މީގެ އެތައް އަހަރެއް ކުރިން ފެށިގެން އީރާނުން ވާގިވެރިވެގެން ނުވަތަ ހިންގާފައިވާ ކަމަށް ބުނާ އަމަލުތަކުގެ ސަބަބުން ވެފައިވާ ގެއްލުމަށާއި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ވެފައިވާ ގެއްލުމުގެ ބަދަލު ހޯދަން، އީރާނާ އެކު ކުރާ ސުލްހައިގެ މަޝްވަރާތަކުގައި ހުށަހަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ. 

"އީރާނުން އެދެމުންދަނީ 'ފާއިތުވި ފަސް މަސްދުވަހުގެ އަސްކަރީ ހަމަނުޖެހުމުގައި އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ... އަހަރެންވެސް މި އެދެނީ އެމީހުން ގޮއްވި ބޮންތަކާއި އެކި ހަމަނުޖެހުންތަކުގައި މަރާލާފައިވާ އަދި ނުރައްކާތެރި ބޮޑެތި އަނިޔާތައް ދީފައިވާ އެންމެހައި މީހުންނަށްޓަކައި އީރާނުގެ ކިބައިން ބަދަލު ހޯދަން،" ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

ޓްރަމްޕު މިހެން ވިދާޅުވެފައި ވަނީ އީރާނަށް ހަމަލާ ދިނުމާ އެކު އެ ގައުމުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާނީ ހަނގުރާމާގައި އީރާނަށް ދިން ގެއްލުމުގެ ބަދަލު ދިނުމުން ކަމަށް އީރާނުން ބުނަމުން ދާތީ އެކަމާ ގުޅުވަ އެވެ. 

އީރާނުގެ އާންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ އިންޒާރާ އެކު އީރާނަށް 'ވަރަށް ވަރުގަދަ' ހަމަލާއެއް ދޭނެ ކަމަށް ޓްރަމްޕް ވަނީ އޭނާގެ އާންމުކޮށް ދެއްވާ ގޮތަށް، މިދިޔަ ހަފުތާގައި ވެސް އިންޒާރު ދެއްވައިފަ އެވެ. ނަމަވެސް ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައިވާކަމަށް އިޝާރާތް ކުރައްވައި ފަހުން އެ ވާހަކަ ބަދަލުކުރެއްވި އެވެ.

ޓްރޫތު ސޯޝަލްގައި އޭނާގެ މި ކޮމެންޓްތައް މި އައީ، އިތުރު އަސްކަރީ ހަމަލާތަކުގެ ބަދަލުގައި އިގްތިސާދީ ފިއްތުންތައް އިތުރުކުރުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވަމުން، މި ހަމަނުޖެހުމުގައި އޭނާ ގެންގުޅުއްވާ ވިސްނުން 'މައިތިރި' ކުރައްވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

ޖިޓަލް މީޑިއާ އައުޓްލެޓް 'އެކްސިއޯސް' އިން ބުނެފައިވާ ގޮތުގައި އާދީއްތަ ދުވަހު އެ މީޑިއާއިން ޝާއިއުކުރި ޓްރަމްޕުގެ އިންޓަވިއުގައި ވެސް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުން އީރާނުން ފަސްކުރަމުންދާތީ އެކަމާ އެއްވެސް ހިތްހަމަނުޖެހުމެއް ފާޅުކުރައްވައިފައެއް ނުވެ އެވެ. 

އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށާއި، އެ ގައުމުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ފިޔަވަޅުތައް އެންމެ ފުރަތަމަ އުވާލުމަށް އީރާނުން ވަނީ އެދިފަ އެވެ.

މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާއިރު، އީރާނުން ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ވަނީ ލޮޅުން އަރައިފަ އެވެ. މިއީ ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިލެކްޝަންގެ ކުރިން ޓްރަމްޕަށް އިތުރު ފިއްތުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމެކެވެ.

ޓްރަމްޕްގެ ޕޯސްޓުގައި، 2000 ވަނަ އަހަރު 'ޔޫ.އެސް.އެސް ކޯލް' އަށް ދިން ބޮމުގެ ހަމަލާއަށް އިޝާރާތްކުރައްވައި ވިދާޅުވީ، ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި "އީރާނުން މަރާލާފައިވާ، ކުށެއް ނެތް އެތައް ސަތޭކަ ހާސް، މުޒާހަރާގެ ބައިވެރިންގެ އާއިލާތަކަށް ވެސް ބަދަލު ދޭންޖެހޭނެ ކަމަށެވެ.

"އަހަރެންގެ މަންދޫބުންނަށް އިރުޝާދު ދީފައިވާނީ ކުރިއަށްއޮތް ކޮންމެ އަދި އެންމެހައި މަޝްވަރާތަކެއްގައި މިއީ ބަދަލުނުކުރެވޭނެ ޝަރުތެއްގެ ގޮތުގައި ހިމެނުމަށް،" އޭނާ ވިދާޅުވި އެވެ.