އިންޑިއާގެ ޖައިޕޫރު ދަތުރެއްގައި ބޭނުންކުރި ޗާޓަރު މަތިންދާބޯޓަކަށް "ކުޅޭބޯޓެއް" އަދި "ލެގޯ މަތިންދާބޯޓެއް" ކިޔައިގެން ސޯޝަލް މީޑިއާގައި ވާހަކަދެއްކުމާ ގުޅިގެން ބޮލީވުޑްގެ ނަށުންތެރިޔާ ނޯރާ ފަތޭހީއާ ދެކޮޅަށް ތިން ކްރޯޑު ރުޕީސްގެ އަބުރާ ބެހުމުގެ ދައުވާއެއް ކުރަން އޭވިއޭޝަން ކުންފުންޏަކުން އިންޑިއާގެ ކޯޓަކަށް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދައުވާ ނޯރާއާ ދެކޮޅަށް ހުށަހަޅާފައި ވަނީ "ޑިއުންސް އޭވިއޭޝަން" ނަމަކަށް ކިޔާ ކުންފުންޏަކުން ގުޖުރާތުގެ ގާންދީނަގަރު ކޯޓަށެވެ. "ޑިއުންސް އޭވިއޭޝަން"އަކީ ޗާޓަރު ފްލައިޓާއި ޖެޓުގެ ހިދުމަތް ދޭ ކުންފުންޏެކެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުނީގެ "ސެސްނާ ސައިޓޭޝަން ސީޖޭޓޫ" މަރުކާގެ މަތިންދާބޯޓެއްގައި ދަތުރުކުރުމަށް ފަހު ނޯރާ ވަނީ އެ ބޯޓުގެ އެތެރޭގައި ވީޑިއޯތަކެއް ނަގައި، އެއީ "ކުޅޭބޯޓެއް" ކަމަށް ބުނެ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމުކޮށްފަ އެވެ.
އޭވިއޭޝަން ކުންފުނިން ކޯޓުގައި ބުނެފައި ވަނީ 46 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ނޯރާގެ މި ޒިންމާދާރުކަން ކުޑަ އަދި ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ކުންފުނީގެ އަބުރަށް ބޮޑު އުނިކަމެއް ލިބި، ދަތުރުތައް ކެންސަލްވުމުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ކުންފުނީގެ ވިޔަފާރިގެ ބުކިންތައް 15 އިން 20 ޕަސެންޓަށް ދަށްވެ، މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ޑިއުންސް އޭވިއޭޝަނުން ބުނި ގޮތުގައި، އެ މަތިންދާބޯޓަކީ އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުރިހާ ހުއްދައެއް އޮތް، ދަތުރުފަތުރަށް ރައްކާތެރި އަދި އެފަދަ ދަތުރުތަކަށް އެންމެ އެކަށީގެންވާ ކަހަލަ ބޯޓެކެވެ.
މާލީ ބަދަލުގެ އިތުރުން، ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އެ ވީޑިއޯތައް ވަގުތުން ނެގުމަށާއި އަދި ނޯރާ އާންމުންގެ ކިބައިން މާފަށް އެދި ބަޔާނެއް ނެރުމަށް ވެސް ކުންފުނިން ވަނީ އެދިފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ގާންދީނަގަރުގެ ސީނިއާ ސިވިލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހަށެވެ.