އިންޑިއާ އިން ބޭރަށް ދަތުރުކުރާ އިންޓަނޭޝަނަލް ފަސިންޖަރުން، އިމިގްރޭޝަން ކްލިއަރެންސް ހޯދާއިރު ޕްރިންޓްކޮށްފައިވާ ބޯޑިން ޕާހުގެ ބަދަލުގައި ޑިޖިޓަލް ބޯޑިން ޕާސް ބޭނުންކުރެވޭ ގޮތް ހަދައި އަދި ކަރުދާސް ބޯޑިންޕާސް ދިން ކަމުގައި ވިޔަސް އޭގައި ސްޓޭމްޕް ޖެހުން ހުއްޓާލަން ނިންމައިފި އެވެ.

ބޯޑިން ޕާހުގައި ސްޓޭމްޕު ޖެހުން ސެޕްޓެމްބަރު 1 އިން ފެށިގެން ހުއްޓާލުމާއި އިތުރު ބަދަލުތައް ބިއުރޯ އޮފް އިމިގްރޭޝަނުން އެއާޕޯޓް އޮޕަރޭޓަރުންނާއި، ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އަދި ކަމާބެހޭ އެހެން ފަރާތްތަކަށް މިހާރު ވަނީ އަންގައިފަ އެވެ.

މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، ބައިނަލްއަގުވާމީ ދަތުރުވެރިން އިމިގްރޭޝަން ކައުންޓަރަށް ބޯޑިން ޕާސް ހުށަހެޅުމުން، އިމިގްރޭޝަން އޮފިސަރު އޭގައި ތައްގަނޑު ޖަހަ އެވެ. ނަމަވެސް، ދިއްލީގެ ފޮރިން ރީޖަނަލް ރެޖިސްޓްރޭޝަން އޮފިސަރު (އެފްއާރުއާރުއޯ) ދީޕަކް ޔަދާވް ފޮނުއްވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން މި އުސޫލު އުވާލާނެ އެވެ.

ބޯޑިން ޕާހުގައި ތައްގަނޑު ޖަހަންޖެހުމުގެ ސަބަބުން ދަތުރުވެރިންނަށް ތަކްލީފުތަކާ ކުރިމަތިވާ ކަމަށް ފާހަގަކުރެވިފައިވެ އެވެ. އަދި ބައެއް ފަހަރު ތައްގަނޑު ސާފުކޮށް ނުޖެހުމުގެ ސަބަބުން ބޯޑިން ޕާހުގެ މައުލޫމާތު ބަލަން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވެ އެވެ. އާ ނިޒާމާ އެކު، ބޯޑިން ޕާހުގައި ތައްގަނޑު ނުޖަހައި އިމިގްރޭޝަން ކްލިއަރެންސް ފުރިހަމަކުރެވޭނެ އެވެ.

މި ބަދަލާ އެކު ދަތުރުވެރިންނަށް އިމިގްރޭޝަން ކައުންޓަރުތަކުން، ފޯނުގައިވާ އީ-ބޯޑިން ޕާސް (ޑިޖިޓަލް ބޯޑިން ޕާސް) ދެއްކޭނެ އެވެ. ނަމަވެސް، ޕްރިންޓްކޮށްފައިވާ ބޯޑިން ޕާސް ބޭނުންކުރަން ބޭނުންވާ ދަތުރުވެރިންނަށް އެ ފުރުސަތު އަދިވެސް އޮންނާނެ އެވެ. މުހިންމު ބަދަލަކީ، ކަރުދާސް ބޯޑިން ޕާސް ގެންގުޅުނު ކަމުގައި ވިޔަސް، އިމިގްރޭޝަނުން އޭގައި ތައްގަނޑު ނުޖެހުމެވެ.

ހިންދޫސްތާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ އުސޫލަށް ސެޕްޓެމްބަރު 1 ވާ އަންގާރަ ދުވަހުން ފެށިގެން، އިންޑިޔާގެ ހުރިހާ ބައިނަލްއަގުވާމީ އެއާޕޯޓްތަކެއްގައި އަމަލުކުރަން ފަށާނެ އެވެ. މިއީ އިމިގްރޭޝަން މަރުހަލާ އަވަސްކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.