ހުއްދަ ނޫން މަގަކުން ދަތުރުކުރި ކަމަށް ބުނާ އުޅަނދަކަށް އިންޒާރު ދިނުމަށް ބަޑީގެ ހަމަލާތަކެއް ދިނުމަށް ފަހު، "ވަކި ގޮތަކަށް އަންގަންދެން" ހޮރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާ އާއި އީރާނުން ވެފައިވާ ވަގުތީ އެއްބަސްވުމުގެ ދަށުން ފުރިހަމަ އެއްބަސްވުމަކަށް ދާން ކުރާ މަސައްކަތަށް މިކަމުން އަނެއްކާވެސް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

އެމެރިކާގެ މީޑިއާތައް ކަމަށްވާ އެކްސިއޯސް އަދި ޕޮލިޓިކޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލުމަށާއި، އެ ކަނޑުއޮޅިއަކީ ދަތުރުފަތުރަށް ހުޅުވިފައިވާ ތަނެއްކަން ރަސްމީކޮށް ގަބޫލުކުރުމަށް އެމެރިކާއިން އީރާނަށް ހޮނިހިރު ދުވަހާ ހަމައަށް މުހުލަތެއް ދީފައިވެ އެވެ.

ދެގައުމުގެ ދެމެދުގައި ފައިނަލް އެއްބަސްވުމަކަށް އައުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހޮރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލެވެ. އީރާނުން ބާރުއަޅަމުންދަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ކޮންޓްރޯލްކުރުމުގެ ބާރު އެ ގައުމަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި އެމެރިކާއިން ޑިމާންޑްކުރަނީ އެއްވެސް ހުރަހެއްނެތި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުމަށެވެ.

އީރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ "އިރްނާ"  އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވާ ގޮތުގައި، ހަމަލާ ދީފައިވަނީ ހުއްދަ ދީފައިވާ ކަނޑުގެ މަގު ބޭނުންކުރުމަށް ތަކުރާރުކޮށް ދިން އިރުޝާދުތަކަށް ނުބަލައި ދަތުރުކުރި އުޅަނދަކަށެވެ. އެހެންވެ "އިންޒާރުގެ ހަމަލާދީ އެ އުޅަނދު ހުއްޓުވާފައިވާ" ކަމަށް ބުންޏެވެ.

"މި ހާދިސާއާ ގުޅިގެން... އިތުރު ގޮތަކަށް އަންގަންދެން އަދި މި ސަރަހައްދަށް އެމެރިކާއިން ވަދެގަންނަ ވަދެގަތުންތައް ނިމުމަކަށް އަންނަންދެން ހޮރްމުޒް ކަނޑުއޮޅި ބަންދުވާނެ. އަދި އެއްވެސް އުޅަނދަކަށް އެތަނުން ހުރަސްނުކުރެވޭނެ،" އިންގިލާބީ ލަޝްކަރުން ބުންޏެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް އާ އަސްކަރީ ހަރަކާތެއް ހިންގައިފި ނަމަ "ސަރަހައްދުގައި ހުރި ދުޝްމަނުންގެ އާ މަރުކަޒުތަކަށް" އަމާޒުކޮށް ހަމަލާދޭނެ ކަމަށް ވެސް ވަނީ އިންޒާރު ދީފަ އެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ އެންމެ މުހިންމު އެއް ސަރަހައްދެވެ.

މުޅި ދުނިޔޭގައި ވިއްކާ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލަނީ މި ކަނޑުއޮޅިންނެވެ. އެހެންވެ މި ސަރަހައްދަށް އަންނަ ކޮންމެ ބަދަލަކީ ހަކަތައިގެ ބާޒާރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމެކެވެ.

އެމެރިކާ އާއި އިޒްރޭލާ އެކު ކުރި ހަނގުރާމައިގެ ތެރޭގައި އީރާނުން މި ކަނޑުއޮޅި ވިޔަފާރި އުޅަނދުތަކަށް ބަންދުކުރި އެވެ. މިކަމުގެ ސަބަބުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، މުޅި ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެރި އެވެ.

އީރާނުން ބުނާ ގޮތުގައި އެ ކަނޑުއޮޅިން ދަތުރުކުރާ މަގުތައް ކޮންޓްރޯލްކުރުމުގެ ހައްގު އެގައުމަށް ލިބިގެންވެ އެވެ. އަދި އެ މަގު ބޭނުންކުރާ އުޅަނދުތަކުން ފީ ނެގުމަށް ރާވަމުންދާކަން ވެސް އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ.

އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުންދަނީ، ހަނގުރާމައިގެ ކުރިން އޮތް ގޮތަށް އެއްވެސް ހުރަހެއްނެތި މިނިވަންކަމާ އެކު ދަތުރުފަތުރުކުރުމުގެ ނިޒާމަށް ދެން އެނބުރި ނުދާނެ ކަމަށެވެ.

ނަމަވެސް އެމެރިކާއިން އެ ގޮތް ގަބޫލެއް ނުކުރެ އެވެ. އެމެރިކާ އިން ބުނަނީ ވިޔަފާރި އުޅަނދުތަކަށް އެ ކަނޑުއޮޅިން އެއްވެސް ހުރަހެއްނެތި މިނިވަންކަމާ އެކު ދަތުރުކުރެވެންޖެހޭނެ ކަމަށެވެ.

ބައިނަލްއަގުވާމީ އާންމު ގާނޫނުތައް ބުނާ ގޮތުން، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބޭނުންކުރާ ކަނޑުއޮޅިތަކުން ފީ ނުވަތަ ޓޯލް ނެގުމުގެ ހައްގު އާންމުގޮތެއްގައި އެއްވެސް ގައުމަކަށް ލިބިގެންނެއް ނުވެ އެވެ. -- އޭއެފްޕީ