އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ "އިގްތިސާދީ ހަނގުރާމަ"އިގައި ބައިވެރިނުވުމަށް އިރާނުން ހޮނިހިރު ދުވަހު އެހެން ގައުމުތަކަށް އިންޒާރުދީ، އެ ފަދަ ގައުމުތަކަކީ އިރާނުގެ ދުޝްމަނުންގެ ގޮތުގައި ބަލާނެ ކަމަށް ބުނެފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާން އިގްތިސާދީ ގޮތުން އެކެހެރިކުރުމަށް ފައްޓަވާފައިވާ އާ ކެމްޕޭނުގައި ބައިވެރިވުމަށް އެމެރިކާއިން ދަނީ އެ ގައުމުގެ ބައިވެރިންނަށް ބާރުއަޅަމުންނެވެ. މި ސިޔާސަތު ކުރިއަށް ނެރުއްވާފައި މި ވަނީ އެމެރިކާގެ މަގުބޫލުކަން ކުޑަ މި ހަނގުރާމައަށް ހަ މަސް ދުވަސް ފުރެން ކައިރިވެފައިވަނިކޮށެވެ.
"އެމެރިކާއިން ކުރިއަށްގެންދާ އިގްތިސާދީ ހަނގުރާމައިގައި ބައިވެރިނުވުމަށް ހުރިހާ ގައުމުތަކަށް އަހަރެމެން ގޮވާލަން،" އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ މުހްސިން ރެޒާއީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވިދާޅުވި އެވެ.
"އަހަރެމެންނާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅުތައް އަޅަން ބައިވެރިވާ ކޮންމެ ގައުމަކީ ދުޝްމަނެއްގެ ގޮތުގައި ބަލާނަން،" އޭނާ ވިދާޅުވި އެވެ.
އެ ގައުމުތަކުން އެމެރިކާއާ "ދުރުނުވެއްޖެ ނަމަ"، އިރާނުން އެ ގައުމުތަކުގެ މަސްލަހަތަށް "ގެއްލުންދޭނެ" ކަމަށް ވެސް ރެޒާއީ ވިދާޅުވި އެވެ.
މި ހަނގުރާމައިގައި އިރާނުގެ އަތުގައި "އަދިވެސް އިތުރު ކާޑުތައް އެބަހުރި" ކަމަށް ރެޒާއީ ވިދާޅުވި އެވެ. އަދި "އެމެރިކާގެ އިގްތިސާދީ މަސްލަހަތުތަކަށް އަދި އަހަރެމެން ހަމަލާއެއް ނުދެން" ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދާ ހަމައަށް އަހަރެމެން އަމާޒުކުރީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް. ނަމަވެސް އެ މީހުން އަހަރެމެންނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ބޭނުންވާ ނަމަ، އިރާނުގެ ވަށައިގެންނާއި އެހެން ތަންތަނުގައި ވެސް އެމެރިކާގެ ތެލާއި އިގްތިސާދީ ކުންފުނިތައް އެބަހުރި. އަދި އަހަރެމެން އެތަންތަނަށް ހަމަލާދޭނަން،" ރެޒާއީ އިންޒާރު ދެއްވި އެވެ.
ޓްރަމްޕް "ފިޔަވަޅެއް އަޅައިފި ނަމަ، އަހަރެމެންގެ ކުރިމަތިލުން ވެގެންދާނީ ޒަލްޒަލާއެއް ފަދަ ކަމަކަށް،" އޭނާ އިންޒާރު ތަކުރާރުކުރެއްވި އެވެ.
އިރާން އިގްތިސާދީ ގޮތުން އެކެހެރިކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެމެރިކާއިން ދަނީ އެހެން ސަރުކާރުތަކަށް ވެސް ގޮވާލަމުންނެވެ. މީގެ ތެރޭގައި އިރާނުގެ އެންމެ އިސް އެއް ސްޓްރެޓީޖިކް ބައިވެރިޔާ ކަމަށްވާ ޗައިނާ ވެސް ހިމެނެ އެވެ. ނަމަވެސް ޗައިނާއިން ވަނީ މި ނިންމުމަށް ފާޑުކިޔައި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ނުލިބޭނެ ކަމަށް ބުނެފަ އެވެ.
އިރާނުގެ ވިޔަފާރީގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޔޫއޭއީ އިން އަންގާރަ ދުވަހު ވަނީ، ވަކި ގޮތެއް ކަނޑައަޅަންދެން، އީރާނާ އެކު ވިޔަފާރި އާއި މާލީ މުއާމަލާތްތައް ސަސްޕެންޑްކޮށްފައިވާކަން އިއުލާންކޮށްފަ އެވެ. -- އޭއެފްޕީ