މެޑިޓަރޭނިއަން ކަނޑުގައި އާދަޔާ ހިލާފަށް މައިކްރޯއަލްގޭ  އާލާވުމުގެ ސަބަބުން އިޒްރޭލުގެ އެންމެ ބޮޑު ހަ ޑިސެލިނޭޝަން ޕްލާންޓުގެ ތެރެއިން ފަސް ތަނެއް ބަންދުކުރަންޖެހިއްޖެ އެވެ. 

އެހެންވެ އިޒްރޭލުގެ ފެނުގެ ސަޕްލައިއަށް ވަރަށް ބޮޑަށް ބުރޫއަރައި ދަނޑުވެރިކަމަށާއި އާންމު ބޭނުންތަކަށް ފެން ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ.  ސައިންސްވެރިން ބުނެފައިވާ ގޮތުގައި މި އަލްގޭތައް އާލާވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާއިން ކަނޑަށް ދޫވަމުންދާ ނަޖިސްފެނެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ޖަރީމާގައި ވަނީ، ޣައްޒާގެ ނަޖިސްފެން ޓްރީޓްކުރާ ހުރިހާ މަރުކަޒުތަކަކަށް ވެސް ބޮންއަޅައި ހަލާކުކޮށްލައިފަ އެވެ. އެހެންވެ،  ނަޖިސްފެން އެ ހުރި ގޮތަށް ކަނޑަށް ބޭރުވަމުން ދާއިރު އެއާ އެކު ބޭރުގައި ކެމިކަލްތަކުގެ ސަބަބުން އަލްގޭތައް އާދަޔާ ހިލާފަށް އިތުރުވީ ކަމަށް ސައިންސްވެރިން ބުނެ އެވެ. 

އިޒްރޭލަށް މި ހާލަތު ކުރިމަތިވި އިރު އިޒްރޭލުން މިހާރުވެސް ދަނީ ޣައްޒާގެ ރައްޔިތުން ކާނާ އާއި ސާފު ބޯފެން ލިބުމުގެ މަގުތަކަށް ވަރަށް ބޮޑަށް ހުރަސްއަަޅަމުންނެވެ. ހަނގުރާމައިގެ ކުރީކޮޅު އިޒްރޭލުން  ވަނީ ޣައްޒާއަށް ދެމުންދިޔަ ފެނާއި ކަރަންޓު އެއްކޮށް ކަނޑާލައިފަ އެވެ. މީގެ އިތުރުން ޣައްޒާގެ އަމިއްލަ ފެން ވަޅުތަކާއި ފެން ސާފުކުރާ ޕްލާންޓްތައް ވެސް ބޮންއަޅައި ނައްތާލި އެވެ. 

އަދި އެ ދުވަސްވަރު އިޒްރޭލުގެ އާންމުން ޣައްޒާގެ ރައްޔިތުންނަށް މަލާމާތްކޮށް ގިނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރި އެވެ. އޭގެ ތެރޭގައި އިޒްރޭލު މީހުން އަމިއްލަ ގޭގޭގެ އިސްކުރުތަކުން ފެން ބޭނުން ވަރަކަށް ފެން ނަގާ މަންޒަރު ދައްކައި ފުރައްސާރަކުރި އެވެ. އަދި ގޭގެ ބޮކިތައް ނިއްވައި ދިއްލުން ފަދަ ކަންކަން ވީޑިއޯކޮށް ފެނާއި ކަރަންޓު ނެތި ހާލުގައި ތިބި ޣައްޒާގެ ރައްޔިތުންނަށް، މަލާމާތްކުރި އެވެ.

އަލްގޭގެ ސަބަބުން ފެން ތަޣައްޔަރުވެ، ޕްލާންޓްތަކުގެ ފިލްޓަރުތައް ބެދޭތީ އަޝްކެލޮން، އަޝްދޮދް، ޕަލްމާޗިމް، ސޮރެކް އޭ އަދި ސޮރެކް ބީ ޕްލާންޓްތައް ވަނީ ބަންދުކޮށްފަ އެވެ.  މިކަމުގައި ގޮތް ހުސްވެ އިޒްރޭލުގެ ވޯޓާ އޮތޯރިޓީ، 'މެކޮރޮޓް' އިން ވަނީ އަލްގޭތައް ނައްތާލަން ކަނޑަށް ކޮޕާ ސަލްފޭޓް ކެމިކަލް އަޅައިފަ އެވެ. މިއީ ވަރަށް ސިއްރިއްޔާތުގައި ކުރި ކަމެއްގެ ގޮތުގައި މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެހެން ހެދުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވެ، މިހާރު ވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރުން މަނާކޮށްފަ އެވެ. 

މި ކާރިސާއަށް ފަހު މިހާރު ވަނީ ޣައްޒާއަށް ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ދެމުންދިޔަ ކުޑަ ފެންފޮދު ވެސް އެއްކޮށް ކަނޑާލައިފަ އެވެ. މީގެ ސަބަބުން ޣައްޒާގެ މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ ސާފު ފެން ނުލިބި އެވެ.