އިމްތިހާނު ކަރުދާސްތައް ލީކުވުމާއި އިމްތިހާނުތަކާ ގުޅުން ހުރި އެތައް މައްސަލައަކާ ހެދި އިންޑިއާގެ ޒުވާނުން ހަފްތާއެއްހާ ދުވަސް ކުރިން ފެށި މުޒާހަރާ ނުހުއްޓި މަސްރަހު ގޯސްވަމުން ދާތީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެންމެ ފަހުން ވާހަކަ ދައްކަވައިފި އެވެ.
އިމްތިހާނުތަކުގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް އެދި ފެށި މުޒާހަރާ މިހާރު ދަނި ގައުމުގެ އެކި ހިސާބުތަކަށް ފެތުރި އަދި ވަޒީފާ ނުލިބުން ފަދަ، ޒުވާނުންނަށް ހުރި މައްސަލަތަކާ ވެސް ގުޅެމުންނެވެ.
މުޒާހަރާގައި ބޮޑެތި ހަމަނުޖެހުން ހިނގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ މީހުންނަށް ވެސް އަނިޔާވެފައި ވަނިކޮށް މޯދީ ސޯޝަލް މީޑިއާގައި ވިދާޅުވީ ޕޭޕަރު ލީކުކުރާ މީހުންނަށް "ހަައްގު އަދަބު" ދެއްވާނެ ކަމަށެވެ.
އިންޑިއާގެ މެޑިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން ހަދަންޖެހޭ 'ނީޓް' އެގްޒާމްގައި ދެ މިލިއަނަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އިރު އެ އިމްތިހާނުގެ ޕޭޕަރު ވެސް ލީކުވެ އަލުން އިމްތިހާބު ހަދަން ޖެހުމުން ޒުވާނުން ވަނީ ރުޅިގަދަވެފަ އެވެ. އަދި އިމްތިހާނުތަކުގެ އޮންލައިން މާކިން ސިސްޓަމަށް ދިމާވި މައްސަލައެއް ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.
"އަޅުގަނޑުމެންގެ ޒުވާނުންގެ ލާބަ އާއި މުސްތަގުބަލަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ ޕޭޕަރު ލީކުކުރުމުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށް 'ފާސްޓް-ޓްރެކް' ނުވަތަ އަވަހަށް މައްސަލަ ނިންމުމަށް އެކަމަށް ހާއްސަ ކޯޓުތަކެއް ގާއިމުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޒުވާނުންގެ މުސްތަގުބަލަށް ގެއްލުން ދޭން އުޅޭ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މޯދީގެ ޕޯސްޓުގައި، މުޒާހަރާގެ ބައިވެރިން އިސްތިއުފާއަށް އެދެމުންދާ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ ވާހަކަ ގެންނަވާފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ހަރަކާތުން އިސްނަގައިގެން އެތައް ހާސް ޒުވާނުންނަކާ އެކު މުޒާހަރާ ކުރިއަށް ދާއިރު މިއީ ހިންދޫ-ވަތަނީ ލީޑަރު، މޯދީ 2024 ވަނަ އަހަރު ތިންވަނަ ދައުރަކަށް އިންތިހާބުވި ފަހުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށް ވަނީ ވެފަ އެވެ.
ސޯޝަލް މީޑިއާގައި މިލިއަނުން ގިނަ ފޮލޯވަރުން ތިބި ސީޖޭޕީން ބުރާސްފަތި ދުވަހު ބުނީ "ސިސްޓަމް ރަނގަޅުކޮށް ޒިންމާދާރުކުރުވުމަށް" ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
"މި ގައުމުގައި ފާސްޓް-ޓްރެކް ކޯޓުތައް ހަދާނެ ކަމުގެ އެތައް އިއުލާނެއް ވަނީ ފެނިފައި. ނަމަވެސް މިއީ ތައުލީމީ ނިޒާމުގައި ހުރި ނިޒާމީ މައްސަލަތަކުގެ ހައްލެއް ނޫން،" ސީޖޭޕީގެ ތަރުޖަމާނު އަޝުތޯޝް ރަންކާ އެކްސްގައި ބުންޏެވެ.
"މޯދީ ޖެހޭނީ ސިސްޓަމް ރަނގަޅުކޮށް، ދަރުމެންދުރަ ޕްރަދާން މަގާމުން ވަކިކޮށް، ޒިންމާދާރުކުރުވަން."
މުޒާހަރާގައި ހުރި، އުމުރުން 23 އަހަރުގެ ބައިވެރިއެއް ކަމަށްވާ އަރޯހީ ސިންގް ބުނީ އޭނާގެ ކޮއްކޮއަކީ ވެސް އަލުން މެޑިކަލް އިމްތިހާނު ހަދަންޖެހި، ފާސްނުވި ދަރިވަރެއް ކަމަށެވެ.
"ޕޭޕަރު ލީކުވި ފަހުން އޭނާގެ ހިތްވަރު އެލި، މުޅިން މާޔޫސްވި،" ސިންގް ބުންޏެވެ.
ސިންގް ބުނީ "އެއްކޮޅުގައި މިތިބީ ގައުމުގެ ރައްޔިތުން" ކަމަށާއި "އަނެއްކޮޅުގައި އެހުރީ (އެޑިއުކޭޝަން) މިނިސްޓަރު" ކަމަށެވެ.
"ބޮޑުވަޒީރަށް އޭނާ މަގާމުން ވަކިނުކުރެވެންވީ ކީއްވެގެންތޯ؟"
ނިއު ދިއްލީގައި މުޒާހަރާކުރާ 'ޖަންތަރު މަންތަރު' ސަރަހައްދުގައި މި ހަފުތާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.
ބުދަ ދުވަހު ޖަންތަރު މަންތަރުން ބޭރުގައި، މަގުތަކަށް ނުކުމެ ސުލްހަވެރިކަން ގެއްލި، ދަންވަރުގެ ވަގުތެއްގައި ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގިއެވެ.
ހޯމަ ދުވަހު މުޒާހަރާގެ ބައިވެރިން، ގާނޫނުހަދާ މަޖިލީހަށް ވަންނަން އުޅުމުން ފުލުހުން ވަނީ ކަރުނަގޭސް ޖަހައިފަ އެވެ. އަދި ބޮޑެތި ކުރިމަތުލުންތައް ވެސް ހިނގި އެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، ސުލްހަވެރިކަމާ އެކު މުޒާހަރާކުރި މީހުންނަށް އަނިޔާކުރި މައްސަލަ ބެލުމަށް ގޮވާލާފައިވެ އެވެ. އަދި މޯބައިލް އިންޓަނެޓްގެ ހިދުމަތް ކަނޑާލުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލި އެވެ.