އެމެރިކާއަށްވުރެ އީރާން އޮތީ މާ ވަރުގަދަ މަގާމެއްގައި ކަމަށް ބެލެވޭތީ މިއީ އެމެރިކާއާ އެކު މެދުއީރުމަތީގައި ހިނގަމުންދާ އެތައް މަހެއްވީ ހަނގުރާމަ ނިންމާލަންވީ ވަގުތު ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ޒަމާންވީ ދެކޮޅުވެރިކަމެއް އޮންނަ ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް މަޑުޖެހިފައިވާއިރު، ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމާގައި ދެ ގައުމުން ވެސް ކާމިޔާބީއަށް ދައުވާކުރެ އެވެ. 

އީރާނުން ދަނީ މުހިންމު ހޮރްމޫޒް ކަނޑުއޮޅި އެކި ގޮތްގޮތުން ބަންދުކޮށް އެކަން ދަމަހައްޓަމުންނެވެ. އަދި އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް ހިންގަމުންނެވެ.

"އަޅުގަނޑުމެން ބާރާއި ގަދަރާއި އިއްޒަތުގެ މަގާމެއްގައި ތިބުމުން، މިހާރު މި ހަނގުރާމަ ނިންމާލުން މާ ރަނގަޅު،" ޑޮކްޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޕެޒެޝްކިއަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކާމިޔާބީ މުޅި ދުނިޔެ ގަބޫލުކުރޭ. އަދި އެމެރިކާއިން ހުރިހާ ގަވާއިދުތަކަކާ ހިލާފަށް އަޅުގަނޑުމެންގެ ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށާއި، އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފައިވާތީ، މުޅި ދުނިޔޭގައި ވެސް އެމެރިކާދެކެ ނަފްރަތުކުރާކަން ފާހަގަކުރޭ."

ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މަގުސަދުގައި ޖޫން މަހު އެމެރިކާއާ އެކު ހެދި އެއްބަސްވުން ދިފާއުކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވީ، އެއީ އީރާނުން ބަލިގަބޫލުކުރިކަން އަންގައިދޭ ކަމެއް ނޫން ކަމަށެވެ.

"މި އެއްބަސްވުމުގައި އީރާން އަމާންދިން ކަމަށް ބުނާ އެންމެ މާއްދާއެއް ވެސް ނުފެންނާނެ. ހުރިހާ އިލްތިޒާމްތަކެއް އޮތީ އަނެއް ފަރާތަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވީ، ހަނގުރާމަ ނިންމާލުމުގެ އެއްބަސްވުމާ މެދު "ތަފާތު ހިޔާލުތަކެއް" ހުރިނަމަވެސް، އެ އެއްބަސްވުމަށް އީރާނުގެ އިސް ލީޑަރު މުޖުތަބާ ޚާމަނާއީ ތާއީދުކުރައްވާފައިވާ ކަމަށް ވިދާޅުވިތާ ހަފްތާތަކެއް ފަހުންނެވެ.

އީރާނުގެ ގާނޫނު މަޖިލީހުގެ ހަރުކަށި މެމްބަރުން ވަނީ ސަރުކާރުން އެމެރިކާއަށް، ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން، ދޫތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށް ސަރުކާރަށް ފާޑުކިޔައިފަ އެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާގެ ނޭވީން ދަނީ ކަނޑުއޮޅީގެ ދެކުނު ސަރަހައްދުން ސިއްރުން ތެޔޮ އުފުލާ އުޅަނދުތަކަށް ރައްކާތެރިކަންދީގެން، ދުވާލަކު 5 - 10 މިލިއަން ފީފާއާ ދެމެދުގެ އަަދަދަކަށް ތެޔޮ އެކްސްޕޯޓްކުރުމުގެ ފުރުސަތު ހޯދައިދެމުންނެވެ.

އީރާނުން މާ ބާރުގަދަ މަގާމެއްގައި އޮތް ކަމަށް ދައުވާކޮށްފައިވަނީ، އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް އެމެރިކާއިން އިއުލާންކޮށްފައި ވަނިކޮށެވެ. އެމެރިކާގެ މި ނިންމުން އީރާނުގެ  ފޮރިން މިނިސްޓްރީން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެމެރިކާއިން ހިންގަނީ "އިގްތިސާދީ ޓެރެރިޒަމް" ކަމަށް ތުހުމަތުކޮށް، "މި ދަތިކުރުމުގެ ފިޔަވަޅުތައް ރާވާ ފަރާތްތަކަކީ ޝަރީއަތްކޮށް އަދަބުދޭންޖެހޭ ބައެއް" ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބުރާސްފަތި ދުވަހު ވިދާޅުވީ، އިންޒާރުދީފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކެމްޕޭނާ އެކު އެމެރިކާއިން އީރާން ސަރުކާރު "އިނދަޖައްސާލާނެ" ކަމަށެވެ. މި ވާހަކަތަކުން، އެމެރިކާގެ ރައީސްގެ މަގުބޫލުކަން ކުޑަ ހަނގުރާމައަށް ހަ މަސް ފުރެން ކައިރިވެފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން އީރާނަށް އަސްކަރީ ހަމަލާތަކުގެ ބަދަލުގައި އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުމަށް މިސްރާބު ބަދަލުކޮށްފިކަން ދޭހަވާ ކަމަށް މީހުން ބުނެ އެވެ.