އެމެރިކާގެ އެއާޕޯޓްތަކުގެ އޮޕަރޭޝަންތައް ގަޑިއިރުތަކަކަށް ހުއްޓުމަކަށް އައުމަށް ފަހު، އެ ގައުމުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި އެވެ. އަދި މި ހާދިސާ ހިނގީ ސައިބާ ހަމަލާއެއްގެ ސަބަބުން ނޫން ކަމަށާއި، އެއީ ބާވެފައިވާ އާލާތްތަކަކަށް ދިމާވި މައްސަލައެއް ކަމަށް ކަމާބެހޭ އިސް އޮފިޝަލުން ވަނީ ބުނެފަ އެވެ.
ވައިޓް ހައުސްގައި ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، އީސްޓަން ޓައިމް އިން ރޭ 8:15 ގައި އެމެރިކާގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް، ދަތުރުފަތުރަށް ކުރިމަތިވި ބުރޫއެރުންތައް އެއްކޮށް ހަމައަކަށް އެޅެން ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރުން މިހާރަށް ހުރިހާ ފްލައިޓެއް އުދުހޭނެތޯ؟ ނޫން، މިކަން ކުރިއަށްދާނީ މަޑުމަޑުން،" ޑަފީ ވިދާޅުވި އެވެ.
މި މައްސަލަ ދިމާވެފައި މިވަނީ، އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމު ޒަމާނީކޮށް އަޕްގްރޭޑް ކުރުމަށްޓަކައި 30 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހޯދުމަށް ޑަފީ އާއި ވައިޓް ހައުސްއިން ކޮންގްރެސްގައި ރަސްމީކޮށް އެދުނުތާ އެއް ދުވަސް ފަހުންނެވެ.
ޑަފީ ވިދާޅުވި ގޮތުގައި މައްސަލަ ޖެހުނީ ޑޭޓާތައް އޯވަލޯޑްވެ، ސިސްޓަމްތަކުގެ ސްވިޗްތަކާއި ރައުޓަރުތައް ހުއްޓުމުންނެވެ. އެއީ ބާވެފައިވާ ހާޑްވެއާތަކަށް ދިމާވި މައްސަލައެއްކަން ފާހަގަކުރައްވައި، މިކަމަށް ކޮންގްރެސްއިން ފައިސާ ދޭން އެމެރިކާގެ ރައްޔިތުން ބޭނުންވޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ނަމަވެސް، ވައިގެ ދަތުރުފަތުރު ކުރުމަކީ އަދިވެސް ރައްކާތެރި ކަމެއް ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މި ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވަނީ، މިއީ އެމެރިކާއަށް އަމާޒުވި ސައިބާ ހަމަލާއެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހިދުމަތްތަކަށް ބުރޫއެރި މައިކްރޮސޮފްޓްގެ މައްސަލައާ މިކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ސައިބާ ހަމަލާއެއް ނުދޭ. އާންމުކޮށް ސައިބާ ހަމަލާއެއް ދީފި ނަމަ ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ ނަގާނެ. އެކަމަކު އެފަދަ އެއްވެސް ނިޝާނެއް ނެތް،" މުލިން ވިދާޅުވި އެވެ.
ނަމަވެސް، އެމެރިކާގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެއްވެސް ކަމެއް އަދި އެއްކޮށް ދޫކޮށްނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލައިޓްތައް ހުއްޓުނުތާ ފަސް ގަޑިއިރު ވީއިރު ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްވެސް އެއްޗެއް ވިދާޅުނުވާތީ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މި ދެ އޮފިޝަލުން ވަނީ ރައީސް ދިފާއު ކުރައްވައިފަ އެވެ. އެގޮތުން، ހާދިސާ ހިނގުމާއެކު ޓްރަމްޕް ކަމާބެހޭ ފަރާތްތައް އޮފީހަށް ހާޒިރުކުރައްވައި، މައުލޫމާތު ސާފުކުރައްވަމުން ގެންދެވި ކަމަށް މުލިން ވިދާޅުވި އެވެ. -- އޭއެފްޕީ