އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން ސީރީޒްގެ އިތުރުން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ، އެ ކުންފުނީގެ ފަތްޖެހޭ ފޯނު ދައްކާލުމަށް ބާއްވާ ހާއްސަ ހަފްލާ އަންނަ މަހުގެ 9 ވަނަ ދުވަހަށް ތާވަލްކޮށްފި އެވެ. 

މިއީ އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް ކުންފުންޏާ ހަވާލުވެވަޑައިގަތުމަށް ފަހު ބާއްވާ ފުރަތަމަ ބޮޑު އިވެންޓެވެ. ސެޕްޓެމްބަރު 1 ވަނަ ދުވަހު ޓާނަސް ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާއިރު، ކުރީގެ ސީއީއޯ ޓިމް ކުކް ބަދަލުވެވަޑައިގަންނަވާނީ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށެވެ.

އެނަލިސްޓުން ބުނާ ގޮތުގައި އެޕަލްއިން ތައާރަފުކުރާ ފުރަތަމަ ފަތްޖެހޭ އައިފޯނަކީ އެ ކުންފުންޏަށް ވަރަށް މުހިންމު އުފެއްދުމަކަށް ވާނެ އެވެ. އަދި މިއީ މިހާރު ފޯލްޑަބަލް ފޯނުތަކުގެ މާކެޓް ކޮންޓްރޯލް ކުރަމުން އަންނަ ސެމްސަންގް އިލެކްޓްރޯނިކްސްއަށް އެޕަލްއިން ކުރިމަތިކުރާނެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ވެސް ބެލެވެ އެވެ.

އައިޑީސީ ރިސާޗް ފާމުން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރާ ހަމައަށް އެޕަލްއިން 17 މިލިއަނަށްވުރެ ގިނަ ފޯލްޑަބަލް އައިފޯން މާކެޓަށް ނެރޭނެ އެވެ. ދުނިޔޭގެ މާކެޓުގައި މެމޮރީ އަދި ސްޓޯރޭޖް ޗިޕްތައް ލިބުން ދަތިވުމުގެ ސަބަބުން އިލެކްޓްރޯނިކްސް ތަކެތީގެ އަގުތައް އުފުލިފައިވީ ނަމަވެސް، ފޯލްޑަބަލް ފޯނުތަކުގެ މާކެޓު ކުރިއަރަމުންދާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.

އެޕަލްގެ އިވެންޓުގައި އައިފޯން 18 ސީރީޒްގެ އިތުރުން އެޕަލް ވޮޗްގެ އާ މޮޑެލްތައް ވެސް ދައްކާލާނެ ކަމަށް ބެލެވެ އެވެ.