އިމްތިހާނު ކަރުދާސްތައް ލީކުވުމާއި އެކަމާ ގުޅޭ އެކި މައްސަލަތަކާ ގުޅުވައި އިންޑިއާގެ ޒުވާނުން ކުރި މުޒާހަރާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބުނެ އަދި ބޭއަދަބީ ފޮޓޯ އާއި ކުރެހުންތައް ގެންގުޅުނު އެންމެންނަށް މާފުކުރަން ބޭނުންވާ ކަމަށް މޯދީ މިއަދު ވިދާޅުވެއްޖެ އެވެ. 

މޯދީގެ ސަރުކާރަށް ކުރިމަތިވި ސިޔާސީ ބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ، އޮންލައިން މޫވްމަންޓް ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ މުޒާހަރާގައި ބޮޑުވަޒީރަށް ހުތުރުބަހުން މުހާތަބުކުރާ މަންޒަރު ފެންނަ ވީޑިއޯތަކާ ގުޅިގެން، މޯދީއަށް ތާއީދުކުރާ މީހުންނާއި ގޭންގުތަކުގެ އިންޒާރުގެ އިތުރުން ފުލުހުންގެ ތަހުގީގުތަކާ ވެސް ބައެއް މީހުންނަށް ވަނީ ކުރިމަތިލާންޖެހިފަ އެވެ.

ފުލުހުން ވަނީ ބޮޑުވަޒީރަށް އަމާޒުކޮށްގެން އުފައްދާފައިވާ ހުތުރު އަދި ހަގީގަތާ ހިލާފް ކޮންޓެންޓް ނެގުމަށް މެޓާ އަދި އެކްސް ހިމެނޭ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެދިފަ އެވެ.

"ޖަންތަރު މަންތަރުގައި ހިނގާދިޔަ ކަންތައްތައް މުޅި ގައުމަށާއި ދުނިޔެއަށް ފެނުނު. ބައެއް ލާނެތް ޒުވާނުން ވަނީ ވަރަށް ހުތުރުބަހުން މުހާތަބުކޮށްފައި،" އުމުރުން 75 އަހަރުގެ މޯދީ ހުކުރު ދުވަހުގެ ރޭ އިސްޓަގްރާމްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވި އެވެ.

"ތަހުޒީބީ މުޖުތަމައަކަށް އެކަށީގެންނުވާ ފަދަ ބަސްތައް ބޭނުންކުރެވުނު — ހަމައެކަނި އަހަންނަކަށް ނޫން، އަހަރެންގެ މަރުވެފައިވާ މަންމައަށް ވެސް އަމާޒުކޮށް... އަހަރެން ބޭނުންވަނީ އެ މީހުންނަށް މާފުކުރަން."

ފުލުހުންގެ ގާނޫނީ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި މޯދީ ވިދާޅުވީ، "ޒުވާންއުމުރުގައި ހެދޭ ގޯސްތައް" އިސްލާހުކުރަންޖެހޭނީ ގާނޫނީ ފިޔަވަޅުތަކުގެ ބަދަލުގައި ނަސޭހަތާއި އިރުޝާދުގެ ތެރެއިން ކަމަށެވެ.

ފާއިތުވި މަހު ފެށުނު މި މުޒާހަރާތަކަކީ އިމްތިހާނު ޕޭޕަރުތައް ލީކުވުމުގެ ކަންބޮޑުވުމާ އެކު ފެށު މުޒާހަރާތަކެއް ނަމަވެސް، ފަހުން މިއީ ވަޒީފާނެތުމާއި ވެރިކަންކުރާ ގޮތާ މެދު އޮތް ނުރުހުން ފާޅުކުރުމުގެ ބޮޑު ހަރަކާތަކަށް ބަދަލުވެ، އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމާ ހަމައަށް ދިޔަ އެވެ.

ސީޖޭޕީން އެ މީހުންނަށް ތާއީދު ހޯދަމުން ދިޔަ ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމް ބޭނުންކޮށްގެން މޯދީ ގެންދަވަނީ ޒުވާނުންނާ ސީދާ މުއާމަލާތްކުރައްވަމުންނެވެ.

މޯދީގެ ވެރިކަންކުރާ ޕާޓީގެ އިންސްޓަގްރާމްގައި 9.6 މިލިއަން ފޮލޯވަރުން ތިބިިއިރު، މި އަހަރުގެ މޭ މަހު އަލަށް އުފެއްދި ސީޖޭޕީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 26 މިލިއަނަށްވުރެ ގިނަ އެވެ. -- އޭއެފްޕީ