ދުނިޔޭގެ އިގްތިސާދަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާނީ ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުން ހިމެނޭ ގޮތަށް ހުށަހަޅާފައިވާ ޝަރުތުތަކަށް އެމެރިކާއިން އެއްބަސްވުމުން ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށްފަހު، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި އެއްކޮށްހެން ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނަގަން އީރާނުން ނިންމައި، އީރާނުން ކަނޑައަޅާފައިވާ މަގު ނޫން އެހެން މަގުތަކުން ދަތުރުކުރަން އުޅޭ ކަމަށް ތުހުމަތުކޮށް ގިނަ އުޅަނދުތަކަކަށް ވަނީ ހަމަލާ ވެސް ދީފަ އެވެ. ހަނގުރާމައިގެ ކުރިން މިނިވަންކަމާ އެކު ދަތުރުކުރެވުނު މި ކަނޑުއޮޅީގައި މެދުނުކެނޑި ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން ވަނީ އޭޕްރީލް މަހު އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އުވިފަ އެވެ.
އެކަމަކު ސުލްހައިގެ މެދުވެރިން އަންނަނީ ޖޫން މަހުގެ ސޮއިކުރި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައިވާ ޝަރުތުތަކަށް ދެ ފަރާތުން ވެސް އަނބުރާ ރުޖޫއަވުމަށް ބާރުއަޅަމުންނެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، ކަނޑުއޮޅިން ދަތުރުފަތުރުކުރުމާއި އެ ކަނޑުއޮޅި މެނޭޖްކުރުމާ ބެހޭގޮތުން އުމާންއާ އެކު ކުރާ މަޝްވަރާތައް "އެންމެ ފަހުގެ މަރުހަލާއާ ހަމައަށް ގޮސްފައިވާ" ކަމަށެވެ. ނަމަވެސް ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ "އެހެނިހެން ޝަރުތުތަކެއް ފުރިހަމަވެ އަދި ޖޫން މަހުގެ އެއްބަސްވުމާ ހިލާފުވުމުން ލިބުނު ގެއްލުމުގެ ބަދަލު ލިބުމުން" ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ސެކިއުރިޓީ ޗީފް މުހައްމަދު ބާގިރު ޒުލްގަދަރު ހޮނިހިރު ދުވަހު ވަނީ ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ބޭނުންވާ މުހިންމު ކަންތައްތަކުގެ ލިސްޓެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި "އީރާނާއި، ލުބްނާން، ފަލަސްތީން، ޔަމަން އަދި އިރާގުގައިވާ އީރާނުގެ ބައިވެރިންނަށް ދެމުންދާ ހަމަލާތައް ހުއްޓާލުން" ހިމެނެއެވެ.
ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ކަނޑުގެ ބްލޮކޭޑް ހުއްޓާލުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ފްރީޒްކޮށްފައިވާ ފައިސާތައް ދޫކޮށްލުމަށާއި، ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެން ފައެވެ.
އަނެއްކޮޅުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީ "އީރާނާއި އުމާންއާ ދެމެދު ކުރާ މަޝްވަރާތަކާ ގުޅުމެއް އޮތް ކަމެއް ނޫން" ކަމަށާއި، "އީރާނުގެ ޝަރުތުތައް ގަބޫލުކުރަން ދުޝްމަނުންނަށް މަޖުބޫރުވާނެ" ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމުގެ ވާހަކަ އަލުން ދައްކާފައި ވާއިރު އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިއްޔެ ވަނީ މިއީ އެމެރިކާ އެކު އެއްބަސްވުމަކަށް އަންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ވިދާޅުވެފަ އެވެ. އަދި ތާއަބަދު ހަނގުރާމާގައި ނުތިބެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އޮތީ މަޝްވަރާގެ މަގުން އެއްބަސްވުމަކަށް ގޮސް، ހައްލުނުވެ ހުރި މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ލިބިފައިވާ ހާލަތެއް ކަމަށެވެ.