އިންޑިއާގައި މެޑިކަލް ކޯސްތަކުގައި ބައިވެރިވުމުގެ ކުރިން ހަދަންޖެހޭ 'ނީޓް' އިމްތިހާނުގެ ޕޭޕަރު ލީކުވުމާއި އިމްތިހާނުތަކާ ގުޅޭ ގޮތުން ހުރި އެހެން ކަންބޮޑުވުންތަކާ ގުޅިގެން ޒުވާނުންގެ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ހަރަކާތުން ނިއު ދިއްލީގައި ކުރަމުންދާ މުޒާހަރާ މިއަދު ގައުމުގެ ހުރިހާ ޑިސްޓްރިކްޓެއްގައި ކުރުމަށް ގޮވާލައިފި އެވެ.
ސީޖޭޕީ އިން މިއަދު މުޅި ގައުމުގައި އިހުތިޖާޖު ކުރުމަށް ގޮވާލާފައިވާއިރު، މަރުކަޒީ ސަރުކާރުން ވަނީ ދަރިވަރުންގެ ލީޑަރުންނާ އެކު މަޝްވަރާކުރުމުގެ ފުރުސަތު އަލުން ދީފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމާއި 'ނީޓް' އިމްތިހާނު ލީކުވެ އަލުން އިމްތިހާނު ހަދަން ޖެހުނު މައްސަލައިގެ ތެރޭ ވިއްސަކަށް ދަރިވަރުން މަރުވެފައި ވާއިރު އެއިން ކޮންމެ ކުއްޖެއްގެ އާއިލާއަށް 10 މިލިއަން ރުޕީސް (103,223 ޑޮލަރު) ގެ ބަދަލު ދިނުމަށާއި މުޒާހަރާއާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޒުވާނުން ވަނީ ޑިމާންޑްކޮށްފަ އެވެ.
ހާލަތު ގޯސްވަމުން ދާތީ ދިއްލީގެ މެދުތެރޭ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، މެޓްރޯގެ މުހިންމު ސްޓޭޝަންތަކެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ސިޓީގެ ބައެއް ސަރަހައްދުތަކުން މޮބައިލް އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި ވާއިރު ބޮޑު އިހުތިޖާޖަކަށް ތައްޔާރުވުމުގެ ގޮތުން ސަރަހައްދުގެ ފިހާރަތައް އަވަހަށް ބަންދުކުރުމަށް ވަނީ ފުލުހުން އެދިފަ އެވެ.
އިހުތިޖާޖުކުރާ ފަރާތްތަކާ އެކު ވާހަކައްދެއްކުމަށް، ކެބިނެޓް ވަޒީރުން ކަމަށްވާ ޖޭ ޕީ ނައްޑާ އާއި ޖިތެންދުރަ ސިންގް އައްޔަންކޮށް ސަރުކާރުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަޝްވަރާއަށް އެދި ހަތަރު ފަހަރު ދައުވަތު ދީފައިވާ ކަމަށެވެ.
"އިހުތިޖާޖުކުރާ ދަރިވަރުންނަށް އާދޭހާ އެކު އަނެއްކާ ވެސް ދައުވަތު އަރުވަން. ދަރިވަރުން ބޭނުން ކޮންމެ ވަގުތަކު، އަދި ބޭނުންވާ ވަރަކަށް މަޝްވަރާކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް. ނައްޑާ ޖީގެ ގޭގައި ހުޅުވާލެވިފައިވާ ސިކުނޑިއަކާ އެކު މި މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ، އަދި އެ ބައްދަލުވުމުގައި އަޅުގަނޑު ވެސް ބައިވެރިވާނަން،" އޭނާ ވިދާޅުވި އެވެ. ނައްޑާ ވެސް ވަނީ ސަރުކާރުން މަޝްވަރާއަށް ތައްޔާރަށް އޮތްކަން ހާމަކުރައްވައިފަ އެވެ. "އަޅުގަނޑޫގެ ގެއަށް ނުވަތަ އޮފީހަށް ވެސް މަޝްވަރާއަށް އަންނަންވީ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސީޖޭޕީއިން ވަނީ މި ދައުވަތު ގަބޫލުކުރަން ދެކޮޅުހަދައި، ވަޒީރެއްގެ ގެއެއްގައި ނުވަތަ އޮފީހެއްގައި ބައްދަލުކުރުމުގެ ބަދަލުގައި، އެއްވެސް ފަރާތަކާ ގުޅުމެއް، ވަކިފަރާތެއްގެ ނުފޫޒެއް ނެތް އާންމު ތަނެއްގައި ބައްދަލުވުން ބޭއްވުމަށް އެދިފަ އެވެ.
