އިރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫތީ ޖަމާއަތުން އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށްފައިވީ ނަމަވެސް، އެމެރިކާއަށް ހަމަލާނުދިނުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕާ ހަވާލާދީ އާދިއްތަ ދުވަހު ފޮކްސް ނިއުސްއިން ބުނެފި އެވެ.

ޓްރަމްޕާ އާންމުކޮށް ވާހަކަދައްކާ އެ ނެޓްވޯކުގެ ރިޕޯޓަރު ޓްރޭ އިންގްސްޓް، ރައީސް ޓްރަމްޕާ ހަވާލާދީ ބުނީ، އެމެރިކާއިން ދަނީ "ހޫތީންނާ އެކު މެދުކެނޑުމެއްނެތި މުއާމަލާތް ކުރަމުން" ކަމަށާއި "އެމެރިކާއާ ދެކޮޅަށް ހަނގުރާމަނުކުރުމަށް އެ މީހުން އެއްބަސްވެފައިވާ" ކަމަށެވެ.

ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ބާރުތަކަށް ހަމަލާދިނުމުން ހޫތީން އެއްކިބާވަމުންދާ ކަމަށް ޓްރަމްޕް ކުރިން ވެސް ވަނީ ދައުވާ ކުރައްވައިފަ އެވެ.

"ހޫތީން އަޅުގަނޑުމެންނަށް ގުޅާފައި ބުނީ އަޅުގަނޑުމެންނާ ދެކޮޅަށް ހަނގުރާމަކުރާކަށް ބޭނުމެއް ނޫނޭ،" ސެޕްޓެމްބަރު 12 ގައި އަޔަލޭންޑަށް ކުރެއްވި ޒިޔާރަތެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މީހުންގެ ފަހަތުންދާކަށް ވެސް އެ މީހުން ބޭނުމެއް ނުވޭ."

ނަމަވެސް، ފޮކްސް ނިއުސްއަށް ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ އެމެރިކާގެ ގާތް ބައިވެރިއެއް ކަމަށްވާ ސައޫދީ އަރަބިއްޔާއަށް ކުރިމަތިވެފައިވާ ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. ހޮނިހިރު ދުވަހު ސައޫދީގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ވަނީ ދީފަ އެވެ.އަދި ހޫތީން ވަނީ ޔަމަނުގެ އެތެރޭގައި އަވަސް ކުރިއެރުންތަކެއް ހޯދައި، ސައޫދީން ބާރުދޭ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުގެ އަތުން ބޮޑެތި ސަރަހައްދުތަކެއް އަތުލައި ހިފައިފަ އެވެ.

ފޮކްސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މިހާރު ހުންނެވީ އީރާނާމެދު "ގޮތެއް ނިންމެވުމުގެ މަރުހަލާ" ގައެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުގެ ބާރުތަކުން އިރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމާ އެކު ފެށުނު ހަނގުރާމައަށް، މިހާރު ވަނީ ގާތްގަނޑަކަށް ހަތް މަސް ވެފަ އެވެ. 

"ވަރަށް އަވަސް މުސްތަގުބަލެއްގައި ބޮޑެތި ކަންތައްތަކެއް ހިނގާނެ" ކަމަށާއި "އިރާނުން ރަނގަޅަށް އުޅުން ބަހައްޓަންޖެހޭ ކަމަށާއި، އެ ގައުމު ގޮއްވާލާނެތޯ ނުވަތަ ނޫންތޯ ނިންމެވުމުގެ މަރުހަލާގައި" ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް އިންގްސްޓް ބުނެފައިވެ އެވެ. -- އޭއެފްޕީ