިވާ ޖަރީމާތަކާއި، އިޒްރޭލުން ޣައްޒާގެ މައްޗަށް މަޖުބޫރުކޮށްފައިވާ ދިރިއުޅުމުގެ ހާލަތްތަކުގެ ސަބަބުން ކުދިން މަރުވަމުންދާ ދިއުމުގެ މައްޗަށެވެ.
ކޮމިޝަނުން ބުނި ގޮތުގައި، ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތަކާއި، ބޮޑެތި ބިރުވެރި ހާދިސާތަކާއި، ޔަތީމުވުމާއި، އާއިލާއާ ވަކިވުމާއި، ނުކުޅެދުންތެރިކަމާއި، ތަކުރާރުކޮށް ގެދޮރުދޫކޮށް ދާންޖެހުމާއި، ބަނޑުހައިހޫނުކަމުގެ އިތުރުން ތައުލީމާއި ސިއްހީ ނިޒާމުން މަހުރޫމުވުމުގެ މައްސަލަ އޮތީ ޣައްޒާގައި އާންމުވެފަ އެވެ. މި ކަންކަމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންގެ ފުރާވަރުގެ ކަންކަން ގެއްލިފައިވާ ކަމަށާއި މިކަމުގެ އަސަރު އެކުދިންގެ މުޅި ހަޔާތުގައި ވެސް ކުރާނެ ކަމަށް ރިޕޯޓްގައިވެ އެވެ.
"ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދިނުމުން، އެ ހަމަލާދެނީ ފަލަސްތީނުގެ ރައްޔިތުން ދިރިތިބުމަށާއި އެމީހުންގެ މުސްތަގުބަލަށް،" މި އިންކުއަރީގެ ރިޔާސަތު ބަލަހައްޓަވާ އިންޑިއާގެ ފަނޑިޔާރު ސްރިނިވަސަން މުރާލިދަރު ވިދާޅުވި އެވެ.
"2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް، ކުޑަކުދިން މަރުވަމުން އަދި ސީރިއަސް އަނިޔާތައް ލިބެމުންދޭ."
މި ރިޕޯޓް ނެރެފައިވަނީ، އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން ޣައްޒާގައި މަދުވެގެން 265 ކުޑަކުދިން މަރުވެ، އެތައް ސަތޭކަ ކުދިންނެއް ޒަހަމްވެފައިވާ ކަމަށް އދ. ގެ ކުޑަކުދިންނާބެހޭ އެޖެންސީ ޔުނިސެފުން ހާމަކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
ޔުނިސެފުން ބުނި ގޮތުގައި ކުދިން މަރުވެފައިވަނީ ބަޑީގެ ހަމަލާތަކުންނާއި، ބޮން އެޅުމުގެ ސަބަބުންނާއި، ޑްރޯންތަކުން ދިން ހަމަލާތަކުގަ އެވެ. އަދި މި ހަމަލާތައް އަމާޒުވެފައިވަނީ ފޭލިގެތަކަށާއި، ސުކޫލުތަކަށާއި، އެ ކުދިން ފުޓްބޯޅަ ކުޅެން ނުވަތަ މަސްބާނަން ތިބި ވަގުތުތަކުގަ އެވެ.
އިޒްރޭލުގެ ރަސްމީ ހިސާބުތަކަށް ބިނާކޮށް އޭއެފްޕީން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި 1,221 މީހުން މަރުވި އެވެ.
ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ރައްދު ހަމަލާތަކުގައި މިހާތަނަށް 72,800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
އދ. ގެ އިންކުއަރީން ބުނި ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް މަދުވެގެން 20,179 ކުޑަކުދިން ޝަހީދުވެ، 44,143 ކުދިން ޒަހަމްވި އެވެ.
ފަލަސްތީނުގެ ކުޑަކުދިން މެރުމާއި ނުކުޅެދުންތެރިކުރުވުމަކީ "ޣައްޒާގައި ތިބި ފަލަސްތީނުގެ ދަރިފަސްކޮޅުގެ ދެމިއޮތުމާއި މުސްތަގުބަލު ހަލާކުކޮށްލުމަށް ގެންގުޅޭ ސްޓްރެޓެޖީގެ ބައެއް،" ރިޕޯޓުގައިވެ އެވެ.
ނުކުޅެދުންތެރިކަން އާންމުވެއްޖެ
ރިޕޯޓުގައިވާ ގޮތުން، ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދިނުމުގެ ސަބަބުން "އިޒްރޭލުން ދަނީ ފަލަސްތީނުގެ މުޖުތަމައުގެ ބިންގާ ބަލިކޮށް، އާބާދީގެ ދިރުން ހީނަރުކުރަމުންނެވެ".
ޣައްޒާގައި "ޔަތީމުންގެ ބޮޑު ކްރައިސިސްއެއް" އުފެދުމުގެ ޒިންމާ އިޒްރޭލުން އުފުލަންޖެހޭއިރު، ޒަހަމްވި ކުދިންނަށް "މުޅި އުމުރަށް ނުކުޅެދުންތެރިކަމާ" ކުރިމަތިލާންޖެހެ އެވެ. މިއީ މިހާރު ޣައްޒާގެ ކުޑަކުދިންގެ މެދުގައި އާބާދީގެ ސިފަޔަކަށް ވެއްޖެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޣައްޒާ ބަންދުކޮށް ހިސާރުކުރުމުގެ ސަބަބުން "ދަރިމައިވުމާއި، އަލަށް އުފަންވާ ކުދިންގެ ސިއްހަތަށް ސީދާ ގޮތުން ހުރަސްއެޅިފައިވާ" ކަމަށާއި، އާންމު ސިއްހަތުގެ މަޝްރޫއުތައް ހުއްޓުމުގެ ސަބަބުން "ދުޅަހެޔޮ އާ ޖީލެއް ބިނާވުމަށް ބޭނުންވާ ވަސީލަތްތައް ނެތިއްޖެ" ކަމަށް ބުންޏެވެ.
މި ރިޕޯޓުގައި ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިނގި ވަކިވަކި ހާދިސާތަކުގައި ކުޑަކުދިން މެރުމުގެ ޒިންމާ އުފުލަންޖެހިދާނެ އިޒްރޭލުގެ ޑިވިޒަންތަކާއި، ބްރިގޭޑްތަކާއި އަދި ޔުނިޓްތަކުގެ ލިސްޓެއް ހިމަނާފައިވެ އެވެ.
ޣައްޒާގެ އިތުރުން، 1967 އިން ފެށިގެން އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، އިޒްރޭލުގެ ވަޒަންވެރިން ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
ކޮމިޝަނުން ވަނީ އިޒްރޭލުން ހިމެނޭ ގޮތަށް އދ. ގެ ހުރިހާ މެންބަރު ގައުމުތަކުން، ހިންގާފައިވާ ޖަރީމާތަކަށް ޒިންމާދާރުކުރުވުން ކަށަވަރުކުރުމަށް ގޮވާލައިފަ އެވެ.