އެމެރިކާއިން އިރާނުގެ އިގްތިސާދަށް އިތުރަށް ދަތިކުރުމުގެ މަގްސަދުގައި އަލަށް އަޅަން ނިންމި ފިޔަވަޅުތަކާ އެކު، އީރާނުގެ ރައްޔިތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހު އިއުތިރާފުވެވަޑައިގެންފި އެވެ.
"އަޅުގަނޑުމެންގެ މުޖުތަމައުގައި މިވަގުތު ގިނަ މައްސަލަތަކެއް ހުރިކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުމެން މި ދަނީ ވީވަރަކުން މި މައްސަލަތައް ހައްލުކޮށް، ދިމާވާ ދަތިތައް ކުޑަކުރުމަށް މަސައްކަތް ކުރަމުން،" ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ޕެޒެޝްކިއަން ވިދާޅުވި އެވެ.
ޕެޒެޝްކިއަން މިހެން ވިދާޅުވެފައިވަނީ، އިރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ގާތްގަނޑަކަށް ހަ މަސްދުވަސް ވެފައިވަނިކޮށް، އަލަށް އިއުލާނުކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އީރާނުގެ ސަރުކާރު "ވައްޓާލާނެ" ކަމަށް އެމެރިކާއިން އިން އިންޒާރަށް ރައްދު ދެއްވަމުންނެވެ.
މިކަމާ ގުޅިގެން ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން އިރާން މިހާރު ވަނީ "ފުރިހަމަ އިގްތިސާދީ، އަސްކަރީ އަދި ސެކިއުރިޓީ ހަނގުރާމައެއްގެ ތެރޭގައި" ކަމަށެވެ.
"އޭނާ [ޓްރަމްޕް] އެ ވިދާޅުވަނީ އިރާނާ ދެކޮޅަށް އެންމެ ވަރުގަދަ އަދި ބިރުވެރި ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށް،" ޕެޒެޝްކިއަން ވިދާޅުވި އެވެ.
ފަހަކަށް އައިސް، އީރާނުގައި އިގްތިސާދީ ދަތިކަމާއި، އިންފްލޭޝަން މަތިވުމާއި، ފައިސާގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބާރު ބޮޑުވެ މުޒާހަރާތައް ވަނީ އުފެދިފަ އެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ފެށުނު މުޒާހަރާތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ވަނީ ސަރުކާރާ ދެކޮޅު ބޮޑު އިހްތިޖާޖަކަށް ބަދަލުވެފަ އެވެ. މި ހަމަނުޖެހުންތަކުގައި 3,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ރިޕޯޓްކޮށްފައި ވާއިރު، އީރާނުން ވަނީ މި ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ އެމެރިކާ އާއި އިޒްރޭލު ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ބޭރުގެ އެންޖީއޯތަކުން ބުނާ ގޮތުގައި، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެއްވެސް ބެލުމެއްނެތި ވަރުގަދަ ހަމަލާތަކެއް ދީ، ހާހުން މީހުން މަރައިފަ އެވެ.
"އަޅުގަނޑުމެން މިދަނީ އިންފްލޭޝަނާ ކުރިމަތިލައި، ދިރިއުޅުމުގެ މައްސަލަތަކާއި ވަޒީފާނެތުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން. އަދި ރައްޔިތުންނަށް ޝަރަފުވެރިކަމާ އެކު އުޅެވޭނެ ފަދަ މުސްތަގުބަލެއް ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރަމުން،" އާދީއްތަ ދުވަހު ޕެޒެޝްކިއަން ވިދާޅުވި އެވެ. -- އޭއެފްޕީ