އީރާނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ ގައުމު އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ.ގެ އާންމު މަޖިލީހުގެ މުޅި ތަގުރީރު ވެސް އިންޒާރުގެ މައްޗަށް ބިނާކުރައްވައިފި އެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ސެޝަންގައި ދުނިޔޭގެ ލީޑަރުންގެ ކުރިމަތީގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އޭނާގެ ކުރިމަތީގައި މިހާރު އޮތީ ބޮޑު ނިންމުމެއް ކަމަށެވެ. އެއީ އީރާނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އައިސް އެ ގައުމު އަލުން ބިނާކުރުމުގެ ފުރުސަތު ދިނުން ނުވަތަ އީރާން އެއްކޮށް ދުނިޔެއިން ފޮހެލުން ކަމަށް އޭނާ ވިދާޅުވި އެވެ. ޓްރަމްޕްގެ މި ހަރުކަށި ބަސްމަގުގެ ސަބަބުން އދ. ގެ ހޯލުގައި ތިބި އީރާނާއި ކިއުބާގެ ވަފުދުތަކުން ވަނީ އިހުތިޖާޖުގެ ގޮތުން މަޖިލިސް ދޫކޮށް ނުކުމެފަ އެވެ.
މި ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިހާބަށްފަހު އީރާނާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ވިދާޅުވަމުން، ޓްރަމްޕް ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް އީރާން އެކަހެރިކުރުމަށް ގޮވާލައްވައިފަ އެވެ. "އީރާނުގެ ޓެރަރިޒަމް" ހުއްޓުވުމަށާއި އެ ގައުމަށް މަޖުބޫރުކޮށްގެން މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި، ފުރިހަމަ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ޓްރަމްޕް ބާރުއެޅުއްވި އެވެ.
އީރާނުގެ މައްސަލައިގެ އިތުރުން، ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުގެ ބިއުރޯކްރަސީއަށް ވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ނިންމުންތަކަށް އެމެރިކާއިން ބޯނުލަނބާނެ ކަމަށާއި، އެމެރިކާގެ ސިފައިން އެ ކޯޓުގެ އިހުތިސާސުގެ ދަށަށް ދުވަހަކު ވެސް ނުގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. މިއީ އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި ހިންގާފައިވާ ކަމަށް ބުނާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އދ. އިން ނެރުނު ރިޕޯޓަށް ރައްދުދެއްވައި ޓްރަމްޕް ވިދާޅުވި ވާހަކައެކެވެ.
ޓެކްނޮލޮޖީގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ޓްރަމްޕް ވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން ދުނިޔެއިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖޯކު ޖައްސަވައިފަ އެވެ. އަދި އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކުގައި ދެން ބޭނުންކުރާނީ "ސުޕަ އިންޓެލިޖެންސް" މި ލަފުޒު ކަމަށް އިއުލާންކުރައްވައި، އޭއައި ރެގިއުލޭޓް ކުރުމުގެ ބަދަލުގައި އެމެރިކާއިން އިސްކަންދޭނީ އެ ޓެކްނޮލޮޖީ ހައްދެއް ނެތި ކުރިއެރުވުމަށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ގްރީންލޭންޑްގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމްކުރުމުގެ އާ އެއްބަސްވުމާ ބެހޭގޮތުންނާއި، ޣައްޒާގެ މައްސަލައަށް އެމެރިކާއިން ހުށަހަޅާ 20 ނުކުތާގެ ސުލްހައިގެ ޕްލޭނަށް ވެސް ޓްރަމްޕްގެ ތަގުރީރުގައި އަލިއަޅުއްވާލެއްވި އެވެ. ޓްރަމްޕް ވިދާޅުވީ އޭނާގެ ޒައާމަތުގައި އެމެރިކާ މިހާރު އޮތީ ތާރީހުގައި ވެސް އެންމެ ވަރުގަދަ އަދި ކުރިއަރާފައިވާ ހާލަތެއްގައި ކަމަށެވެ.