މި ކުރިމަތިލުންތައް މިގޮތަށް ކުރިއަށްދާއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޕޭޕަރު ލީކުވާ މައްސަލަތަކުގެ ކޯޓު މަރުހަލާ އަވަސްކުރުމަށްޓަކައި ފާސްޓް-ޓްރެކް ކޯޓުތަކެއް ގާއިމުކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ. މި ނިންމެވުމަށް ތާއީދުކުރައްވަމުން ނައްޑާ ވިދާޅުވީ، ދަރިވަރުންގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން މިކަމުން ހާމަވާ ކަމަށެވެ.
ނަމަވެސް، ސީޖޭޕީއިން ވަނީ މިއީ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް، މިއީ ތަކުރާރުކޮށް އިމްތިހާނު ކަރުދާސްތައް ލީކުވާ އަސްލު މައްސަލައަށް ހައްލެއް ލިބޭނެ ކަމެއް ނޫންކަމަށް ބުނެފަ އެވެ.
"ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވަންޖެހޭ. ފާސްޓް ޓްރެކް ކޯޓުތަކަކީ މީގެ ހައްލެއް ނޫން،" ސީޖޭޕީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ސީޖޭޕީގެ ތަރުޖަމާނު އަޝުތޯޝް ރަންކާ ބުނީ ޕޭޕަރު ލީކުވުމަކީ މައްސަލަ ބެލުން ލަސްވުމުގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށާއި، މިއީ "އިދާރީ ނިޒާމު ފެއިލްވުމުގެ" ނަތީޖާއެއް ކަމަށެވެ.
"ފާސްޓް-ޓްރެކް ކޯޓުތައް އިއުލާންކުރުމަކީ އަސްލު ހައްލެއް ނޫން. މިއީ ހަމައެކަނި ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރި ކަމެއް. ޒުވާނުން އެދެނީ ޒިންމާދާރުކުރުވުމަށް، އަދި އެ ޒިންމާ ނަންގަވަންޖެހޭނީ ތައުލީމީ ވަޒީރުން،" އޭނާ ބުންޏެވެ.
ފިލްމީ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު ޚާން، ވަރުން ދަވަން، ސާރާ އަލީ ޚާން އަދި އަނަންޔާ ޕާންޑޭގެ އިތުރުން ކްރިކެޓްގެ ލެޖެންޑް ސަޗިން ޓެންޑުލްކަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިހުތިޖާޖުކުރާ ދަރިވަރުންނަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އެ މީހުން ވަނީ އިންސާފުވެރި، ދެފުށް ފެންނަ އަދި ޒިންމާދާރު ނިޒާމެއްގެ ދަށުން އިމްތިހާނުތައް ބޭއްވުމަށް ގޮވާލައިފަ އެވެ.
މިދަނޑިވަޅުގައި، ގާނޫނުހަދާ މަޖިލީހުގައި ހިނގި ބަހުގެ ހޫނު ހަމަލާތަކަށް ފަހު އިދިކޮޅު ފަރާތްތަކުން ވަނީ މަރުކަޒީ ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.
ގާނޫނުއަސާސީގެ ކޮޕީތަކާއި އިންޑިއާގެ ގައުމީ ދިދަ ހިފައިގެން، އިދިކޮޅު ލީޑަރު ރާހުލް ގާންދީ އިސްކޮށް ހުންނަވައި 'އިންޑިއާ' ބްލޮކްގެ މަޖިލިސް މެންބަރުން މަހާތަމާ ގާންދީގެ ހަނދާނީ މަރުކަޒަށް ހިނގާލުމެއް ބާއްވައިފަ އެވެ. އެ ތަނުގައި މެންބަރުން ވަނީ އެ މީހުންގެ މޮބައިލް ފޯނުތަކުގެ ބޮކި ދިއްލައިގެން ތިބެ، އިމްތިހާނުގެ މައްސަލައާ ގުޅިގެން އަމިއްލައަށް މަރުވި ކަމަށް ބުނާ ދަރިވަރުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސްފަ އެވެ.