އުމާން އައްސޭރިފަށުން ދަތުރުކުރަމުންދިޔަ އިންޑިއާގެ މުދާ އުފުލާ ބޯޓަކަށް ވައިގެ މަގުން ދިން ނުރައްކާތެރި ހަމަލާއެއްގައި، އޭގެއިން ދަތުރުކުރި އިންޑިއާގެ ފަޅުވެރިއަކު މަރުވެއްޖެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ޝިޕިން މިނިސްޓަރު ސަރުބާނަންދާ ސޮނޮވާލް ވިދާޅުވީ، ހަމަލާދިން ވަގުތު "އެމްއެސްވީ އަލް ޖުސޫފީ" ކާގޯ ބޯޓުގައި އިންޑިއާގެ 14 ފަޅުވެރިން ތިބި ކަމަށެވެ. މި ހަމަލާގައި މަރުވެފައިވަނީ އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ގަންދަރު ނާހިމް އަޖީޖް ނަމަކަށް ކިޔާ ފަޅުވެރިއެކެވެ.

"ވައިގެ މަގުން އައި މި ހަމަލާއަށް ފަހު، ބޯޓުގައި ތިބި 13 ފަޅުވެރިއަކު ވަނީ ސަލާމަތްކުރެވިފައި. އޮމާންގެ ކޯސްޓްގާޑުން ވަނީ އެ މީހުން ރެސްކިއުކޮށްފައި،" މިނިސްޓަރު ސޮނޮވާލް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަލާމަތްވި ފަޅުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މަރުވި ފަޅުވެރިޔާގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް އޮމާންގައި ހުންނަ އިންޑިއާ އެމްބަސީއާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.

މި ހަމަލާއާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާ އާންމު މުދާ އުފުލާ ބޯޓުފަހަރަށް ހަމަލާދިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންޑިއާއިން ވަނީ ގޮވާލައިފަ އެވެ.

ބައިނަލްއަގުވާމީ ވިޔަފާރި މުދާ އުފުލާ ބޯޓުފަހަރުގައި އެންމެ ގިނައިން މަސައްކަތްކުރާ އެއް ގައުމަކީ އިންޑިއާ އެވެ. އެގައުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރާ ހަމައަށް 320،000 އަށްވުރެ ގިނަ އިންޑިއާގެ ފަޅުވެރިން ދުނިޔޭގެ އެކި ކަނޑުތަކުގައި ހަރަކާތްތެރިވެ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު، ހޮރްމޫޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ދޭތެރެ ދޭތެރެއިން، އާންމު މުދާ އުފުލާ ބޯޓުފަހަރަށް ހަމަލާތައް އަމާޒުވަމުންދާއިރު، މީގެ ކުރިން ވެސް އިންޑިއާގެ ބައެއް ފަޅުވެރިން މިފަދަ ހަމަލާތަކުގައި މަރުވެފައިވެ އެވެ.