އިރާގުގައި ހަރަކާތްތެރިވާ، އީރާނަށް ވާގިވެރިވާ ޖަމާއަތްތަކުންނާއި، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް  ދީފިއެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު 13 ދުވަސް ވަންދެން ހިނގި ބޮޑު ކުރިމަތިލުންތަކަށް ފަހު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަސްރަހަށް ކުޑަ ފިނިކަމެއް އައިސްފައި ވަނިކޮށެވެ.

ސައުދީ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އީރާނުގެ މަދަދުލިބޭ "ޓެރަރިސްޓުން" އިރާގުގެ ސަރަހައްދު ބޭނުންކޮށްގެން ސައުދީގެ ވެރިރަށް ރިޔާޟް އަދި އިރުމަތީ ސަރަހައްދުގައި ހުރި ޕެޓްރޯލިއަމް ކާރުހާނާތަކަށް ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލާފައިވެ އެވެ. ނަމަވެސް، ސައުދީގެ ދިފާއީ ބާރުތަކުން ވަނީ މި ޑްރޯންތަކަށް ހުރަސްއަޅައި ވައްޓާލާފައި ކަމަށް ބުންޏެވެ.

މި ހަމަލާއާ ގުޅިގެން ސައުދީން ވަނީ، އިރާގަކީ ސައުދީއަށް ޙަމަލާދޭ ލޯންޗިންގް ޕެޑެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓުވަން އިރާގު ސަރުކާރަށް ގޮވާލައިފަ އެވެ. މީގެ އިތުރުން، ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ ތާއީދުއޮންނަ ހޫތީ ޖަމާއާތުން ވެސް ވަނީ ސައުދީގެ ތެލުގެ ވަސީލަތްތަކަށް ޑްރޯން ހަމަލާތަކެއް ދިން ކަމަށް ބުނެފަ އެވެ.

ހޫތީން ބުނި ގޮތުގައި މިއީ ސައުދީން އެ ގައުމަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމެކެވެ. އަދި ސައުދީގެ ބަނދަރުތަކަށް ކަނޑުގެ މަގުން ހިސާރެއް އިއުލާންކޮށްފައިވާ ކަމަށް ވެސް އެ ޖަމާއަތުން އަންނަނީ ބުނަމުންނެވެ.

މި ކުރިމަތިލުންތަކަކީ 2022 ވަނަ އަހަރު ސައުދީ އާއި ހޫތީންނާ ދެމެދު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް ފަހު، ދެ ފަރާތުން މިފަދަ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފަ އެވެ.